އަންހެނުންގެ ޔޫރޯ ފުޓްބޯޅަ މުބާރާތުގައި މިރޭ ޕޯޗުގަލްއާ ދެކޮޅަށް ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާ ސްޕެއިންގެ އައިޓާނާ ބޮންމާޓީ ކުޅޭނެ ކަމަށް އެ ގައުމުން ބުނެފިއެވެ.
ސްޕޭނުގެ ކޯޗު މޮންޓްސޭ ޓޮމީ ބުނީ މެނިންގިޓިސް ހުން ޖެހުމުން ހޮސްޕިޓަލުގައި އެޑްމިޓް ކުރި ނަމަވެސް އައިޓާނާ މިހާރު މުޅިން ފިޓްވެއްޖެ ކަމަށެވެ.
"އޭނާ ހުރީ ވަރަށް ކުޅެ ހިތުން. އޭނާ ވަނީ ފިޓްނަސް ޓީމާއެކު ހާއްސަ ތަމްރީނުތަކެއް ހަދާފައި. އަދި ޔަގީނުން ވެސް މިއަދު މުޅި ޓީމާއެކު އޭނާ ފަރިތަކުރާނެ. އޭނާ ހުރީ ފިޓްކޮށް. މެޑިކަލް ޓީމުން ވެސް އެކަމުގައި އެއްވެސް ވަރަކަށް ޝައްކެއް ނުކުރޭ،" ކޯޗު ބުންޏެވެ.
އައިޓާނާ އަކީ ހުސްވި ދެ އަހަރުގެ ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާ އެވެ. އަދި އެންމެ ފަހުގެ ވޯލްޑް ކަޕް ސްޕޭން ހޯދި އިރު އެ މުބާރާތުގެ ވެސް މޮޅު ކުޅުންތެރިޔާ އެވެ. ގިނަ ބަޔަކު އޭނާ ސިފަ ކުރަނީ ބާސެލޯނާގެ ކުރީގެ ކެޕްޓަން އަންދްރޭސް އިނިއެސްޓާގެ އަންހެން ވާޝަންގެ ގޮތުގަ އެވެ.
ބާސެލޯނާ އަށް ކުޅެމުންދާ އައިޓާނާ މުޅިން ފިޓްވި ނަމަވެސް އޭނާއާއެކު ބާސެލޯނާ އަށް ކުޅޭ ގޯލް ކީޕަރު ކަޓަލީނާ ކޯލް ޓޮންސިލް ދުޅަވުމުގެ ސަބަބުން ވަނީ ފަރުވާ ހޯދައިފަ އެވެ. އޭނާ އަށް ކުޅެވޭނެކަން ނިންމާނީ އެންމެ ފަހު ވަގުތު އެވެ.
ނަމަވެސް ޔަގީނުން ވެސް މި މެޗުގައި ކެޕްޓަން އެރެނޭ ޕެރެޑޭސް އަށް ނުކުޅެވޭނެ އެވެ. ރެއާލް މެޑްރިޑްގެ ސެންޓަ ބެކް ޔޫރޯގެ ފުރަތަމަ ދެ މެޗަށް ސަސްޕެންޑް ކުރީ ކޮލިފައިންގައި ދެއްކި ރަތް ކާޑެއްގެ ސަބަބުންނެވެ. އޭނާ ނެތުމުން ކެޕްޓަންކަން ކުރާނީ ބާސެލޯނާގެ ކެޕްޓަން އެލެކްޒިއާ ޕުޓެޔާސް އެވެ.
ސްޕޭން ހިމެނޭ ގްރޫޕުގައި ތިބީ ޕޯޗުގަލް އާއި އިޓަލީ އަދި ބެލްޖިއަމް އެވެ.