ޔޫކްރެއިންގެ އިރުމަތީ މެދުތެރޭ ސަރަޙައްދެއް ކަމަށްވާ ނިޕްރޮޕެޓްރޮވްސްކްގެ ރަށެއް ރަޝިޔާގެ ބާރުގެ ދަށަށް ގެންގޮސްފިއެވެ. މިއީ އެ ސަރަޙައްދުގެ ރަށެއް ރަޝިޔާގެ ބާރުގެ ދަށަށް ގެންދިޔަ ފުރަތަމަ ފަހަރެވެ. މަސްދަރުތަކުން ބުނީ ރަޝިޔާގެ ބާރުތަކުން ވެރިވެގަނެފައި ވަނީ ނިޕްރޮޕެޓްރޮވްސްކްގެ ރަށެއް ކަމަށްވާ ޑޯޝްނޯއިގެ މައްޗަށެވެ.
2022ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައި ރަޝިޔާއިން ޔޫކްރެއިނާ ދެކޮޅަށް ފަށަފައިވާ ހަނގުރާމަ ނިމުމަކަށް ގެނެސް ޞުލްޙަ ޤާއިމުކުރުމާ ގުޅޭ ގޮތުން ރަޝިޔާއާއި ޔޫކްރެއިނާ ދެމެދު ވާހަކަދެކެވެމުންދާއިރު ރަޝިޔާގެ އަސްކަރީ ފައުޖުން ވަނީ މިދިޔަ މަހުގެ ތެރޭގައި ޔޫކްރެއިންގެ ސޫމީ ސަރަޙައްދުގެ 200 އަކަކިލޯމީޓަރުގެ މައްޗަށް ވެރިވެގަނެ، ނިޕްރޮޕެޓްރޮވްސްކް ސަރަޙައްދަށް ވަދެފައެވެ.
ފާއިތުވި ދެ މަސް ދުވަހުގެ ތެރޭގައި ރަޝިޔާއިން ވަނީ ޔޫކްރެއިންގެ 950 އަކަ ކިލޯމީޓަރުގެ ސަރަޙައްދެއްގެ މައްޗަށް ވެރިވެގަނެފައެވެ. ހަނގުރާމައިގެ ޙާލަތުގައި ޔޫކްރެއިންގެ ސަރަޙައްދަށް އަންނަ ބަދަލު ދައްކުވައިދިނުމަށް ޔޫކްރެއިންގެ އަމިއްލަ ފަރުދުން ތައްޔާރުކުރާ ޗާޓެއްގައި ދައްކާފައިވާގޮތުން ޖޫން މަހުގެ 28ވަނަ ދުވަހާ ހަމައަށް ޔޫކްރެއިންގެ ޖުމްލަ 11،588 އަކަ ކިލޯމީޓަރުގެ ސަރަޙައްދެއް ވަނީ ރަޝިޔާގެ ބާރުގެ ދަށަށް ގެންގޮސްފައެވެ.
ރަޝިޔާއިން ވަނީ ޞުލްޙަ ޤާއިމުކުރުމަށް އެ ޤައުމުން ޝައުޤުވެރިވާ ކަމަށް ބުނެފައެވެ. ނަމަވެސް އެކަމުގެ ޝަރުތެއް ކަމަށް ރަޝިޔާއިން ހުށަހަޅަނީ ރަޝިޔާގެ ބާރުގެ ދަށުގައި އޮތް ހަތަރު ސަރަޙައްދުން ޔޫކްރެއިންގެ ފައުޖު މުޅިން ފޭބުމެވެ. ރަޝިޔާގެ ރައީސް ވްލަޑްމީރު ޕުޓިން ވަނީ އެ ސަރަޙައްދުތައް ޤާނޫނީ ގޮތުން މިހާރު ބެލެވޭނީ ރަޝިޔާގެ ބައެއްގެ ގޮތުގައި ކަމަށް ވިދާޅުވެފައެވެ.
ޔޫކްރެއިންއާއި އެ ޤައުމަށް ވާގިވެރިވާ ޤައުމުތަކުން ބުނަނީ ރަޝިޔާއިން ހުށަހަޅާފައިވާ ޝަރުތުތަކަށް އެއްބަސްވުމަކީ ޔޫކްރެއިންގެ ބިންތައް ދެކޮޅުހެދުމެއް ނެތި ރަޝިޔާއަށް ދިނުންފަދަ ކަމެއް ކަމަށެވެ. ރަޝިޔާއިން ޞުލްޙަ ޤާއިމުކުރުމަށް ޝައުޤުވެރިނުވާ ކަމަށް ތުހުމަތުކޮށް ޔޫކްރެއިނުން ބުނީ އެ ޤައުމުގެ ފަސްބައިކުޅަ އެއްބައި ރަޝިޔާއަށް ދިނުމަށް އެއްަބަސްނުވާނެ ކަމަށެވެ.
ރަޝިޔާގެ ބާރުގެ ދަށުގައިވާ ޔޫކްރެއިންގެ ސަރަޙައްދުތަކުގެ ތެރޭގައި ކްރައިމީއާއާއި ލޫހަންސްކްގެ 99 އިންސައްތައާއި ދޮންޏެސްކުގެ 70 އިންސައްތައާއި ޒަޕޮރީޒްޔާއާއި ކެއާސަން ސަރަޙައްދު ހިމެނެއެވެ. އެ ހުރިހާ ސަރަޙައްދަކީ ވެސް ޔޫކްރެއިންގެ އިރުމަތީ އަދި ދެކުނު އިރުމަތީ ސަރަޙައްދުތަކެވެ. އޭގެ އިތުރުން ޚަރްކީވްއާއި ސޫމީއާއި ޑްނިޕްރޮޕެޓްރޮވްސްކްގެ ބައެއް ހިސާބުތައް ވެސް ރަޝިޔާގެ ބާރުގެ ދަށުގައިވެއެވެ.