ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު ސިންގަޕޫރުގެ އިންސްޓިޓިއުޓް އޮފް ޓެކްނިކަލް އެޑިއުކޭޝަނަށް ޒިޔާރަތްކުރައްވައިފިއެވެ.
މި އިންސިޓިއުޓަށް ޒިޔާރަތް ކުރެއްވުމުން އެމަނިކުފާނަށާއި އަރިހުގައި ވަޑައިގެންނެވި ބޭފުޅުންނަށް މަރުޙަބާ ދެންނެވީ އިންސްޓިޓިއުޓްގެ ޑެޕިއުޓީ ޗީފް އެގްޒެކިއުޓުވް އޮފިސަރ ޑރ. ގޮއް މޮންގް ސޮންގްއާއި އެތަނުގެ އިސްވެރިންނެވެ.
ރައީސުލްޖުމްހޫރިއްޔާ އެ އިންސްޓިޓިއުޓަށް ޒިޔާރަތް ކުރެއްވުމުން އިންސްޓިޓިއުޓްގެ މަޢުލޫމާތު ހިއްސާކުރެއްވިއެވެ. އަދި އެ އިންސްޓިޓިއުޓްގެ 30 ވަނަ އަހަރީދުވަހާ ގުޅިގެން ތައްޔާރުކޮށްފައިވާ ޚާއްސަ ޕްރެޒެންޓޭޝަން ފޮތެއް ހަދިޔާ ކުރެއްވިއެވެ. އެއަށް ފަހު ރައީސުލް ޖުމްހޫރިއްޔާ ވަނީ އެ އިންސްޓިޓިއުޓުގެ އެކި ތަންތަނަށް ވަޑައިގެން ބައްލަވާލައްވާފައެވެ.
އިންސްޓިޓުއަޝަން އޮފް ޓެކްނިކަލް އެޑިއުކޭޝަންގައި 3 ސްކޫލްއެއް ހިންގައެވެ. އެއީ ސްކޫލް އޮފް ޑިޒައިން އެންޑް މީޑިއާ، ސްކޫލް އޮފް ބިޒްނަސް އެންޑް ސަރވިސަސްގެ އިތުރުން ސްކޫލް އޮފް އިންޖިނިއަރިންނެވެ. މިގޮތުން ސްކޫލް އޮފް ޑިޒައިން އެންޑް މީޑިއާގައި ޑިޖިޓަލް އެނިމޭޝަން ވީޑިއޯ ޕްރޮޑަކްޝަނާއި މީޑިއާ ކޮމިއުނިކޭޝަން އެންޑް ޑިޖިޓަލް މާކެޓިން ފަދަ މީޑިއާ އަދި ޑިޒައިންއާ ގުޅުން ހުރި ކޯސްތައް ކުރިއަށްގެންދއެވެ.
ސްކޫލް އޮފް ބިޒްނަސް އެންޑް ސަރވިސަސްގައި ކޮމިއުނި ޑެވެލޮޕްމަންޓްއާއި އިވެންޓް މެނޭޖްމަންޓްފަދަ އެކި ކޯސްތައް ހިންގައެވެ. މީގެ އިތުރުން ސްކޫލް އޮފް އިންޖިނިއަރިންގައި އެއަކްރާފްޓް ޓެކްނީޝަނުން ތަމްރީން ކުރުންފަދަ ކޯސްތައް ކުރިއަށްގެންދެއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އައި.ޓީ.އީއަށް ޒިޔާރަތް ކުރެއްވިއިރު މި ދަތުރުފުޅުގައި ރާއްޖެއާއި ސިންގަޕޫރާ ދެމެދު ގުޅުން ބަދަހިކުރުމަށް އެކުލަވާލީ އެއްބަސްވުންތަކުގެ ތެރޭގައި މަތީ ތަޢުލީމުގެ ފުރުޞަތުތައް ފަހިކޮށްދިނުމަށް އެ އިންސްޓިޓިއުޓާއެކު އެއްބަސްވުމެއް ވަނީ އެކުލަވާލާފައެވެ.