ދެކުނު ކޮރެއާގައި ކުރިއަށްދާ އޭޝިއަން ޔޫތު ނެޓްބޯލް ޗެމްޕިއަންޝިޕުގައި ވާދަކުރަމުން އަންނަ ރާއްޖޭގެ 21 އަހަރުން ދަށުގެ ގައުމީ ނެޓްބޯޅަ ޓީމުން ދެވަނަ މޮޅު ހޯދައިފިއެވެ.
ރާއްޖޭގެ ގައުމީ ޓީމުން މިއަދު ބަލިކޮށްފަވަނީ ވަރުގަދަ ޖަޕާންއެވެ. މިމެޗު ރާއްޖޭގެ ޓީމުން ގެންގޮސްފަވަނީ 59-32ގެ ބޮޑު ތަފާތަކުންނެވެ.
ހަ އަހަރު ދުވަހުގެ މެދު ކެނޑުމަކަށްފަހު ރާއްޖޭގެ ޓީމުން މި މުބާރާތުގައި ވާދަކުރަމުން އަންނައިރު، މިމުބާރާތުގައި ރާއްޖޭގެ ޓީމުން އަންނަނީ ތަފާތު މޮޅު ކުޅުމެއް ދައްކަމުންނެވެ. މިގޮތުން އިއްޔެ ޗައިނީޒް ޓައިޕޭއާ ވާދަކުރި މެޗުވެސް ރާއްޖޭގެ ޓިމުން ވަނީ ފަސޭހަކަމާއެކު ކާމިޔާބުކޮށްފައެވެ. އެމެޗު ރާއްޖޭން ކާމިޔާބުކޮށްފަވަނީ 51-26ގެ ފަރަގަކާއެކުއެވެ.
އޭޝިއަން ޔޫތު ނެޓްބޯލް ޗެމްޕިއަންޝިޕުގައި ރާއްޖެން ދެން ނުކުންނާނީ ސައުދީ އަރަބިއްޔާއާ ދެކޮޅަށެވެ. އެމެޗު ކުޅޭނީ ރާއްޖެ ގަޑިން ފަތިހު 06:00ގައެވެ.
ދެކުނު ކޮރެއާގެ ޖޯންޖޫގައި ކުރިއަށްދާ ޖޫނިއަރ އޭޝިއަން ޗެމްޕިއަންޝިޕުގައި ޖުމްލަ 11 ގައުމަކުންދަނީ ވާދަކުރަމުންނެވެ. މިމުބާރާތުގެ ގަދަ ފަސް ޓީމު ޗެމްޕިއަންޝިޕަށް ދަތުރުކުރާއިރު، ދެން ބާކީ ތިބި ޓީމުތައް ކުޅެން ޖެހޭނީ ޕްލޭޓަށެވެ.
ޖޫނިއަރ އޭޝިއަން ޗެމްޕިއަންޝިޕް އެންމެ ފަހުން ބާއްވާފަވަނީ 2023 ވަނަ އަހަރެވެ. ދެކުނު ކޮރެއާގައި އެ މުބާރާތްވެސް ބާއްވާފައިވާއިރު، އެ އަހަރު ޗެމްޕިއަންކަން ހޯދަފައިވަނީ ސިންގަޕޫރު ބަލިކުރުމަށްފަހު މެލޭޝިއާއިންނެވެ