ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް) އިން އިންތިޒާމުކޮށްގެން ކުރިއަށްގެންދާ ގައުމީ ވޮލީބޯޅަ ލީގު 2025 ގެ ފިރިހެން ޑިވިޝަނުގައި ފަހަތުން އަރައި 3-2 ސެޓުން ދަނޑިމަގު ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކުލަބު ބަލިކޮށް، ލީގު ޗެމްޕިއަންކަން ހޯދުމާ ގާތަށް ދިވެހި ސިފައިންގެ ކުލަބު ޖެހިލައިފިއެވެ.
ޒުވާނުންގެ މަރުކަޒުގެ އެތެރޭ ކޯޓުގައި މިރޭ ކުޅުނު މެޗުގެ ފުރަތަމަ ދެ ސެޓު 25-14 އަދި 25-23 އިން ގެންގޮސްފައިވަނީ ދަނޑިމަގުންނެވެ. އެހެންނަމަވެސް ތިންވަނަ ސެޓާއެކު ދިވެހި ސިފައިންގެ ކުލަބުން ވަނީ ހިތްވަރާއެކު ނުކުމެ ދަނޑިމަގު ފަހަތަށް ޖައްސައި، ތިން ސެޓު ކާމިޔާބުކޮށް ލީގު ހޯދުމާ ގާތަށް ޖެހިލާފައެވެ.
ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މިމެޗުގެ ފަހު ތިން ސެޓު ދިވެހި ސިފައިންގެ ކުލަބުން ގެންގޮސްފަވަނީ 25-22، 25-21 އަދި 15-5 އިންނެވެ. މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ ދިވެހި ސިފައިންގެ ކުލަބުގެ ހުސައިން ރައްޒާންއެވެ.
މި މޮޅާއެކު ތާވަލުގެ އެއްވަނައިގައި ސިފައިން އޮތީ ކުޅުނު ތިން މެޗުން ލިބުނު އަށް ޕޮއިންޓާއެކުއެވެ. ދެވަނައިގައި އޮތް ހުރާ ކޮމިއުނިޓީ ކުލަބަށް ތިން މެޗުން ހަ ޕޮއިންޓް ލިބިފައިވާއިރު، ތިންވަނައިގައި އޮތް ދަނޑިމަގަށް ތިން މެޗުން ލިބިފައިވަނީ ހަތަރު ޕޮއިންޓެވެ.