ރެއާލް ސޮސިއެޑާޑްއަށް ކުޅެމުންދާ ސްޕެއިންގެ މިޑްފީލްޑަރ މާޓިން ޒުބިމެންޑީ 60 މިލިއަން ޕައުންޑުގެ ފީއަކަށް އިނގިރޭސި ޕްރިމިއާ ލީގުގެ ކްލަބް އާސެނަލް އަށް ގެންގޮސްފި އެވެ.
އުމުރުން 26 އަހަރުގެ ޒުބިމެންޑީ އަށް ވަރުގަދަ ކްލަބްތަކެއް ކަމުގައިވާ މެންޗެސްޓަރ ޔުނައިޓެޑާޢި ބަޔާން މިއުނިކްގެ އިތުރުން ލިވަޕޫލް އިން ލިބުނު ހުށައެޅުންތައް ދޫކޮށްލުމަށްފަހު އޭނާ ވަނީ ރެއާލް ސޮސިއެޑާޑް ގައި މަޑުކޮށްފަ އެވެ.
ޒުބިމެންޑީ އާސެނަލް އާއި ގުޅުނު އިރު ކުރިއަށް އޮތް ސީޒަނަށް އެ ކްލަބް އިތުރަށް ވަރުގަދަ ކުރުމުގެ ގޮތުން މިއީ މިހާރު ކުރިއަށްދާ ޓްރާންސްފަރ ބާޒާރުގައި އެ ކްލަބަށް ގެންދިޔަ ދެވަނަ ކުޅުންތެރިޔާ އެވެ. މީގެ ކުރިން އާސެނަލް އިން ވަނީ ޗެލްސީގެ ގޯލު ކީޕަރު ކެޕާ އަރިޒަބަލާގާ އެ ކްލަބަށް ގެންގޮސްފަ އެވެ.
މީގެ އިތުރުން އާސެނަލް އިން ގެންދަނީ ސްޕޯޓިން އަށް ކުޅެމުންދާ ފޯވަޑް ވިކްޓަރ ގިޔޮކޭރެސް ހޯދުމަށް މަސައްކަތް ކުރަމުންނެވެ. ރިޕޯޓްތައް ބުނާ ގޮތުގައި އޭނާ ހޯދުމަށް އާސެނަލް އިން ވަނީ 70 މިލިއަން ޕައުންޑުގެ ފީއެއް ހުށައަޅާފަ އެވެ.
ރެއާލް ސޮސިއެޑާޑް އަށް 236 މެޗު ކުޅެދީފައިވާ ޒުބިމެންޑީ ވަނީ އެ ކްލަބަށް 10 ލަނޑު ޖަހައިދީފަ އެވެ. ޒުބިމެންޑީ ވަނީ ސްޕެއިންގެ ގައުމީ ޓީމަށް މިހާތަނަށް 19 މެޗު ކުޅެދީފަ އެވެ. އަދި ރޮޑްރީ އަށް ލިބުނު އަނިޔާއަށްފަހު ސްޕެއިންގެ ގައުމީ ޓީމުން އޭނާއަށް ގަވާއިދުން ވަނީ ފުރުސަތު ލިބިފަ އެވެ.