ޚަބަރު

މަސް ބޭރު ކުރި މިންވަރު އިތުރުވެ، އާމްދަނީ %40 އިތުރުވެއްޖެ


  • މެއި މަހުގެ ނިޔަލަށް 63.7 މިލިޔަން ޑޮލަރުގެ އާމްދަނީއެއް ލިބިފައިވޭ

  • މެއި މަހުގެ ނިޔަލަށް 38،000 މެޓްރިކް ޓަނުގެ މަސް ބޭރުކުރި

އަހަރުގެ ފުރަތަމަ 5 މަހު މަސް އެކްސްޕޯޓްކޮށްގެން ހޯދި އާމްދަނީ 40 އިންސައްތަ އިތުރުވެފައިވާކަމަށް މަރުކަޒީ ބޭންކުގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ. އެމްއެމްއޭއިން މިކަން ހާމަކޮށްފައިވަނީ އެއިދާރާއިން މަހުން ނެރޭ އެކި ސިނާޢަތްތަކުގެ ތަފާސް ހިސާބުތައް ރިޕޯޓުގައެވެ.

ރާއްޖެއިން ބޭރުކުރާ މަހުން ލިބުނު އާމްދަނީ އިތުރުވެފައިވާއިރު މިއަހަރު ފުރަތަމަ ފަސް މަސް ދުވަހު 63.7 މިލިޔަން ޑޮލަރު ލިބިފައިވެއެވެ. މިދިޔަ އަހަރު މިމުއްދަތުގައި ލިބިފައިވަނީ 45.5 މިލިޔަން ޑޮލަރެވެ. އެހެންކަމުން މިއީ މިދިޔަ އަހަރާއި އަޅާބަލާއިރު 40 އިންސައްތަ އިތުރު އަދަދެކެވެ.

މަސް ބޭރުކޮށްގެން ލިބުނު އާމްދަނީ އިތުރުވެފައިވާއިރު އެންމެ ބޮޑު އާމްދަނީއެއް ލިބިފައިވަނީ، އެޕްރީލް މަހުއެވެ. އެ މަހު އެކަނި 18.2 މިލިޔަން ޑޮލަރު ވަނީ ލިބިފައެވެ. އެވަރޭޖް ގޮތެއްގައި މިއަހަރު ފުރަތަމަ ފަސް މަހަށް ބަލާއިރު ޖެނުއަރީ މަސް ފިޔަވައި ކޮންމެ މަހަކު ލިބުނު އާމްދަނީ 10 މިލިޔަން ޑޮލަރަށް ވުރެ އިތުރެވެ. މިދިޔަ އަހަރުގެ އެވްރެޖް އާމްދަނީ 10 މިލިޔަން ޑޮލަރަށް ވުރެ ދަށެވެ.

މިއަހަރު މަސް ބޭރުކޮށްގެން ލިބުނު އާމްދަނީ

  • ޖެނުއަރީ - 8.6 މިލިޔަން ޑޮލަރު
  • ފެބްރުއަރީ - 13.3 މިލިޔަން ޑޮލަރު
  • މާރިޗު - 12.4 މިލިޔަން ޑޮލަރު
  • އެޕްރީލް - 18.2 މިލިޔަން ޑޮލަރު
  • މޭ - 11.2 މިލިޔަން ޑޮލަރު

މަސްވެރިކަމުން ލިބުނު އާމްދަނީ އިތުރުވެފައި މިވަނީ މަސް ބޭރު ކުރި މިންވަރު އިތުރުވުމާއި ގުޅިގެންނެވެ. އެގޮތުން މިއަހަރު ފުރަތަމަ ފަސް މަހު 38,800.6 މެޓްރިކް ޓަނުގެ މަސް ވަނީ ބޭރުކޮށްފައެވެ. މިދިޔަ އަހަރު މިމުއްދަތުގައި ބޭރުކޮށްފައިވަނީ 23,356.1 މެޓްރިކް ޓަނެވެ. މިއީ 66.1 އިންސައްތައިގެ އިތުރުވުމެކެވެ. އެންމެ ގިނަ އަދަދެއްގެ މަަސް ބޭރުކޮށްފައިވަނީ އެޕްރީލް މަހުއެވެ. އެ މަހުގެ 9700 މެޓްރިކް ޓަން ބޭރުކޮށްފައިވެއެވެ.

މިއަހަރު މިހާތަނަށް މަސް ބޭރުކޮށްފައިވާ މިންވަރު

  • ޖެނުއަރީ - 5،710 މެޓްރިކް ޓަނު
  • ފެބްރުއަރީ - 8،511 މެޓްރިކް ޓަނު
  • މާރިޗު - 7،376 މެޓްރިކް ޓަނު
  • އެޕްރީލް - 9،700 މެޓްރިކް ޓަނު
  • މޭ - 7،499 މެޓްރިކް ޓަނު

ރާއްޖޭގެ މަސްވެރިކަމުން ލިބޭ އާމްދަނީ އިތުރުކޮށް ސިނާޢަތުން އިޤްތިޞާދުގައި ހިއްސާކުރާ މިންވަރު އިތުރުކުރުމަކީ ސަރުކާރުގެ އަމާޒެކެވެ. މިކަން ކުރުމަށް މަސް ޕްރޮސެސިން ކެޕޭސިޓީ އިތުރުކޮށް މަސް ރައްކާކުރުމުގެ ކެޕޭސިޓީ އިތުރުކުރުމަށް ދަނީ މަސައްކަތް ކުރަމުންނެވެ. ސަރުކާރުގެ އަމާޒަކީ 3 އަހަރު ތެރޭގައި މަސް ޕްރޮސެސިން ކެޕޭސިޓީ 9 ގުނަ އިތުރު ކުރުން ކަމަށް މަސްވެރިކަމާއި ބެހޭ ވަޒީރު އަހުމަދު ޝިޔާމް މީގެ ކުރިން ވަނީ ވިދާޅުވެފައެވެ.