ރަތް ކަނޑުގެ އުތުރުން އޮންނަ ސުވައިސް ކަނޑުއޮޅިން ދަތުރުކުރަމުންދިޔަ ތެޔޮ ބާޖެއް އަޑިއަށްގޮސް، ހަތަރު މީހުން މަރުވެއްޖެ އެވެ.
މިޞްރުގެ ސަރުކާރުން ބުނީ، ރޭގެ ވަގުތެއްގައި 'އެޑަމް މެރީން 12' ތެޔޮ ބާޖު އަޑިއަށްދިޔަ ހާދިސާގައި 22 މީހުން ޒަޚަމްވެފައިވާ ކަމަށެވެ.
އެ ބާޖު ފެތުނީ، ކަފު ޖަހައިގެން އެހެން ސަރަޙައްދަކަށް ގެންދިޔުމަށް ދަތުރުކުރަމުންދަނިކޮށް ކަމަށް މިޞްރުގެ ބައެއް މީޑިއާތަކުން ބުންޏެވެ.
އެ ހާދިސާގައި ހަތަރު މީހުން ގެއްލިފައިވާ ކަމަށާއި އެ މީހުން ހޯދުމުގެ މަސައްކަތް ކުރަމުންދާކަމަށް ވެސް ބުނެފައިވެއެވެ.
ޒަޚަމްވި މީހުންގެ ތެރެއިން، އެންމެ ހާލު ބޮޑު ހަތަރު މީހުން ވައިގެ މަގުން ހޮސްޕިޓަލަށް ގެންދެވިފައިވާ ކަމަށާއި، ބާކީ 18 މީހުން އެމްބިޔުލެންސްގައި ހޮސްޕިޓަލަށް ގެންގޮސް، ފަރުވާދެމުންދާކަމަށް މިޞްރުގެ ސިއްޙީ ވުޒާރާއިން ސޯޝަލް މީޑިޔާގައި ޙިއްސާކުރި ޕޯސްޓެއްގައި ބުންޏެވެ.
ރަތް ކަނޑުގެ ގަވަރުނަރު އަމްރު ޙަނަފީ ވިދާޅުވީ، އެ ހާދިސާގައި ގެއްލިފައިވާ ހަތަރު މީހުން ހޯދުމުގެ މަސައްކަތުގައި މިޞްރުގެ ކަނޑުގެ ސިފައިން ހަރަކާތްތެރިވަމުންދާ ކަމަށެވެ.
ޖަބަލުލް ޒައިތު އަކީ ސުވައިސް ކެނޭލްގެ ދެކުނުން ގާތްގަނޑަކަށް 300 ކިލޯމީޓަރު ދުރުގައި އޮންނަ މިޞްރުގެ ތެޔޮ އުފައްދާ ބޮޑު ސަރަޙައްދެކެވެ.