ޚަބަރު

ގުޅީފަޅުން ގޯތި ލިބުނު ތަން ބަދަލުވުމާ ގުޅިގެން ދޫކުރާ އައު ރަޖިސްޓްރީއާ ހަވާލުވާން ހުޅުވާލައިފި


  • ހިޔާވެހި ޕޯޓަލް މެދުވެރިކޮށް އެއްބަސްވުމާ ހަވާލުވުމަށް އެޕޮއިންޓްމެންޓް ހެއްދޭނެ

  • އެއްބަސްވުންތައް ހަވާލުކުރަން ފަށާނީ މިމަހުގެ 7 ވަނަ ދުވަހުން ފެށިގެން

ލޭންޑް ޔޫސް ބަދަލުވެ، ގުޅީފަޅުން ގޯތި ދިން ތަން ބަދަލުވުމާ ގުޅިގެން އައު އެއްބަސްވުމާ ހަވާލުވުމަށް އެޕޮއިންޓްމެންޓަށް އެދުމުގެ ފުރުޞަތު އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވުޒާރާއިން ހުޅުވާލައިފިއެވެ.

އައު ލޭންޑް ޔޫސް ޕްލޭނާ ގުޅިގެން ގުޅީފަޅުން ގޯތި ލިބުނު ފަރާތްތަކުގެ މެދުގައި ގޯތި ލިބޭ ތަނެއް ކަނޑައެޅުމަށް އަލުން ގުރުލީ މިދިޔަ މެއި މަހުގެ 31 ވަނަ ދުވަހުއެވެ. އަދި ގޯތި އައު ތަނަކުން ލިބުމުން ކުރިން އެކުލަވާލި ގޯތީގެ އެއްބަސްވުންތައް ވަނީ އުވާލާފައެެވެ.

އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވުޒާރާއިން ވިދާޅުވީ ގުލީފަޅުން ގޯތި ލިބުނު މީހުންނަށްއައު "ބަންޑާރަ ގޯތީގެ ރަޖިސްޓްރީ"އާއި "ބަންޑާރަ ގޯތީގެ އެއްބަސްވުން" ދޫކުރުމަށް މިހާރު ތައްޔާރުވެފައިވާ ކަމަށެވެ. އެގޮތުން މިމަހުގެ 1 އިން ފެށިގެން "ހިޔާވެހި ޕޯޓަލް" މެދުވެރިކޮށް "ބަންޑާރަ ގޯތީގެ ރަޖިސްޓްރީ" އަދި "ބަންޑާރަ ގޯތި ދޫކުރުމުގެ އެއްބަސްވުން"އާ ޙަވާލުވުމަށް އެޕޮއިންޓްމަންޓްއަށް ހެއްދޭނެކަމަށް އިމާރާތްކުރުމާ ބެހޭ ވުޒާރާއިން ވިދާޅުވިއެވެ.

އިމާރާތްކުރުމާ ބެހޭ ވުޒާރާއިން ވިދާޅުވީ "ބަންޑާރަ ގޯތީގެ ރަޖިސްޓްރީ" އަދި "ބަންޑާރަ ގޯތި ދޫކުރުމުގެ އެއްބަސްވުން" ދޫކުރާނީ މިމަހުގެ 7 ވަނަ ދުވަހުގެ ހެނދުނު 09:30 އިން ފެށިގެން ކަމަށެވެ. އަދި އެޕޮއިންޓްމަންޓް ހަމަޖެހިފައިވާ ގަޑީގެ 5 މިނެޓު ފަހުން ޙާޟިރުވާ މީހުންނާއި ލިޔެކިޔުންތައް ފުރިހަމައަށް ހުށަނާޅާ މީހުންގެ އެޕޮއިންޓެމެންޓް އެ ދުވަހަކަށް ކެންސަލްވާނެކަމަށްވެސް އެ ވުޒާރާއިން ވިދާޅުވިއެވެ. އެޕޮއިންޓްމެންޓަށް އެދޭއިރު، ހުށައަޅަންޖެހޭ ލިޔެކިޔުންތައް ދިވެހި ސަރުކާރުގެ ގެޒެޓުގައި ވަނީ ޝާއިޢުކޮށްފައެވެ.

އެޕޮއިންޓްމެންޓް ހަމަޖެހުނު ދުވަހާއި ގަޑިއާއި ތަން "ހިޔާވެހި ޕޯޓަލް" މެދުވެރިކޮށް އަދި ފޯނަށް އެސްއެމްއެސްގެ ޒަރިއްޔާއިން އެންގޭނެކަމަށް އިމާރާތްކުރުމާ ބެހޭ ވުޒާރާއިން ވިދާޅުވެއެވެ.

ނިމުނު ސަރުކާރުގައި އެކުލަވާލި ގުޅިފަޅުގެ ލޭންޑް ޔޫސް ޕްލޭން އެކުލަވާލާފައި އޮތީ އަސާސީ ޚިދުމަތްތައް ޤާއިމުކުރުމަށް ބޭނުންވާ އެކަށީގެންވާ ޖާގަ ނެތިކަމަށް މި ސަރުކާރުން ވިދާޅުވެއެވެ. އަދި ގޯތިތަކުގެ ޕްލޮޓްތައް ކަނޑައެޅުމުގައި ނުހިންކާ އޮތް ސަރަޙައްދުތަކުންވެސް ގޯތި ކުރަހާފަވާކަން ފާހަގަކުރެއެވެ. މިހާތަނަށް ތިން ފަހަރެއްގެ މަތިން ގުޅިފަޅުގެ ލޭންޑް ޔޫސް ޕްލޭނަށް ބަދަލުވެގެނެސްފައިވެއެވެ.