ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގައި އެކަށީގެންވާ އެކައުންޓިން ނިޒާމެއް ނެތް ކަމަށް ފީފާއިން އައްޔަންކޮށްފައިވާ ނޯމަލައިޒޭޝަން ކޮމިޓީން ބުނެފިއެވެ.
އެ ކޮމިޓީގެ ފަރާތުން މި ވާހަކަ ވިދާޅުވީ ހުކުރު ދުވަހު ބޭއްވި ކޮންގްރެންސްގައި އެފްއޭއެމުގެ 2023 އަދި 2024ގެ އޮޑިޓް ރިޕޯޓް ހުށަހަޅުއްވަމުން ނޯމަލައިޒޭޝަން ކޮމިޓީގެ މެމްބަރު ފަރީހާ ޝަރީފެވެ.
އޭނާ ވިދާޅުވީ އެފްއޭއެމުގައި މާލީ މުއާމަތާތްތައް ރަނގަޅަށް ބަލަހައްޓާފައި ނުވުމުން އޮޓިޑް ކުރުމަށް ވެސް ގިނަ ދަތިތަކެއް ކުރިމަތިވި ކަމަށެވެ. އަދި ގައުމީ ފުޓްބޯޅަ އިދާރާގައި މާލީ ލިޔެކިއުންތައް ނެތުމާއި ބައެއް މުއާމަލާތްތައް އެއްވެސް ލިޔެކިއުމެއްނެތި ކޮށްފައިވާކަން ވެސް އޮޑިޓަށް ފާހަގަވި ކަމަށެވެ.
މީގެ އިތުރުން އެފްއޭއެމަށް ލިބިފައިވާ ބައެއް ފައިސާ އަކީ ކިހިނެތް ލިބިފައިވާ ފައިސާއެއްކަން ވެސް އެނގެން ނެތް ކަމަށެވެ. މީގެ އިތުރުން ކޮށްފައިވާ ބައެއް ހަރަދު ތަކަކީ ލިޔެކިއުންނެތި ކޮށްފައިވާ ހަރަދުތަކަކަށް ވުމުން ގިނަ މައްސަލަތަކަކާ ކުރިމަތިވި ކަމަށެވެ.
އޭނާ އަދި ވިދާޅުވީ އެފްއޭއެމުގައި ލިޔެކިއުން ނެތް ނަމަވެސް ބައެއް ފަރާތްތަކުން އެފްއޭއެމުން ފައިސާ ދޭން ޖެހޭ ކަމަށް ބުނެ ގިނަ ލިޔެކިއުންތަކެއް ހުށަހެޅި ކަމަށެވެ. މިހެންވެ ހުސްވި ދެ އަހަރުގެ އޮޑިޓާ މެދު ވަކި ގޮތެއް ނިންމަން ވެސް ވަރަށް ބޮޑަށް ދަތިވެފައިވާ ކަމަށެވެ.
ފީފާއިން ހުސްވި އަހަރުގެ އޮގަސްޓް މަހު އެފްއޭއެމް ނޯމަލައިޒް ކުރީ އެ އިދާރާގެ ރައީސް ބައްސާމް އަދީލް ޖަލީލް ހިޔާނާތާއި ކޮރަޕްޝަން އަދި އިދާރީ އެތައް މައްސަލަތަކެއްގައި 9 މަސް ދުވަހަށް ސަސްޕެންޑް ކުރުމަށް ފަހު އެވެ. އޭގެ ފަހުން އަންނަ މަހު ބާއްވާ އެފްއޭއެމުގެ އިންތިހާބުގައި ވެސް އޭނާ އަށް ވާދަ ނުކުރެވޭ ގޮތަށް ފީފާއިން ވަނީ ހަމަޖައްސާފަ އެވެ.