ޚަބަރު

އީރާނުން އައިއޭއީއޭއާ އޮންނަ ގުޅުން މެދުކަނޑައިލުމުގެ ޤާނޫނު ތަސްދީޤުކޮށްފި


އދގެ އެޓޮމިކް ހަކަތައާ ބެހޭ ބައިނަލްއަޤުވާމީ އިދާރާ އައިއޭއީއޭއާ އޮންނަ ގުޅުން މެދުކަނޑައިލަން އީރާނުގެ ޤާނޫނުހަދާ މަޖިލީހުން ފާސްކޮށްފައިވާ ޤާނޫނު، އީރާނުގެ ރައީސް މަސްޢޫދު ޕިޒިޝްކިޔާން ތަސްދީޤު ކޮއްފިއެވެ.

މީގެ ދުވަސްކޮޅެއް ކުރިން އައިއޭއީއޭގެ ގަވަރުނަރުންގެ ބޯޑުން ވެސް އީރާނުން ސޮއި ކޮށްފައިވާ ނިއުކްލިޔަރ މުއާހަދާއާ ޚިލާފަށް އަމަލުތައް ބަހައްޓަމުންދާ ކަމަށް ބުނެ އީރާނާ ދެކޮޅަށް ޤަރާރެއް ފާސް ކޮށްފައެވެ. އީރާނުން ބުނަމުންދަނީ ނިއުލްލިޔަރ ނަން-ޕްރޮލިފަރޭޝަން ޓްރީޓީ (އެންޕީޓީ)ގެ ދަށުން އަދި އައިއޭއީއޭގެ ސޭފްގާޑްސް އެއްބަސްވުމުގައި ލާޒިމު ކުރާ ކަންކަން އެ ޤައުމުން ފުރިހަމަ ކުރަމުންދާ ކަމަށެވެ.

އަދި ޖޫން 13 ވަނަ ދުވަހު، ޔަހޫދީ ދައުލަތުން އީރާނަށް ނިރުބަވެރި ޙަމަލާތައް ދީފައިވަނީ އައިއޭއީއޭގެ އެ ރިޕޯޓުގެ މައްޗަށް ބިނާކޮށް ކަމަށް އީރާނުން ވަނީ ތުހުމަތުކޮށްފައެވެ.

އީރާނުގެ ޤާނޫނުހަދާ މަޖިލީހުން ފާސްކުރި ބިލުގައިވާ ގޮތުން، އައިއޭއީއޭގެ އިންސްޕެކްޓަރުން އީރާނުގެ ނިއުކްލިޔަރ ޕްރޮގްރާމާ ގުޅޭ އެއްވެސް ދިރާސާއެއް ކުރަން އެ ޤައުމަށް އެތެރެވެވޭނީ އީރާނުގެ ސުޕްރީމް ނެޝަނަލް ސެކިޔުރިޓީ ކައުންސިލްގެ ހުއްދަ ލިބިގެންނެވެ. އެ ބިލަށް ޢަމަލުކުރަން ފަށާނީ، އީރާނުގެ ގާޑިއަން ކައުންސިލުން ތަސްދީޤުކޮށްފިނަމައެވެ.

އެ ބިލު ތަސްދީޤުކުރައްވާފައިވާކަމުގެ މީޑިއާތަކުން ލިބިފައިވީނަމަވެސް، އެކަމާ ގުޅޭގޮތުން ވަކި އެއްޗެއް ބުނާނީ އެކަން ރަސްމީ ސިފައެއްގައި އީރާނުން އެންގުމުން ކަމަށް އައިއޭއީއޭ އިން ބުންޏެވެ.

ޖޫން 13ވަނަ ދުވަހުން ފެށިގެން ޔަހޫދީ ފައުޖުން އީރާނަށް ނިރުބަވެރި ޙަމަލާތައް އަމާޒު ކުރަމުން ދިޔައީ އެ ޤައުމުގެ ނިއުކްލިޔަރ ޕުރޮގުރާމަށް ހުރަސް އެޅުމަށް ކަމަށް ބުނެއެވެ. އެ ޙަމަލާތަކުގައި އީރާނުގެ ގިނަ ޢަދަދެއްގެ އަސްކަރީ ކޮމާންޑަރުންނާއި، ނިއުކްލިޔަރ ސައިންޓިސްޓުންނާއި އާންމުން ވަނީ ޝަހީދު ކޮށްލައިފައެވެ. އަދި ބައެއް ނިއުކްލިޔަރ މަރުކަޒުތަކަށް ވެސް ވަނީ ޙަމަލާ ދީފައެވެ. އެ ޙަމަލާގެ ބަދަލުގައި އީރާނުން ވަނީ ‘އޮޕަރޭޝަން ޓްރޫ ޕްރޮމިސް 3’ގެ ނަމުގައި ޚާއްޞަ އޮޕަރޭޝަނެއް ފަށައި، ޔަހޫދީ ދައުލަތުގެ މުހިންމު ސަރަޙައްދުތަކަށް ވަރުގަދަ ޙަމަލާތަކެއް ދީފައެވެ. އޭގެފަހުން، ޖޫން 22ވަނަ ދުވަހު އީރާންގެ ނިއުކްލިޔަރ މަރުކަޒުތަކަށް އަމާޒުކޮށް އެމެރިކާއިން ވެސް ވަނީ ބޮން އަޅައިފައެވެ.