ޚަބަރު

ފެނަކަ ބޯޑުގެ ޗެއަރމަންގެ މަޤާމަށް ހުސެއިން ޝާމް އަދާމް


  • ޝާމް މަޤާމަށް އައްޔަންކޮށްފައިވަނީ އެ މަޤާމުގައި ކުރިން ހުންނެވި ޝިމާދް އިސްތިއުފާ ދެއްވުމުން

ފެނަކަ ކޯޕަރޭޝަންގެ ލިމިޓެޑްގެ ޑިރެކްޓަރުންގެ ބޯޑުގެ ޗެެއަރމަންގެ މަޤާމަށް ހުސެއިން ޝާމް އާދަމް އައްޔަން ކުރައްވައިފިއެވެ.

ހުސެއިން ޝާމް އާދަމްއަކީ މާލީ ކަންކަމާއި ތަރައްޤީގެ ރޭވުންތެރިކަމާބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރުގެ މަޤާމުވެސް އަދާކުރައްވަމުން ގެންދަވާ ބޭފުޅެކެވެ.

ފެނަކައިގެ ބޯޑުގެ ޗެެއަރމަންގެ މަޤާމަށް ޝާމް އައްޔަންކޮށްފައިވަނީ އެ މަޤާމުގައި ކުރިން ހުންނެވި، އެސްޓީއޯގެ މެނޭޖިންް ޑިރެކްޓަރ ޝިމާދް އިބްރާހިމް މަޤާމުން އިސްތިއުފާ ދެއްވުމާއި ގުޅިގެންނެވެ. ޝިމާދު ފެނަކައިގެ ބޯޑުގެ ޗެެއަރމަންގެ މަޤާމަށް އައްޔަންކޮށްފައިވަނީ މިދިޔަ އަހަރު ސެޕްޓެމްބަރު މަހުއެވެ. ޝިމާދު މަޤާމުން އިސްތިއުފާއި ދެއްވުމާއި ގުޅިގެން އެ މަޤާމަށް މާލީ ވުޒާރާގެ ސްޓޭޓް މިނިސްޓަރ ޝާމް އައްޔަންކުރައްވާފައިވާކަން ފެނަކައިން ވަނީ ކަށަވަރުކޮށްދެއްވާފައެވެ.

ޝާމް އެ މަޤާމަށް އައްޔަން ކުރުމާއި ގުޅިގެން ފެނަކައިން ވަނީ އޭނާއަށް މަރުހަބާ ދަންނަވާފައެވެ. އަދި އޭނާ ކުންފުންޏާއި ގުޅިވަޑައިގަތުމަކީ ލިބިގެން ދިޔަ ކުރިއެރުމެއް ކަމަށް ފެނަކައިން ވިދާޅުވިއެވެ.