ޚަބަރު

ތިލަފުށީ ކާގޯ ހޭންޑްލިން ފެސިލިޓީގެ މަސައްކަތް މިމަހު ފެށޭނެ


  • ފެސިލިޓީގައި އެއްފަހަރާ 1600–1800އާ ދެމެދުގެ އަދަދަކަށް ކޮންޓައިނާތައް ރައްކާކުރެވޭނެ

ތިލަފުށީގައި ޤާއިމްކުރާ ކާގޯ ހޭންޑްލިން ފެސިލިޓީގެ މަސައްކަތް މިމަހުގެތެރޭގައި ފެށޭނެކަމަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް، އެމްޕީއެލްއިން ވިދާޅުވެއްޖެއެވެ.

އެމްޕީއެލްއިންއިން ތިލަފުށީގައި ތަރައްޤީކުރަމުން އަންނަ ބަނދަރު މަޝްރޫޢާއި އެބަނދަރުން ދޭނެ ޚިދުމަތްތަކާ ގުޅޭގޮތުން ޕީއެސްއެމް ނިއުސްގެ ރާއްޖެ މިއަދު ޕްރޮގްރާމުގައި ވާހަދައްކަވަމުން މޯލްޑިވްސް ޕޯޓްސް ލިމިޓެޑްގެ މެނޭޖަރ، އިބްރާހީމް ވިޝާމް ރަޝީދު ވިދާޅުވީ، ތިލަފުށީ ބަނދަރު ތަރައްޤީކުރުމުގެ މަޝްރޫޢުގެ ފުރަތަމަ ފިޔަވަހީގެ ދަށުން 100 މީޓަރުގެ މަގަތު ފާލަމަކާއެކު ޤާއިމްކުރާ ކާގޯ ހޭންޑްލިން ފެސިލިޓީގެ މަސައްކަތް މިމަހުގެތެރޭގައި ފެށުމަށް ތައްޔާރުވަމުން އަންނަކަމަށެވެ.

ތިލަފުށީގައި ޤާއިމްކުރާ ކާގޯ ހޭންޑްލިން ފެސިލިޓީގައި އެއްފަހަރާ 1600 – 1800 އާ ދެމެދުގެ އަދަދަކަށް ކޮންޓައިނަރތައް ރައްކާކުރެވޭނެކަމަށެވެ. އަދި ކޮންޓެއިނަރ ބޭލުމަށް ހޭދަވާ ވަގުތު އަވަސްވެގެންދާނެ ކަމަށްވެސް ވިޝާމް ވިދާޅުވިއެވެ.

" މި ފެސިލިޓީއަކީ އެއްފަހަރަކާ 1600 – 1800 އާ ދޭތެރޭގެ ބަރުކޮށްފައިވާ ކޮންޓައިނަރތައް އެތާނގަ ރައްކާކުރެވި ޚިދުމަތްދެވޭނެ ތަނެއް. އަދި އެކަން އަޅުގަނޑުމެން ކުރުމަށްޓަކައި މިހާރު މި ބޭނުންކުރާ ބޯޓުގައި ހުންނަ ކްރޭންތަކުގެ ބަދަލުގައި އެމްޕީއެލްގައި ޤާއިމްކުރާނެ 2 މޮބައިލް ހާބަރ ކްރޭންތައް. އަދި އޭގެ ސަބަބުން މިހާރު ކޮންޓައިނަރ ބާލާ ރޭޓް ވަރަށް ބޮޑަށް ހަލުވިވެ އަދި ރައްކާތެރިކަމާއެކީ އެ މަސައްކަތް ކުރާ ފަރާތްތަކުން އެތަނަށް އަރާ އެ ހުރިހާ ޕްރޮސެސްތައްވެސް ނެތިގެންދާނެ. އެކްސްޑިންޓްތަކާއި، ރިސްކްތަކާއި، ހިރާސްތައް މަދުވެ، ދުވެލި ވެސް އަވަސްވެގެންދާނެ". އިބްރާހީމް ވިޝާމް ރަޝީދު ވިދާޅުވިއެވެ.

ވިޝާމް ވިދާޅުވީ، މިހާރު ކުރިއަށްދަނީ މި މަޝްރޫޢުގެ ޓެންޑަރިން މަރުހަލާގެ މަސައްކަތްކަމަށާއި، މަސައްކަތް ޙަވާލުކުރެވޭތާ އެއްއަހަރުތެރޭ ފުރަތަމަ ފިޔަވަހީގެ ދެވަނަ ބައިގެ މަސައްކަތް ނިމޭނެކަމަށް އުއްމީދުކުރައްވާކަމަށެވެ.

"އަޅުގަނޑުމެންގެ އެއް އުއްމީދަކީ މީގެ ސަބަބުން އިޤްތިސާދީ ދުވެލީގެ ބާރުމިނާ އެއްވަރަށް އަޅުގަނޑުމެން ލޮޖިސްޓިކް ވިއުގަ ދެމެހެއްޓުން. އަދި ކަނޑު މަގުން އަޅުގަނޑުމެން ގުޅިފައިވާތީވެސް މާލޭ ބަނދަރަށް ގެނައުމަށްފަހު ރާއްޖޭގެ އެހެން ހުރިހާ ހިސާބަކަށްވެސް މިިދަނީ. އެހެންވީމަ މި ބަނދަރުގެ ޚިދުމަތްތައް އަވަސްވެ، ހަލުވިވެ، އަގުހެޔޮކޮށް ކުރެވޭނެ ގޮތްތަކެއް ފަހިވެގެންދިއުމަކީ އާންމު ދިރިއުޅުމަށާއި އާންމުންނަށާއި އަދި ވިޔަފާރި ހިންގާ ސިނާޢަތްތަކަށްވެސް އޭގެން ވަރަށް ބޮޑެތި މަންފާތަކެއް ލިބޭނެ ކަމެއް. އެހެންވީމަ މިއީ ޤައުމީ ފެންވަރުގައިވެސް އަޅުގަނޑުމެންނަށް ވަރަށް މުހިންމު ޕްރޮޖެކްޓަކަށްވާތީ ތިލަފުށީ ޑިވެލޮޕްކުރުމުގެ މަސައްކަތް އަޅުގަނޑުމެން ބާރުމިނުގައި މި ކުރިއަށްގެންދަނީ". ވިޝާމް ވިދާޅުވިއެވެ.

ވިޝާމް ވިދާޅުވީ، މި މަޝްރޫޢާއެކު 750 މީޓަރުގެ ޑޮމެސްޓިކް ކީއެއް ޤާއިމްކުރަން ހަމަޖެހިފައިވާކަމަށެވެ. އޭރުން މުދާ ކްލިއަރ ކުރުމަށްފަހު ބޯޓުތަކަށް ބަރުކޮށްގެން ރަށްރަށަށާއި ރިސޯޓްތަކަށް ގެންދެވޭ ނިޒާމު ހަމަޖެހިގެންދާނެކަމަށެވެ.