އެމެރިކާގެ އިންޓަރ މަޔާމީއަށް ކުޅެމުން އަންނަ އާޖެންޓީނާގެ ކެޕްޓަން ލިއޮނަލް މެސީއާ ބައްދަލުވުމުން އޭނާގެ ރަހުމަތްތެރިން ވަރަށް ބޮޑަށް އިހުތިރާމް އަދާކޮށްފިއެވެ.
މިއީ ފީފާ ކުލަބު ވޯލްޑް ކަޕުގައި ފްރާންސްގެ ޕީއެސްޖީ އަތުން 4-0 ގެ ނަތީޖާއަކުން އިންޓަރ މަޔާމީ ބަލިވި މެޗަށްފަހު ހިނގައިދިޔަ އެންމެ ހިތްގައިމު ހަރަކާތްތެކެވެ.
މެޗަށް ފަހު މެސީ ބުނީ ޕީއެސްޖީ އަތުން ބަލިވއިރު މިއީ ނުކުމެދާނެ ނަތީޖާއެއް ކަމަށް ކުރިންވެސް ގަބޫލު ކުރެވުނު ކަމަށެވެ.
"އެ މީހުންނަކީ މޮޅު ޓީމެއް. އެންމެ ފަހުގެ ޔޫރަޕުގެ ޗެމްޕިއަން ޓީމު. އެ މީހުންގެ މޮޅު ކުޅުންތެރިންނާއި ކޯޗަކު އެބަހުރި. އަހަރުމެން ވެސް މި މުބާރާތުގައި ދެއްކި ކުޅުން ގޯހެއް ނޫން. އަހަރުމެންގެ ޓާގެޓަކީ ވެސް ދެ ވަނަ ބުރު. ޕީއެސްޖީ އަތުން މޮޅުވުމަކީ ފަސޭހަ ކަމެއް ނޫން،" މެސީ ބުންޏެވެ.
އިންޓަ މިއާމީ ބަލިވި މެޗަށް ފަހު މެސީއާ ބައްދަލު ކުރި އެންމެ މުހިންމު މީހަކީ ޕީއެސްޖީގެ ކޯޗު ލުއިސް އެންރީކޭ އެވެ. އޭނާ އަކީ މެސީ ބާސެލޯނާ އަށް ކުޅުނުއިރު އެ ޓީމުގެ ކޯޗެވެ. އޭނާގެ ކޯޗުކަމުގައި މެސީ ވަނީ ބާސެލޯނާގައި 11 ތަށި ހޯދައިފަ އެވެ.
މެޗުގެ ކުރިން ވާހަކަ ދައްކަމުން އޭނާ ބުނީ މެސީއާއެކު ބާސެލޯނާގައި ހޭދަކުރެވުނީ ވަރަށް އުފާވެރި ދުވަސްތަކެއް ކަމަށެވެ.
"މެސީ އަކީ އަހަރެން ދެކޭ ގޮތުގައި ދުނިޔެ ދުށް އެންމެ މޮޅު ކުޅުންތެރިޔާ. އޭނާ ހިފަހައްޓާލަން އަބަދުވެސް އިތުރު މީހަކު ހުންނަން ޖެހޭނެ. އޭނާ އަކީ ތަފާތު މޮޅު މީހެއް. އަލުން އޭނާ އާއި (ބާސެލޮނާގައި ކޯޗުކޮށްދިން) ހުރިހާ ކުޅުންތެރިންނާ ބައްދަލުވާތީވެ އަހަރެން ވަރަށް އުފާވޭ. އެކަމަކު އަހަރުމެންނަކީ ޕްރޮފެޝަނަލުން. މަސައްކަތް ކުރާނީ މޮޅުވާން،" އެންރީކޭ ބުންޏެވެ.
ރޭގެ މެޗަށް ފަހު ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާއާ ބައްދަލު ކުރުމަށް ފަހު އެންރީކޭ ވަނީ މެސީ އަށް ވަރަށް ބޮޑަށް ހިތްހަމަ ޖެހުން ފާޅުކޮށްފަ އެވެ. މެސީގެ ބޮލުގައި ފިރުމާލުމަށްފަހު ކުރީގެ ދެ ޓީމް މޭޓުން ކޮނޑާ ކޮނޑު ޖައްސައި ސަލާމް ކުރި އެވެ. އެއަށް ފަހު ދެ މީހުން ވާހަކަ ދައްކައި ހިޔާލު ބަދަލު ކުރި އެވެ.
ޓަނަލް ތެރެއިން ޕީއެސްޖީގައި މެސީއާއެކު ކުޅުނު އިޓަލީގެ ގައުމީ ކީޕަރު ޖިއާންލޫކާ ޑޮނަރޫމާ އާއި ކިމްޕެމްބޭ ވެސް މެސީއާ ބައްދަލުކުރި އެވެ. އެކަމަކު އެންމެ ބޮޑު މޮޅެއް ހޯދީ ފޯވަޑް އޮސްމާނޭ ޑެމްބެލޭ އެވެ.
ބާސެލޯނާގައި މެސީއާއެކު ހަތަރު އަހަރު ކުޅުނު ފޯވަޑް ވަނީ އިންޓަމިއާމީގައި މެސީ ލައި އުޅޭ ޖާޒީގެ މެސީގެ ފުލް ކިޓެއް ހޯދައިފަ އެވެ. ޖާޒީ އާއި ސޯޓް އަދި މެސީގެ ބޫޓު ހޯދުމަށް ފަހު އޭނާ ދުނިޔެ އަށް އެކަން ދައްކާލީ މި ތަކެއްޗާއެކު މެސީއާއެކު ނަގާފައިވާ ފޮޓޯއެއް އިންސްޓަގްރާމް މެދުވެރިކޮށް ދޫކޮށްލައިގެންނެވެ. އޭރު މެސީ ހުރީ ޑެމްބެލޭގެ ޖާޒީ ލައިގެންނެވެ. މީގެ އިތުރުން ޑެމްބެލޭ ވަނީ މެސީ އަށް ވަރަށް ބޮޑަށް ތައުރީފް ކޮށްފަ އެވެ.
ޕީއެސްޖީ އާއި މިއާމީ ބައްދަލުކުރި މެޗުގައި ބާސެލޯނާގައި އެންރީކޭގެ ކޯޗުކަމުގައި ކުޅުނު ފަސް ކުޅުންތެރިއަކު އެ ޓީމުގައި ތިއްބެވެ. އެއީ މެސީ އާއި ލުއިސް ސުއަރޭޒް އާއި ސާޖިއޯ ބުސްކެޓްސް އާއި ޖޯޑީ އަލްބާގެ އިތުރުން މިއާމީގެ ކޯޗު ހާވިއާ މަޝެރާނޯ އެވެ.