ރާއްޖޭގައި ކުރެވޭ ފޮރިން ޑައިރެކްޓް އިންވެސްޓްމަންޓްތަކަކީ، ދިވެހި ޒުވާނުންނަށް ވަޒީފާއާއި، ވިޔަފާރީގެ ފުރުޞަތުތައް ލިބޭނެ އިންވެސްޓްމަންޓްތަކަކަށް ވާންޖެހޭކަމަށް އިމާރާތް ކުރުމާއި ގެދޮރުވެރިކާމާއި ބިނާރަބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބް ވިދާޅުވެއްޖެއެވެ. ވަޒީރު މިފަދައިން ވިދާޅުވީ މާފަރު އިންޓަނޭޝަނަލް އެއަޕޯޓް ތަރައްޤީކޮށް ނިންމުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
އިމާރާތް ކުރުމާއި ގެދޮރުވެރިކާމާއި، ބިނާރަބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބް ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒުގެ ސަރުކާރުގެ ސިޔާސަތަކީ ރާއްޖެއަށް އަންނަ ތަރައްޤީއާއެކު ދިވެހި ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު މަތިކުރުންކަމަށެވެ. އެހެންކަމުން ރާއްޖޭގައި ކުރެވޭ ފޮރިން ޑައިރެކްޓް އިންވެސްޓްމަންޓްތަކަކީ ހަމައެކަނި ދައުލަތަށް ޓެކްސް ފައިސާ ހޯދަން އޮންނަ މަގަކަށް ވެގެން ނުވާނެކަމަށާއި، އެ އިންވެސްޓްމަންޓްތަކަކީ ދިވެހި ޒުވާނުންނަށް ވަޒީފާގެ ފުރުޞަތުތައް ފަހިވުމުގެ އިތުރުން ވިޔަފާރީގެ ފުރުޞަތުތައް ލިބޭނެ އިންވެސްޓްމަންޓްތަކަކަށް ވާންޖެހޭކަމަށް ވަޒީރު ވިދާޅުވިއެވެ.
މާފަރު އެއަޕޯޓް މަޝްރޫޢުއަށް އަލިއަޅުވާލައްވަމުން ވަޒީރު ވިދާޅުވީ އެ އެއަރޕޯޓުން ނ. އަތޮޅުގެ ރައްޔިތުންނަށް ލިބޭ ހަމައެކަނި ފައިދާއަކީ މަތިންދާ ބޯޓުތަކާއި ޖެޓްތައް ޖައްސާތަން ބެލުން ނޫންކަމަށާއި، މާފަރު އިންޓަނޭޝަނަލް އެއަރޕޯޓް ވާންޖެހޭނީ އެއަތޮޅުގެ ރައްޔިތުންނަށް އިތުރު ފުރުޞަތުތަކަށް ހުޅުވޭ ދޮރަކަށްކަމަށެވެ.
"މިއަދަކީ ދިވެހިރާއްޖޭގެ ތަރައްޤީގައި ނ. އަތޮޅުގެ މުހިއްމުކަން ރަމްޒުކޮށްދޭ ދުވަހެއް. މިއަދަކީ ނ. އަތޮޅުގެ ރައްޔިތުންނަށް ފާގަތި މުސްތަޤުބަލެއްގެ އުންމީދު އާކޮށްދޭ ދުވަހެެއް. މިއަދު އެއްވެ މިތިބީ ކޮންކްރީޓްއާއި ތާރާއި ދަގަނޑުން ހަދާފައިވާ އެއަރޕޯޓެއް ހުޅުވުމަށްވުރެ ބޮޑު މައުނަވީކަމެއް ފާހަގަކުރަން. ނ. އަތޮޅަކީ ޤުދުރަތީގޮތުން އޮތް އެންމެ ރީތި އަތޮޅު. ނ. އަތޮޅަކީ ދުނިޔޭގެ އެންމެ މަތީ ފެންވަރުގެ އެތައް ރިސޯޓްތަައް އޮތް އަތޮޅެއް." އިމާރާތް ކުރުމާއި ގެދޮރުވެރިކާމާއި ބިނާރަބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބް ވިދާޅުވިއެވެ.
ވަޒީރު ވިދާޅުވީ ރާއްޖެއަށް އަންނަ ތަރައްޤީއަކީ އާންމު ރައްޔިތުން ބަލަން ތިބޭ ތަރައްޤީއަކަށް ވެގެން ނުވާނެކަމަށާއި، ރައްޔިތުން ވާންޖެހޭނީ މި ތަރައްޤީގެ ބައިވެރިންނަށްކަމަށެވެ. ވަޒީރު ވިދާޅުވީ، ނ. އަތޮޅުގައި ދުނިޔޭގެ ފެންވަރުގެ ރިސޯޓްތަކަށް ޚިދުމަތް ކުރުމާއި، ވިޔަފާރިތަކަށް އިތުރު ފުރުޞަތުތައް ހޯދައިދީ، ރިސޯޓްތައް ތަރައްޤީކުރުމަށް އަންނަ މީހުންނާ ގުޅިގެން ރަށްރަށުގައި ވަޒީފާގެ ފުރުޞަތުތަކާއި ވިޔަފާރީގެ ފުރުޞަތުތައް އިތުރުކުރެވިދާނެކަމަށެވެ.
މިވަގުތުގައިވެސް ނ. އަތޮޅުގައި އެތައް މިލިޔަން ޑޮލަރުގެ އިންވެސްޓްމަންޓްތަކެއް ހިނަގަމުންދާކަން ފާހަގަކުރައްވައި ވަޒީރު ވިދާޅުވީ އެ އަތޮޅަކީ މުސްތަގުބަލުގައި އެތައް ކުރިއެރުމަކާއި ފުރުޞަތުތައް އޮތް ތަނެއްކަމަށެވެ. އެހެންކަމުން އަމާޒަކަށްވާންވަނީ ނ. އަތޮޅަށް އަންނަ ތަރައްޤީގެ ފޮނިމީރުކަން އެއަތޮޅުގެ ކޮންމެ ރައްޔިތެއްގެ ދިރިއުޅުމަށްވެސް ލިބޭނެ ގޮތް ހެދުންކަމަށްވެސް ޢިމާރާތްކުރުމާއި ބިނާރާ ބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބް ވިދާޅުވިއެވެ.