ލިޔުންތެރިންގެ ދުވަސް ކޮންމެ އަހަރަކުވެސް ރާއްޖޭގައި ފާހަގަކުރަނީ ޖުލައި މަހުގެ 8 ވަނަ ދުވަހުއެވެ. މިފަދަ ދުވަހެއް ފާހަގަކުރުމުގެ ބޭނުމަކީ ޤައުމެއް ތަރައްޤީވެ ކުރިއަރާ ދިއުމުގައި ޢާންމު އަޚުލާޤު ހިފެހެއްޓުމުގައި ލިޔުންތެރިން އަދާކުރާ މުހިންމު ދައުރު އަގުވަޒަންކުރުމެވެ. މިއަދު ފާހަގަކުރާ ލިޔުންތެރިންގެ ދުވަހުގެ ޝިއާރަކީ "ލިޔާށެވެ. މަގު ދައްކާށެވެ." މި ޝިއާރެވެ.
ޤައުމެއް ބިނާކޮށް އާރާސްތުކުރުމުގައި އެންމެ މުހިންމު ދައުރެއް އަދާކުރާ އެއް ބަޔަކީ ލިޔުންތެރިންނެވެ. އެހެނީ އެބައި މީހުންނަކީ ކަންކަމުގެ ރަނގަޅު ގޮތް މުޖުތަމަޢުއަށް ކިޔައިދޭ މީހުންނެވެ. އެކި ކަންކަމަށް މީހުން އަހުލުވެރިކުރުވައި، ހޭލުންތެރިކޮށްދޭ ބަޔަކީވެސް ހަމަ ލިޔުންތެރިންނެވެ.
ލިޔުންތެރިންގެ ދުވަސް މިއަދު ފާހަގަކުރާއިރު، ރާއްޖޭގައި މަސައްކަތްކުރާ ލިޔުންތެރިންގެ މަތިން ހަނދާކޮށްލުން މުހިންމެވެ. 1933 ވަނަ އަހަރު ރާއްޖޭގައި ފުރަތަމަ ފަހަރަށް މަޖައްލާއެއް ޝާއިޢު ކުރެވި، މިހާތަނަށް އާއިރު ދިވެހި ލިޔުންތެރިކަން ވަރަށް ތަފާތުވެއްޖެއެވެ. ދުނިޔެ ބަވަނަވަމުން އައި ވަރަކަށް، ދިވެހި ލިޔުންތެރިކަންވެސް ތަހުޒީބުވެ، ވަނީ ބަވަނަވެފައެވެ.
މިއަދު ގިނަ އަދަދެއްގެ އޮންލައިން ނޫސްތައް ރާއްޖޭގައި ހިންގައެވެ. ހުރިހާ ކަމެއް އޮންލައިންވެ، ދިވެހި އީ-ބުކް ލައިބްރަރީތަކާއި މަޢުލޫމާތު ހިމެނޭ ވެބްސައިޓުތައްވެސް ވަރަށް ގިނައެވެ. ލިޔުންތެރިކަން މިހާ ފުޅާވެފައިވާއިރު، އަދުގެ ލިޔުންތެރިން ޤަބޫލުކުރަންޖެހޭ ޙަޤީޤަތްތަކެއް އެބައޮތެވެ. ލިޔުންތެރިންނަކީ ބައެއްފަހަރު ތޫނު ހަތިޔާރެއްފަދަ ބައެކެވެ. ނުރައްކާތެރި ބައެކެވެ. އެ މީހުންގެ ލިޔުމުން ކިތަންމެ ނުބައި ކޮޅަކަށްވެސް ވިސްނުންތައް އަނބުރާލެވިދާނެއެވެ. ނުބައި ފިތުނަވެރިކަމެއްވެސް އުފެއްދިދާނެއެވެ.
ނަމަވެސް މިއީ އިސްލާމް ދީނުގައިވެސް ރަނގަޅު ގޮތް ނޫންކަން އަޅުގަނޑުމެން އެންމެންނަށްވެސް އެނގެއެވެ. ދޮގު ފެތުރުމުގެ ނުބައިކަމާއި ތެދު ފެތުރުމުގެ މުހިންމުކަން އެންމެންވެސް ދަނެއެވެ. މި މޭރުމުން ވިސްނާއިރު، އަދުގެ ލިޔުންތެރިން ވިސްނަންޖެހޭ މުހިންމު ނުކުތާތަކެއް ދިވެހިބަހުގެ އުސްތާޛު އަދި ތަޖުރިބާކާރު ލިޔުންތެރިޔާ ޢަބްދުލްޢަޒީޒް ޖަމާލު އަބޫބަކުރު ފާހަގަކުރައްވައެވެ.
ޕީއެސްއެމް ނިއުސްއާ ވާހަކަދައްކަވަމުން ޢަބްދުލްޢަޒީޒް ވިދާޅުވީ ލިޔުންތެރިން ވާންވާނީ މުޖުތަމަޢުގެ އިސްލާހަށްޓަކައި މަސައްކަތްކުރާ ބަޔަކަށްކަމަށެވެ. ލިޔުންތެރިޔާގެ ޤަލަމުން އޭނާ ބޭނުންވާ ގޮތަކަށް މުޖުތަމަޢު ބައްޓަންކުރެވިދާނެކަން ޢަބްދުލްޢަޒީޒް ފާހަގަކުރައްވައެވެ.
ޢަބްދުލްޢަޒީޒް ވިދާޅުވީ ލިޔުންތެރިން ބިނާކުރަނިވި ފާޑު ކިޔައި، ލިޔުން ލިޔެވިދާނެކަމަށެވެ. އެހެންނަމަވެސް، ފާޑު ކިޔާނަމަ، ކަމެއް އޮންނަންވީ ރަނގަޅު ގޮތް ބުނެދޭންޖެހޭނެކަމަށާއި ކޮންމެ ލިޔުމެއްވެސް ބައްޓަންކުރަންވާނީ އެގޮތަށްކަމަށް ޢަބްދުލްޢަޒީޒް ވިދާޅުވިއެވެ.
"ލިޔުންތެރިންނަކީ ވަރަށް އަމާނާތްތެރި، އިޚުލާސްތެރި ބަޔަކަށް ވާންޖެހޭނެ. ބިނާކުރަނިވި ފާޑު ކިޔަންޔާ ޤައުމުގެ އިސްލާހަށްޓަކައި މުހިންމު މަސައްކަތެއް ލިޔުންތެރިންނަށް އެ ކުރެވެނީ." ޢަބްދުލްޢަޒީޒް ވިދާޅުވިއެވެ.
ޢަބްދުލްޢަޒީޒްވެސް ބަޔާންކުރެއްވި ފަދައިން، ލިޔުންތެރިންނަކީ ހެޔޮ މަގަށް އަތް ދިއްކުރާ އާރުކާޓީންތަކަކަށްވާންޖެހެއެވެ. ލިޔުންތެރިންނަކީ ފުރައްސާރަކުރުމާއި އާޑަކިޔުމުން ދުރުހެލިވެފައިވާ ބަޔަކަށްވާންޖެހެއެވެ. ލިޔުންތެރިންގެ ދުވަހެއް ފާހަގަކުރާއިރު، މިކަންކަމަށް އަޅުގަނޑުމެން ވިސްނާލަންޖެހެއެވެ. އެހެންކަމުން މިއަދު ކޮންމެ ލިޔުންތެރިއަކުވެސް ހަނދާކުރަންވީ ކަންކަމުގައި ފާޑު ކިޔުމަށްފަހު ރަނގަޅު ގޮތް ބުނެދޭ ބަޔަކަށްވުމަށެވެ.