ތިމާވެއްޓާރަށްޓެހި ދެމެހެއްޓެނިވި ދަނޑުވެރިކަން ތަޢާރަފްކުރުމުގެ ގޮތުން އުތުރުގެ 12 ރަށެއްގައި ގްރީންހައުސްތައް ޤާއިމުކޮށްފައިވާކަމަށް ދަނޑުވެރިކަމާއި ދިރާތަކެއްޗާ ބެހޭ ވުޒާރާއިން ވިދާޅުވެއްޖެއެވެ.
މިއީ ދަނޑުވެރިކަމާއި ދިރޭތަކެއްޗާ ބެހޭ ވުޒާރާ އާއި އިފާޑް ގުޅިގެން ކުރިއަށް ގެންދާ މޯލްޑިވްސް އެގްރިބިޒްނަސް ޕްރޮގްރާމް (މެޕް) ގެ ދަށުން ކުރިޔަށްގެންދާ މަސައްކަތެކެވެ.
މޯލްޑިވްސް އެގްރިބިޒްނަސް ޕްރޮގްރާމަކީ އިންޓަރނޭޝަނަލް ފަންޑް ފޯރ އެގްރިކަލްޗަރ ޑިވެލޮޕްމަންޓް (އިފާޑް) އާއި ދިވެހި ސަރުކާރާއި ގުޅިގެން ކުރިއަށްގެންދާ ޕްރޮގްރާމެކެވެ. މިޕްރޮގްރާމް ކުރިއަށްގެންދަނީ ހއ، ހދ އަދި ށ އަތޮޅުގެ 26 ރަށެއްގައެވެ.
ދަނޑުވެރިކަމާ ބެހޭ ވުޒާރާއިން މީގެ ކުރިން ގްރީންހައުސްތަކުގައި ހައްދަމުންދިޔައީ ކިއުކަމްބާ އަދި މެލަން އަކަންޏެއެވެ. އެހެންނަމަވެސް މިހާރު މި ދެ ބާވަތުގެ އިތުރުން ތަޖުރިބާކުރުމުގެ ގޮތުން މިރުސް ކެޕްސިކަމް، ފަދަ ތަކެތި ހެއްދުމުގެ ތަމްރީނުތައް ވަނީ ކުރިއަށް ގެންގޮސްފައެވެ. އެގޮތުން 12 ރަށުގެ ތެރެއިން މިހާތަނަށް 11 ރަށެއްގައި ގްރީންހައުސްގެ ހަރަކާތްތައް ކުރިޔަށް ގެންދެވޭކަމަށް އެވުޒާރާއިން ވިދާޅުވިއެވެ.
ގްރީންހައުސްތައް ޤާއިމުކޮށް ދަނޑުވެރިން ޒަމާނީ ދަނޑުވެރިކަމަށް އަހުލުވެރި ކުރުމުގެ އިތުރުން، ދަނޑުވެރިކަމުގައި ކުރިއަރައި ދިއުމަށް ބޭނުންވާ ތަފާތު ތަމްރީންތައްވެސް ދަނޑުވެރިނަށް މެޕްއިން އަންނަނީ ފޯރުކޮށްދެމުންނެވެ. އެގޮތުން 224 އަށްވުރެއް ގިނަ ދަނޑުވެރިންނަށް ވަނީ ގްރީންހައުސްތަކުގައި ދަނޑުވެރިކަން ކުރުމަށް ބޭނުންވާ ތަމްރީންތައް ދީފައެވެ.
ދަނޑުވެރިކަމާ ބެހޭ ވުޒާރާއިން ވިދާޅުވީ މެޕްގެ ދަށުން ހިންގާ މިޕްރޮގްރާމްތަކުގެ އަމާޒަކީ ދަނޑުވެރިކަމަކީ ރާއްޖޭގެ އިޤުތިޞާދަށް މަންފާ ލިބޭ ސިނާޢަތެއްގެ ގޮތުގައި ހެދުން ކަމަށެވެ. އަދި ބޭރުން އެތެރެކުރާ ކާބޯތަކެތީގެ ބާވަތްތައް މަދުކޮށް ދިވެހި ދަނޑުފަނގުތަކުން ސީދާ ނަފާ ލިބޭނެހެން، ކާނާގެ ޔަޤީންކަން އިތުރުކުރުމަކީވެސް މެޕްގެ މަޤުޞަދެއްކަމަށް އެ ވުޒާރާއިން ވިދާޅުވިއެވެ.