ކުޅުދުއްފުށި ސިޓީގައި އަޅަން ހަވާލުކޮށްފައިވާ 400 ހައުސިން ޔުނިޓްގެ މަސައްކަތް، ކޮންޓްރެކްޓަރު ކުރިއަށްނުގެންދާތީ، އެ މަސައްކަތަށް އާ ކޮންޓްރެކްޓަރެއް ހޯދުމުގެ މަސައްކަތް ކުރިއަށްދާކަމަށް އިމާރާތްކުރުމާއި ގެދޮރުވެރިކަމާ ބިނާރާ ބެހޭ ވަޒީރު ޑރ.ޢަބްދުﷲ މުއްޠަލިބް ވިދާޅުވެއްޖެއެވެ. ވަޒީރު މިހެން ވިދާޅުވީ ދިވެހިރާއްޖޭގެ އަޑުން ގެނެސްދޭ "އަހާށޭ ބުނާނަން" ޕްރޮގްރާމްގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ކުޅުދުއްފުށީގައި 400 ހައުސިން ޔުނިޓް ތަރައްޤީކުރުމުގެ މަޝްރޫއުއް ފެށީ 2023ވަނަ އަހަރުގެ މޭމަހުއެވެ. އެއީ 11 ފަންގިފިލާގެ 12 ޓަވަރުގެ މަސައްކަތެވެ. އެ މަޝްރޫޢުގައި މިހާތަނަށް ކުރިއަށް ގެންގޮސްފައިވަނީ ބައެއް ޓަވަރުތަކުގެ ފައުންޑޭޝަން މަސައްކާއި ބައެއް ޓަވަރުގެ ތަނބުތައް ޖެހުމުގެ މަސައްކަތް އެކަންޏެވެ. އޭގެފަހުން މަސައްކަތްތައް ނުނިމި، އޮތީ މުޅިން ހުއްޓިފައެވެ. އެ މަސައްކަތް ޙަވާލުކުރައްވާފައިވަނީ ދޮންބޭޒް ޕްރައިވެޓް ލިމިޓެޑް ޖޮއިންޓް ވެންޗަރ ކުންފުނިކަމުގައިވާ ޓުވެންޓީ ތާރޑް މެޓާލާރޖިކަލް ކޮންސްޓްރަކްޝަން ގްރޫޕް ކޯ ލިމިޓެޑާއެވެ.
އެ މަޝްރޫޢު ކުރިއަށް ނުގޮސް ހުއްޓިފައި އޮތުމާއި ގުޅޭގޮތުން "އަހާށޭ ބުނާނަން" ޕްރޮގްރާމްގައި މީހަކު ފޮނުވި ސުވާލަކަށް ޖަވާބުދެއްވަމުން ގެދޮރުވެރިކަމާބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބް ވިދާޅުވީ، މަސައްކަތް ހުއްޓިފައި ވަނީ ދައުލަތުން ދޭންޖެހޭ ފައިސާ ނުދީގެން ނޫންކަމަށެވެ. އެރަށުގައި ކޮންޓްރެކްޓަރ ޤާއިމުވެ މަސައްކަތް ފެށުމަށް ބޭނުންވާ "މޮބިލައިޒް" ފައިސާ ސަރުކާރުން ކޮންޓްރެކްޓަރަށް ދިން ނަމަވެސް، މަޝްރޫއު ކުރިއަށް ނުގޮސް މުޅިން ހުއްޓިފައިވަނީ، ކޮންޓްރެކްޓަރ ޢަމަލީ މަސައްކަތް ކުރިއަށް ނުގެންދިއުމުންކަމަށް ވަޒީރު ވިދާޅުވިއެވެ. މިކަން ޙައްލުކޮށް، އެ މަޝްރޫޢުގެ މަސައްކަތް އަލުން ކުރިއަށްގެންދާނެކަމަށް ވަޒީރު ވިދާޅުވިއެވެ.
"ދަޢުލަތުން ފައިސާ ނުދީގެން ނޫން، ކޮންޓްރެކްޓަރ މަސައްކަތް ހުއްޓާލާފައި އޮތީ. މިހާރު އެ ކޮންޓްރެކްޓް ނިމުމަކަށް ގެނައުމަށް ނޯޓިސްދީފަ ވަނީ. އެކަން ކުރެވޭނެ އެހެން ބަޔަކާ ހަވާލުކޮށް އަލުން ފަށާނަން." ވަޒީރު ވިދާޅުވިއެވެ.
ވަޒީރު ވިދާޅުވީ 400 ހައުސިން ޔުނިޓު މަޝްރޫޢުއާއި، ސަރުކާރުން މިހާރު އިޢުލާނުކޮށްފައިވާ، 57 ރަށުގެ މަސައްކަތުގައި ކުޅުދުއްފުށީގައި އަޅަން ނީންމާފައިވާ 2000 ހައުސިން ޔުނިޓު އެޅުމަށްވެސް ކޮންޓްރެކްޓަރުން ހޯދަމުންދާކަމަށެވެ. އެ މަޝްރޫޢުއަށްވެސް ޕްރޮޕޯސަލްތައް ލިބިފައިވާކަމަށާއި، ޕްރޮޕޯސަލްތައް ރިވިއުކޮށް، ވަރަށް އަވަހަށް އެކަމުގެ މަސައްކަތްތައްވެސް ފެއްޓޭނެކަމަށް ވަޒީރު ވިދާޅުވިއެވެ.
ކުޅުދުއްފުށީގައި ފެށި 400 ޔުނިޓަކީ 3 ކޮޓަރީގެ އެޕާޓްމަންޓްތަކެވެ. މި މަޝްރޫޢުއަށް 443.9 މިލިއަނަށްވުރެ ގިނަ ރުފިޔާ ޚަރަދުވާނެކަމަށް ސަރުކާރުން ލަފާކޮށްފައިވެއެވެ.
ކުޅުދުއްފުށި ސިޓީގެ އާބާދީ 10000އިން މައްޗަށް އަރައެވެ. އެ ސިޓީގެރައްޔިތުންގެ އިތުރުން، އެރަށުގައި ތަޢުލީމާ ސިއްޙީ އެކި ޚިދުމަތްތަކަށް ރަށަށް ހިޖުރަކޮށް ދިރިއުޅޭ އާއިލާތައްވެސް ގިނައެވެ.