ޚަބަރު

ހުޅުމާލޭ ފޭސް 2 ގައި މެޑިކަލް ކޭމްޕެއް ބާއްވަން ތައްޔާރުވަނީ


  • މެޑިކަލް ކޭމްޕުގައި ބައިވެރިވުމުގެ ފުރުސަތު ކްލިނިކްތަކަށްވަނީ ހުޅުވާލާފައި

  • މިހާތަނަށް ބޮޑެތި ހޮސްޕިޓަލްތަކާއި ގިނަ ކްލިނިކް ތަކަކުންވަނީ ބައިވެރިވެފައި

  • މެޑިކަލް ކޭމްޕް އޮންނާނީ 30 އޯގަސްޓް 2025 ހުގައި

ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ޚާއްސަ މެޑިކަލް ކޭމްޕެއް ބޭއްވުމަށް ތައްޔާރުވެއްޖެއެވެ.

ސިއްޙީ ފަރުވާދޭ އެކި ކްލިނިކްތަކާއި ހޮސްޕިޓަލްތަކާއި ގުޅިގެން ހުޅުމާލޭ ކޮމިއުނިޓީ އެލަޔަންސްގެ ފަރާތުން ބާއްވާ މިކޭމްޕްގައި ބައިވެރިވުމުގެ ފުރުޞަތު ސިއްޙީ ފަރުވާދޭ ތަންތަނަށް މިހާރުވަނީ ހުޅުވާލާފައެވެ.

ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އުފައްދާފައިވާ ހުޅުމާލޭ ކޮމިއުނިޓީ އެލަޔަންސުންދަނީ ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އިޖުތިމަޢީ ގުޅުން ބަދަހިކޮށް ދުޅަހެޔޮ މުޖުތަމަޢެއް ބިނާކުރުމަށްޓަކައި އެކި ކަހަލަ ޕްރޮގްރާމްތައް ދެވަނަ ފިޔަވަހީގައި ދިރިއުޅޭ ރައްޔިތުންނަށް އަމާޒުކޮށް ހިންގަމުންނެވެ. މިގޮތުން އަންނަ އޯގަސްޓް މަހުގެ 30 ވަނަ ދުވަހު ހުޅުމާލޭ ދެވަނަ ފިޔަވަހީގައި މެޑިކަލް ކޭމްޕެއް ބޭއްވުމަށް މިހާރުދަނީ ތައްޔާރުވަމުންނެވެ.

މިމެޑިކަލް ކޭމްޕާއި ގުޅޭގޮތުން ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތު ދެއްވަމުން އެޖަމުޢިއްޔާގެ ރައީސް ޖިހާދު ޢަބްދުﷲ ވިދާޅުވީ، މެޑިކަލް ކޭމްޕްގައި ބައިވެރިވުމުގެ ފުރުޞަތު މިމަހުގެ 15 ވަނަ ދުވަހާއި ހަމައަށް އޮންނާނެކަމަށެވެ. އަދި މިހާތަނަށްވެސް ގިނަ ޢަދަދެއްގެ ކްލިނިކްތަކަކުން މެޑިކަލް ކޭމްޕްގައި ބައިވެރިވެފައިވާކަން ފާހަގަކުރެއްވިއެވެ.

"އަޅުގަނޑުމެންގެ ކޭމްޕްގައި ބައިވެރިވުމަށް ގިނަ ކްލިނިކްތަކާއި ހޮސްޕިޓަލްތަކަކުންދަނީ ވާހަކަދައްކަމުން. ޚާއްސަކޮށް އަޅުގަނޑު ފާހަގަކޮށްލަން، އައިޖީއެމްއެޗް، ސެނެހިޔާ ހޮސްޕިޓަލް އަދި ހުޅުމާލޭ ހޮސްޕިޓަލުން މިހާރުވެސްވަނީ ވާހަކަދައްކާފައި." ޖިހާދު ވިދާޅުވިއެވެ.

މިމެޑިކަލް ކޭމްޕަކީ އެކި ސްޕެޝޭލިޓީގެ ޑޮކްޓަރުންނާއި ބައްދަލުވެ ސިއްޙަތާއި ގުޅޭ ގިނަ މަޢުލޫމާތު ލިބި ޗެކަޕް ކޮށްލުމަށް ލިބޭ ފުރުޞަތެއްގެ ގޮތުގައި އެޖަމުޢިއްޔާއިން ފާހަގަކުރެއެވެ. ހުޅުމާލޭ ފޭސް 2 ގެ ރުއްގަނޑު 3 ސަރަޙައްދުގައި މިކޭމްޕް ބޭއްވުމަށް ހަމަޖެހިފައިވަނީ އޯގަސްޓް މަހުގެ 30 ވަނަ ދުވަހުގެ ހަވީރު 4 އިން ރޭގަނޑު 10:30 އަށްކަމަށް އެޖަމުޢިއްޔާއިން ބުނެއެވެ.

ސިއްޙީގޮތުން ދުޅަހެޔޮ މުޖުތަމަޢެއް ބިނާކުރުމަށް ސަރުކާރާއި އަމިއްލަ ފަރާތްތައް ގުޅިގެން އަންނަނީ ސިއްޙަތާ ގުޅުންހުރި އެކި ކޭމްޕްތައް ބާއްވަމުންނެވެ. ބަލިތަކުން ރައްކާތެރިވުމަށް ދުރާލާ ބާރުއެޅުމުގެ ގޮތުން ސިއްޙަތާ ގުޅޭ ގިނަ މަޢުލޫމާތު މިފަދަ ކޭމްޕްތައް މެދުވެރިކޮށް ފޯރުކޮށްދެއެވެ. އަދި ބްރެޝަރު ބެލުމާއި، ހަކުރު ޓެސްޓު ހެދުމާއި މިނޫންވެސް ދައިމީ ބޮޑެތި ބަލިތައް ޖެހުމަށް މަގުފަހިކުރާ ކަންކަން ދެނެގަނެ އެކަންކަމަށް އަވަހަށް ފަރުވާ ދެވޭނެ މަގުމިއާއެކު ފަހިވެގެންދެއެވެ.