މާލެ، މައްޗަންގޯޅި ގެއަކުން ވަގަށް ނަގާފައިވާ ބައެއް ތަކެތި ހޯދައި ވެރިފަރާތާ ޙަވާލުކޮށްފައިވާކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ވިދާޅުވެއްޖެއެވެ.
ދިވެހި ފުލުހުންގެ ޚިދުމަތުން ވިދާޅުވީ، މި މައްސަލައަކީ، މައްޗަންގޯޅި ގެއަކުން ވައްކަންކޮށް، 60،000އަށްވުރެ ގިނަ ރުފިޔާގެ ސާމާނު ވަގަށް ނެގުމާއެކު ހުށަހަޅާފައިވާ މައްސަަލައެއްކަމަށެވެ.
މިދިޔަ މަހުގެ 29 ވަނަ ދުވަހު ހުށަހަޅާފައިވާ މި މައްސަލައާއި ގުޅިގެން، ވަގަށް ނަގާފައިވާ ތަކެތި ހޯދުމަށް ކުރަމުންދިޔަ މަސައްކަތުން މިދިޔަ މަހުގެ 30 ވަނަ ދުވަހު ވަގަށް ނަގާފައިވާ ތަކެތީގެ ތެރެއިން ބައެއް ތަކެތި ފެނިފައިވާކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ވިދާޅުވެއެވެ.
އޭގެތެރޭގައި، އައިފޯނު، ލެޕްޓޮޕް، އެކި ބްރޭންޑުތަކުގެ އަވިއައިނު، ޕްރިންޓަރުގެ އިތުރުން އެކި ބްރޭންޑުތަކުގެ ހާޑު ހިމެނެއެވެ. މީގެއިތުރުން، ސްޕީކަރާއި އަތުކުރީ ގަޑިއާއި އަދި އެނޫންވެސް ތަކެތި ހިމެނޭކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ވިދާޅުވެއެވެ.
އެތަކެތީގެ ވެރިފަރާތުން ބުނި ގޮތުގައި އެ ތަކެތީގެ އަގު 60000 ރުފިޔާއަށް ވުރެ ބޮޑުވާނެއެވެ. އަދި އެގެއިން ވަގަށް ނަގާފައިވާ ތަކެތީގެ ޖުމްލަ އަގު 72000 ރުފިޔާއަށް ވުރެ ބޮޑުވާނެކަމަށްވެސް ވަރިފަރާތުން ވަނީ މަޢުލޫމާތުދީފައެވެ.
މި މައްސަލައިގައި މިހާތަނަށް ނުފެންނަ ތަކެތި ހޯދުމުގެ މަސައްކަތް ފުލުހުން ދަނީ ކުރަމުންނެވެ. މި މައްސަލައާ ގުޅިގެން މީހަކު ހައްޔަރުކޮށްފައެއް ނުވެއެވެ. މި މައްސަލަ ފުލުހުން ދަނީ ތަހުގީގުކުރަމުންނެވެ.