ކުޅިވަރު

މެންޑޭޓުގެ ތެރޭގައި އެފްއޭއެމްގެ މަސައްކަތް ނިންމާލެވޭނެ: މުއިއްޒު


ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ ނޯމަލައިޒޭޝަން ކޮމިޓީގެ މަސައްކަތް މުއްދަތަށް ނިންމާލެވޭނެ ކަމަށް އެ ކޮމިޓީގެ ޗެއާމަން އަޙްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

މީރުމާގައި ހުކުރު ދުވަހު ބޭއްވި ކޮންގްރެސްގައި ވާހަކަފުޅު ދައްކަވަމުން މުއިއްޒު ވިދާޅުވީ ފީފާއިން މިދިޔަ އަހަރު އައްޔަންކުރި ނޯމަލައިޒޭޝަން ކޮމިޓީގެ މުއްދަތު އަންނަ ޖުލައި މަހުގެ ނިޔަލަށް ނިންމާލެވޭނެ ކަމަށެވެ. އަދި އެހާތަނަށް އެފްއޭއެމުގެ އަސާސީ ގަވާއިދު، ފާސްކޮށް އިންތިހާބު ބާއްވައި ނިންމާލެވޭނެ ކަމަށެވެ.

ހުކުރު ދުވަހުގެ ކޮންގްރެސްގައި އަސާސީ ގަވާއިދު ވަނީ ފާސްކޮށްފަ އެވެ. އަދި އިންތިހާބު ބާއްވާން ދުވަހެއްގެ ގޮތުގައި ޖުލައި މަހުގެ 26 ވަނީ ހަމަޖައްސާފަ އެވެ.

މުއިއްޒު ވިދާޅުވީ ފީފާއިން މިދިޔަ އޮގަސްޓް މަހު ނޯމަލައިޒޭޝަން ކޮމިޓީ އައްޔަން ކުރި ފަހުން މިހާތަނަށް އެފްއެއެމުގެ މުވައްޒަފުންގެ ފަރާތުން ލިބިފައިވާ އެހީތެރިކަމަށް ޝުކުރު އަދާ ކުރާ ކަމަށެވެ.
އަދި އޭނާ އުއްމީދު ކުރަނީ މުވައްޒަފުންނަށް ހަމަޖައްސައިދޭން ޖެހޭ ކަންކަން ވެސް ނޯމަލައިޒޭޝަން ކޮމިޓީގެ މުއްދަތުގެ ތެރޭގައި މުޅިން ހަމަޖެހިގެންދާނެ ކަމަށް ކަމަށެވެ.

މުއިއްޒު ވިދާޅުވީ އެފްއޭއެމުގެ އާ މެނޭޖްމަންޓަށް ގިނަ ގޮންޖެހުންތަކެއް އެބަހުރި ކަމަށާއި ހާއްސަކޮށް މާލީ ގޮންޖެހުންތައް ބޮޑު ކަމަށެވެ.