ހުޅުމާލެ ދެވަނަ ފިޔަވަހީގައި ތަރައްޤީކުރާ އައު ސްކޫލްގެ މަސައްކަތް މިއަހަރުގެ ނޮވެމްބަރަށް ނިންމާ، އަންނަ ޖެނުއަރީގައި ފަށާ ދިރާސީ އައު އަހަރާއެކު ސްކޫލްގެ ކިޔެވުން ފަށާނެކަމަށް ތަޢުލީމީ ވުޒާރާއިން ވިދާޅުވެއްޖެއެވެ.
މިއީ ހުޅުމާލޭ ދެވަނަ ފިޔަވައްސަށް އިތުރުވަމުންދާ އާބާދީއާއެކު، ސްކޫލުގެ ޖާގައިގެ ދަތިކަން ޙައްލުކުރުމަށް ކުރިއަށްގެންދާ މަޝްރޫޢުއެކެވެ.
ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ބިނާކުރާ އައު ސްކޫލްގެ މަސައްކަތް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ފައްޓާވައިދެއްވީ 2023 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 23 ވަނަ ދުވަހުއެވެ. މި ސްކޫލަކީ 1500 ދަރިވަރުންގެ ޖާގައިގެ ސްކޫލެކެވެ.
ހުޅުމާލޭ ދެވަނަ ފިޔަވަހީގައި 2020 ވަނަ އަހަރު މީހުން އާބާދުވާންފެށިނަމަވެސް މިހާތަނަށް އެތާންގައި ދާއިމީ ސްކޫލެއްގެ ގޮތުގައި އިމާރާތްކޮށްފަވަނީ ޞަލާޙުއްދީން ސްކޫލްގައި އެކަންޏެވެ. ދެން ހިމެނޭ ކާމިލް ދީދީ ސްކޫލަކީ ވަގުތީ ސްކޫލެކެވެ. ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ސްކޫލްތައް މަދުވުމަކީ، އެ ފިޔަވައްސަށް ދިރުއުޅުން ބަދަލުކުރާ އާއިލާތަކުގެ ވަރަށް ބޮޑު ކަންބޮޑުވުމެކެވެ. އެތާންގައި ދިރިއުޅޭ ގިނަ ދަރިވަރުންތަކެއް ތަޢުލީމު ޙާސިލުކުރުމަށް ދަނީ ހުޅުމާލެ ފޭސް 1 ނުވަތަ މާލޭގެ ސްކޫލްތަކަށެވެ.
މި ކަންބޮޑުވުންތަކަށް ރިއާޔަތްކޮށް، މި ސަރުކާރު އައިސް އެންމެ އިސްކަންދެއްވި މަސައްކަތްތަކުގެ ތެރޭގައި ހުޅުމާލެ ފޭސް2ގައި އައު ސްކޫލެއް ތަރައްޤީކުރައްވަން ނިންމެވިއެވެ. މި ސްކޫލާށް "ޝަހީދު އަލީ ސްކޫލް"ގެ ނަމުން ނަން ދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ނިންމަވާފަވާކަމަށް ތަޢުލީމީ ވުޒާރާއިން މަޢުލޫމާތުދެއެވެ.
މި ޕްރޮޖެކްޓްގެ މަސައްކަތްތައް ކުރިއަށްގޮސްފަވާ ހިސާބަށް ބަލާއިރު، މުޅި އިމާރާތުގެ ކޮންކްރީޓް ހުރިހާ މަސައްކަތެއް ވަނީ ނިންމާފައެވެ. މަޝްރޫޢުގައި މިހާރު ކުރަމުންދަނީ ފިނިޝިންގ މަސައްކަތްތަކެވެ.
މުޅި މަޝްރޫޢުގެ މަސައްކަތް ނޮވެމްބަރަށް ނިންމުމަށް ޢަމާޒުހިފާފަވާއިރު، އަންނަ ޖެނުއަރީމަހު ފަށާ ދިރާސީ އައު އަހަރާއެކު ސްކޫލްގެ ކިޔެވުން ފަށާނެއެވެ. ފޭސް2ގެ އައު ސްކޫލަށް ކުދިން ވެއްދުމަށް އެކަމަށް އެދުމަށް މިދިޔަ ޖޫން މަހު ވަނީ ހުޅުވާލާފައެވެ. ތަޢުލީމީ ވުޒާރާއިން ވިދާޅުވީ، މިހާރުވެސް ވަރަށް ގިނަ އަދަދެއްގެ ދަރިވަރުން އައު ސްކޫލަށް ވެއްދުމަށް ރިކުއެސްޓް ލިބެމުންދާކަމަށެވެ.
ދެވަނަ ފިޔަވަހީގައި ބިނާކުރާ މި ސްކޫލަކީ އޭސީކޮށްފައިވާ 54 ކްލާސްރޫމާއި، މަލްޓިޕާޕަސް ހޯލަކާއި، ޒަމާނީ ވަޞީލަތްތަކުގެ އިތުރުން ޓާފްދަނޑެއް އެކުލެވޭގޮތަށް ޢިމާރާތް ކުރާ ސްކޫލެކެވެ. ސްކޫލްގެ މަސައްކަތް ކޮންޓްރެކްޓަރ ފައިނޭންސިންގ އުސޫލުން ކުރިއަށްގެންދަނީ ރަޝީދު ކާޕެންޓްރީ އެންޑް ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑް (އާރު.ސީ.ސީ) އާ ހަވާލުކޮށްގެންނެވެ.
ހުލުމާލޭގައި މިވަގުތު ހުރި ދާއިމީ ސްކޫލްގައި ހިމެނެނީ ގާތްގަނޑަކަށް 1100 ދަރިވަރުންގެ ޖާގައެވެ. ނަމަވެސް އިތުރުވަމުންދާ އާބާދީއާއެކު، ހުޅުމާލެ ދެވަނަ ފިޔަވައްސަށް އިތުރަށް 2000-3000 ޖާގަ ބޭނުންވާކަމަށް ތަޢުލީމީ ވުޒާރާއިން ފާހަގަކުރެއެވެ.