ޚަބަރު

ހަރުފަތަކަށް ފަހު ހަރުފަތެއް ގިރާކޮށް "2އޮފްއަސް" މިފަހަރު ބްރިޓަންސް ގޮޓް ޓެލެންޓަށް


  • އެ ޝޯގެ 19 ވަނަ ސީޒަންގެ އިތުރު ރައުންޑެއްގައި ބައިވެރިވުމަށް ރަސްމީކޮށް ވަނީ ދައުވަތު ލިބިފައި

  • މިއީ ބޭންޑުގެ އިތުރުން ދިވެހިންނަށްވެސް ލިބުނު ފަޚުރެއްގެ ގޮތުގައި ފާހަގަކުރޭ

ދިވެހި ބޭންޑް 2 އޮފް އަސްއިން، ބްރިޓަންސް ގޮޓް ޓެލެންޓް ޝޯގައި ހުނަރު ދައްކާލުމަށް ފުރުޞަތު ހޯދައިފިއެވެ.

ބްރިޓަންސް ގޮޓް ޓެލެންޓަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުން ބައިވެރިވާ ފަރާތްތަކަށް، އެމީހުންގެ ހުނަރުތައް ދައްކާލުމަށް ތަނަވަސް މަގެއް ފަހިކޮށްދޮށްދޭ، އެންމެ މަޝްހޫރު އަަދި އެންމެ މަޤްބޫލު އެއް ރިއަލިޓީ މުބާރާތެވެ.

2އޮފްއަސް ވަނީ، އެ ބޭންޑުން ބްރިޓަންސް ގޮޓް ޓެލެންޓްގެ އޮންލައިން އޮޑިޝަން ކާމިޔާބުކަމާއެކު ނިންމާލާފައިވާކަން އިއުލާންކޮށްފައެވެ. އަދި އެ ޝޯގެ 19 ވަނަ ސީޒަންގެ އިތުރު ރައުންޑެއްގައި ބައިވެރިވުމަށް މިހާރު ރަސްމީކޮށް ދައުވަތު ލިބިފައިވާކަމަށް 2އޮފްއަސްއިން ވަނީ ބުނެފައެވެ.

ބްރިޓަންސް ގޮޓް ޓެލެންޓުގެ އިތުރު ރައުންޑަކަށް ހޮވުމާއި ގުޅިގެން 2އޮފްއަސްއިން ބުނެފައިވަނީ މިއީ އެ ބޭންޑުން ދެކެމުން އައި ހުފަނެއްކަމަށާއި މިއީ އެތައް ދުވަހެއްގެ މަސައްކަތުގެ ފޮނި ނަތީޖާކަމަށެވެ. އެ ބޭންޑުން މި ކާމިޔާބީ ސިފަކޮށްފައިވަނީ ބޭންޑުގެ އިތުރުން ދިވެހި ކޮންމެ ރައްޔިތަކަށްމެ ލިބުނު ފަޚުރެއްގެ ގޮތުގައެވެ.

2އޮފްއަސްއިން ވަނީ އެ ބޭންޑުގެ ކާމިޔާބީގެ ދަތުރުގައި ލިބުނު އެހީތެރިކަމާއި ހިތްވަރަށްޓަކައި ޝުކުރުވެރިކަން ފާޅުކޮށްފައެވެ.

އެ ބޭންޑުން ފާހަގަކުރި ގޮތުގައި، ރާއްޖޭގެ ކުދި ޕްލެޓްފޯމްތަކުން ފެށިގެން، "ބެޓްލް އޮފް ދަ ބޭންޑްސް އިންޓަނޭޝަނަލް" އަދި މިހާރު "ބްރިޓަންސް ގޮޓް ޓެލެންޓް" ފަދަ ބައިނަލްއަޤްވާމީ އިތުރު ޕްލެޓްފޯމްތަކަށް ދަތުރުކުރުމުގައި ގިނަގުނަ ގޮންޖެހުންތަކާ ކުރިމަތިލާންޖެހުނުކަމަށެވެ. މި ހުރަސްތައް ފަހަނައަޅައި ކުރިއަށްދިއުމުގައި އެހީތެރިވެދިން އެންމެހައި ފަރާތްތަކަށް ޝުކުރު އަދާކުރާކަމަށާއި ޚާއްޞަ ގޮތެއްގައި، އާއިލާގެ މެންބަރުންނާއި، ގާތް އެކުވެރިންނާއި، އަދި ބޭންޑަށް ތާއީދުކުރާ އެންމެހައި ފަރާތްތައް އެ ބޭންޑުން ވަނީ ފާހަގަކޮށްފައެވެ.

2އޮފްއަސްއިން ވަނީ ރާއްޖޭގައި ފުރަތަމަ ފަހަރަށް ބައިނަލްއަޤްވާމީ މައިދާނެއްގައި ހުނަރު ދައްކާލާ ލިބުނު ކާމިޔާބީގެ ސަބަބުން އިތުރު ހިތްވަރެއް ލިބިގެން ދިޔަކަމަށް ފާހަގަކޮށްފައެވެ. 2އޮފްއަސްއިން ބުނެފައިވަނީ މިއީ ކުޑަ ޤައުމެއްނަމަވެސް އެންމެ މޮޅެތި މީހުންނާއެކު އެއްސަފެއްގައި މަސައްކަތްކުރެވިދާނެކަން ޤަބޫލްކުރެވިފައިވާކަމަށެވެ. 2އޮފްއަސްއިން ވަނީ މި ސަރަހައްދުގެ އެންމެ ބޮޑު އަދި އެންމެ ޝަރަފުވެރި އެއް މިއުޒިކް މުބާރާތް ކަމަށްވާ އިންޑިއާގެ "ބެޓްލް އޮފް ދަ ބޭންޑްސް އިންޓަނޭޝަނަލް"ގެ 3 ވަނަ ހޯދާފައެވެ. މި މުބާރާތުގައި އެ ބޭންޑުން ހުށަހަޅައިދިން ހުށަހެޅުންތަކަށް ޝޯގެ ޖަޖުންގެ އިތުރުން އާންމުންގެ ގިނަ ބައެއްގެ ތަޢުރީފުވެސް ވަނީ ލިބިފައެވެ.

"ބެޓްލް އޮފް ދަ ބޭންޑްސް އިންޓަނޭޝަނަލް" މުބާރާތުން ޓޫ އޮފް އަސް ބޭންޑުން ހާސިލުކުރި ތާރީޚީ ކާމިޔާބީއާއެކު، މި ބޭންޑު ވަނީ ދިވެހިންގެ އިތުރުން ބައިނަލްއަޤްވާމީ މައިދާނުގައިވެސް މަޤުބޫލުކަން ހޯދައިފައެވެ. މި ކާމިޔާބީން ހާމަވެގެންދަނީ ބޭރުގެ ނަން މަޝްހޫރު ބޭންޑުތަކާ އެއްފެންވަރެއްގައި ވާދަކުރެވޭ ފަދަ ހުނަރުވެރި މިއުޒިކް ކުޅުންތެރިން ރާއްޖޭގައިވެސް ތިބިކަމެވެ.