އިންޓަނޭޝަނަލް ސޮކަރ އެކަޑަމީ (އައިއެސްއޭ) އިން ރާއްޖޭގައި ކުޅޭ އެކުވެރިކަމުގެ ފުޓްބޯޅަ މެޗުތަކުގެ ތެރެއިން އިއްޔެ ހަވީރު މޯލްޑިވްސް ސޮކަރ މޭޓްސް އެކަޑަމީ އާއި ދެކޮޅަށް ކުޅުނު މެޗު 3-0 ން އޮސްޓްރޭލިއާ އެކަޑަމީން ކާމިޔާބުކޮށްފިއެވެ.
މި މެޗުގެ ފުރަތަމަ ހާފްގައި ވާދަވެރި ކުޅުމެއް ފެނިގެންދިޔައިރު އޮސްޓްރޭލިއާ އެކަޑަމީގެ ކުޅުންތެރިންވަނީ މޮޅު ކުޅުމެއް ދައްކާފައެވެ.
މި މެޗުގައި އައިއެސްއޭއިން ފުތަރަމަ ލަނޑު ޖެހީ މެޗުގެ 6 ވަނަ މިނިޓުގައެވެ. މޯލްޑިވްސް ސޮކަރ މޭޓްސްގެ ކުޅުންތެރިންވެސް ވަނީ އޮސްޓްރޭލިއާގެ ގޯލަށް އަމާޒުކޮށް ގިނަ ހަމަލާތަކެއް އަމާޒުކޮށްފައެވެ. އެހެންނަމަވެސް ހުރިހާ ހަމަލާއެއްވެސް އޮސްޓްރޭލިއާގެ އެކަޑަމީގެ ކީޕަރުވަނީ މަތަކޮށްފައެވެ.
އައިއެސްއޭއިން ދެވަނަ ލަނޑު ކަމިޔާބު ކުރީ މެޗުގެ 63 ވަނަ މިނިޓްގައެވެ. އެމްއެސްމޭޓްސްގެ ކީޕަރު ބޯޅަ ދިފާއުކުރަން ބޭރަށް ނިކުން ދަނޑިވަޅުގައި ގޯލު ކައިރީގައި ހުރި އޮސްޓްރޭލިއާ ކުޅުންތެރިއަކު ހުސްކޮށް އޮތް ގޯލަށް އަމާޒުކޮށް ފޮނުވާލި ބޯޅައަކުން ކާމިޔާބުކޮށްދިން ލަނޑެވެ.
އޭގެ ކުޑަވަގުތުކޮޅެއް ފަހުން އައިއެސްއޭއިން ވަނީ މެޗުގެ 67 ވަނަ މިނިޓްގައި 3 ވަނަ ލަނޑު ކާމިޔާބުކޮށްފައެވެ.
އައިއެސްއޭ ޓީމުން ރާއްޖޭގައި ކުޅުނު މެޗުތަކުގެ ތެރެއިން ފުރަތަމަ މެޗުގައި ކުލަބު ވެލެންސިއާ އަތުން 3-0 ން ބަލިވި އިރު ދެވަނަ މެޗުގައި 2-0 މާޒިޔާއަތުން ވަނީ ބަލިވެފައެވެ. ތިންވަނަ މެޗުގައި 3-0 ގެ ނަތީޖާއަކުން މޯލްޑިވްސް ސޮކާ މޭޓްސް އެކަޑަމީއަތުން ވަނީ މޮޅުވެފައެވެ.
އޮސްޓްރޭލިއާގެ ޒުވާން ކުޅުންތެރިން ހުކުރު ދުވަހު ހަވީރު ނިކުންނާނީ ރާއްޖޭގެ ގައުމި ޓީމާއި ދެކޮޅަށެވެ.
މިއީ ވެސްޓަރން އޮސްޓްރޭލިއާ މޯލްޑިވިއަން އެސޯސިއޭޝަނުން މޯލްޑިވްސް ސޮކަރ މޭޓްސް އާއި ގުޅިގެން ކުޅިވަރު ވުޒާރާ އާއި އެފްއޭއެމްގެ އެހީތެރިކަމާއެކު ބާއްވަމުން އަންނަ ފުޓްބޯޅަ މެޗުތަކެކެވެ. މި މެޗުތައް ފެށުމުގެ ގޮތުން ކުޅުނު ފުރަތަމަ މެޗު ޝަރަފުވެރިކޮށްދެއްވީ ކުޅިވަރާއި ހަށިހެޔޮކަމާއި ބެހޭ ވަޒީރު އަބުދުﷲ ރާފިޢުއެވެ.