އުދަ އަރާނެކަމަށް ލަފާކޮށްފައިވާތީ ބްރިޖާއި ހައިވޭގައި، ދަތުރު ކުރާ ފަރާތްތަކުން ސަމާލުވުމަށް އިލްތިމާސްކޮށްފިއެވެ.
ދިވެހި ފުލުހުންގެ ޚިދުމަތުން ވަނީ، މިއަދު މެންދުރު 13:30އިން ފެށިގެން ހަވީރު 17:00އަށް އުދައަރާނެކަމަށް މޫސުމާ ބެހޭ ޤައުމީ އިން ލަފާކޮށްފައިވާތީ، މިވަގުތުތަކުގައި ބްރިޖާއި ހައިވޭގައި ދަތުރު ކުރައްވާ ފަރާތްތަކުން ސަމާލުވުމަށް އިލްތިމާސްކޮށްފައެވެ.
އަދި މިވަގުތުތަކުގައި ދަތުރުކުރައްވާ ފަރާތްތަކުން ދަތުރުތައް ކުރެއްވުމަށް، ހަތަރު ފުރޮޅުލީ އުޅަނދު ބޭނުންކުރުމަށްވެސް ފުލުހުންގެ ޚިދުމަތުން ވަނީ އިލްތިމާސްކޮށްފައެވެ.
މިއަދު 13:30 އިން 17:00 އަށް އުދަ އެރުމުގެ ފުރުސަތު އޮތްކަމަށް @MetMaldives ލަފާކޮށްފައިވާތި، ބްރިޖާއި ހައިވޭގައި، ދަތުރު ކުރައްވާ ފަރާތްތަކުން ސަމާލުވުމަށް އިލްތިމާސް ކުރަން.
— Maldives Police (@PoliceMv) June 28, 2025
މި ވަގުތުތަކުގައި، ދަތުރުތައް ކުރެއްވުމަށް، ހަތަރު ފުރޮޅުލީ އުޅަނދު ބޭނުންކުރައްވާ! https://t.co/YLh6REq3sK pic.twitter.com/HINM5NhKnn
މޫސުމާ ބެހޭ ޤައުމީ އިދާރާއިން ވިދާޅުވީ ކުރިއަށް އޮތް 24 ގަޑިއިރަށް އުތުރާއި މެދެރާއްޖެތެރޭ އެކިހިސާބަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހޭނެ ކަމަށާއި ދެކުނުގެ އަތޮޅުތަކަށް މޫސުން އާންމު ގޮތެއްގައި ރަނގަޅުވާނެ ކަމަށެވެ.
ކުރިއަށްއޮތް ވަގުތުތަކުގައި މޫސުން ގޯސްވެ އުދަ އަރާނެކަމަށް ލަފާކޮށް މޫސުމާބެހޭ އިދާރާއިން ވަނީ ހުދު ސަމާލެއްވެސް ނެރެފައެވެ. މި ހުދު ސަމާލު ނެރެފައިވަނީ މިއަދު ހަވީރު 17:00އާ ހަމައަށް މުޅި ރާއްޖެއަށެވެ.
މޫސުން ގޯސްވާނެކަމަށް ލަފާކުރެވޭތީ ކަނޑު ދަތުރުކުރާ ފަރާތްތަކުންނާއި އާންމުކޮށް ހުރިހާ އެންމެންވެސް މޫސުމަށް ސަމާލުވުމަށް މޫސުމާބެހޭ ޤައުމީ އިދާރާއިން ވަނީ އިލްތިމާސްކުރައްވާފައެވެ. އަދި ހަފްތާ ބަންދުގައި މޫސުން ގޯސްވާނެ ކަމަށް ލަފާކުރެވޭތީ ރަށްރަށަށް ދަތުރުކުރައްވާ ފަރާތްތަކުން މޫސުމާ ބެހޭ އެންމެ ފަހުގެ މަޢުލޫމާތު ހޯއްދަވައިގެން ދަތުރުކުރެއްވުމަށްވެސް އެ އިދާރާއިން ވަނީ އިރުޝާދުދެއްވާފައެވެ.