ފީފާ ކުލަބު ވޯލްޑް ކަޕުގެ ދެވަނަ ބުރުގައި ޕޯޗުގަލްގެ ބެންފީކާއާ ދެކޮޅަށް ކުޅުނު މެޗު 4-1 ގެ ނަތީޖާއަކުން ކާމިޔާބުކޮށް، މުބާރާތުގެ ކުއާޓާ ފައިނަލްގެ ޖާގައެއް ޗެލްސީން ހޯދައިފި އެވެ.
ޗާލޮޓްގެ ބޭންކް އޮފް އެމެރިކާ ސްޓޭޑިއަމްގައި ކުޅުނު މި މެޗުގެ ފުރިހަމަ ވަގުތު ހަމަވާން ހަތަރު މިނިޓަށް ވެފައިވަނިކޮށް މޫސްމް ގޯސްވެ ވިއްސާރަވުމުގެ ސަބަބުން މެޗުގެ ކުޅުން ރެފްރީ ވަނީ ވަގުތީ ގޮތުން ހުއްޓާލާފައެވެ.
ޗެލްސީ އިން ގިނައިރު ބޯޅަ ހިފަހައްޓައިގެން ކުޅުނު މި މެޗުގައި އެ ޓީމުން ޖުމްލަ 22 ހަމަލައެއް ފޮނުވާލާފައިވާއިރު އޭގެ ތެރެއިން 12 ހަމަލާ ވަނީ ބެންފީކާގެ ގޯލަށް އަމާޒުކޮށްފަ އެވެ.
މި މެޗުގައި ޗެލްސީ އިން ލީޑު ނަގާފައިވަނީ މެޗުގެ 64 ވަނަ މިނިޓުގައި އެ ޓީމަށް ލިބުނު ހިލޭ ޖެހުމަކުން ކެޕްޓަން ރީސް ޖޭމްސް ކާމިޔާބުކޮށްދިން ލަނޑުންނެވެ.
މި ލަނޑު ޗެލްސީން ޖެހުމުގެ ކުރިންވެސް އެ ޓީމުގެ ކޯލާ ޕާމާ އާއި ޕެޑްރޯ ނެޓޯގެ އިތުރުން ޑިއުސް ބަރީހޯލް އަށް ވަނީ ލަނޑު ޖަހަން ރަގަޅު ފުރުސަތުތަކެއް ލިބިފަ އެވެ. ނަމަވެސް މި މެޗުގައި ބެންފީކާގެ ގޯލު ކީޕަރު ޓްރުބިންގެ ފަރާތުން ވަނީ މޮޅު ކުޅުމެއް ފެނި ގިނަ ހަމަލަތަކެއް ދިފާއުކޮށްފަ އެވެ.
މޫސުމް ގޯސްވެ ވިއްސާރަވުމުގެ ސަބަބުން މެޗުގެ ކުޅުން ހުއްޓާލުމަށްފަހު އަލުން ކުޅުން ފެށިއިރު ދެ ޓީމަށްވެސް ވަނީ އުނދަގޫ ތަކާއިކުރިމަތިލާން ޖެހިފަ އެވެ.
މެޗުގެ 90 މިނިޓުގެ ކުޅުން ހަމަވެ އިންޖަރީ ވަގުތުގެ ކުޅުމުގެ ފަސްވަނަ މިނިޓުގައި ޗެލްސީގެ ކުޅުންތެރިއެއްގެ އަތުގައި ޕެނަލްޓީ އޭރިޔާ ތެރެއިން ބޯޅައިގައި ޖެހުމުގެ ސަބަބުން ރެފްރީ ވަނީ ބެންފީކާއަށް ޕެނަލްޓީއެއް ދީފަ އެވެ.
ބެންފީކާއިން މެޗުގެ ނަތީޖާ އެއްވަރުކޮށްފައިވަނީ އެ ޓީމަށް ކުޅޭ އާޖެންޓީނާގެ ފޯވަޑް އެންހަލް ޑިމާރިޔާ ކާމިޔާބުކޮށްދިން ޕެނަލްޓީ އިންނެވެ. މިއީ އޭނާ ބެންފީކާއަށް ކުޅޭނެ ފަހު މެޗުވެސްމެ އެވެ.
މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު 1-1 ގެ ނަތީޖާއަކުން ދެ ޓީމު އެއްވަރުވެފައިވާތީ އިތުރު ވަގުތުގެ 30 މިނިޓުގެ ކުޅުން ފެށުނުތާ ދެވަނަ މިނިޓުގައި ބެންފީކާގެ ޒުވާން ކުޅުންތެރިޔާ ޖިއަންލޫކާ ޕްރެސްޓިއާނީ ކުރި ފައުލަކާއި ގުޅިގެން އޭނާއަށް ދެވަނަ ރީނދޫ ކާޑަކާއެކު ރެފްރީ ވަނީ ރަތް ކާޑު ދައްކާ ދަނޑުން ފޮނުވާލާފަ އެވެ.
އެއް ކުޅުންތެރިއަކު މަދުކޮށް ބެންފީކާއިން ކުޅުމުގެ ފައިދާ ނަގާ ޗެލްސީ އިން ދެވަނަ ފަހަރަށް ކުރި ހޯދާފައިވަނީ މެޗުގެ 108 ވަނަ މިނިޓުގަ އެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދީފައިވަނީ ކްރިސްޓޮފާ އެންކުންކޫ އެވެ.
ޗެލްސީ އިން މި މެޗުގައި ޖެހި ތިންވަނަ ލަނޑަކީ ކައިސޭޑޯ ދިން ޕާހަކުން ޕެޑްރޯ ނެޓޯ ކާމިޔާބުކޮށްދީފައިވާ ލަނޑެވެ. އަދި މެޗުގެ އިތުރު ވަގުތުގެ ކުޅުން ނިމެން ތިން މިނިޓަށް ވެފައިވަނިކޮށް ކޯލް ޕާމާގެ އެސިސްޓަކުން ޑިއުސްބަރީ ހޯލް ވަނީ އިތުރު ލަނޑެއް ޖަހާ މެޗުގެ ނަތީޖާ 4-1 އަށް ބަދަލުކޮށްފަ އެވެ.
މި މުބާރާތުގެ ކުއާޓަރ ފައިނަލުގައި ޗެލްސީ އާއި ދެކޮޅަށް ނިކުންނާނީ ބްރެޒިލްގެ ޕަލްމޭރާސް އެވެ.