ޚަބަރު

ފިޝިންގ ލިންކު މެދުވެރިކޮށް ޓެލެގްރާމް ހެކްކުރުމުގެ މައްސަލަތައް އިތުރުވާތީ ސަމާލުވާން އެދިއްޖެ


  • ލިންކުތައް ފޮނުވަނީ އިތުބާރު ކުރެވޭ ފަރާތެއްގެ ނަމުގައި

  • ހެކް ކޮށްފިނަމަ ޓެލެގްރާމް އެޕްލިކޭޝަން އަންއިންސްޓޯލްކުރުމަށް ފަހު އަލުން އިންސްޓޯލްކުރައްވާ

ފިޝިން ލިންކުތަކެއް މެދުވެރިކޮށް ޓެލެގްރާމް ހެކް ކުރުމުގެ މައްސަލަތައް އިތުރުވަމުންދާތީ އެކަމަށް ސަމާލުވުމަށް ދިވެހި ފުލުހުންގެ ޚިދުމަތުން އެދިއްޖެއެވެ.

ދިވެހި ފުލުހުންގެ ޚިދުމަތުން ވިދާޅުވީ ފޮޓޯތަކެއް ހުރިކަމަށް ބުނެ ޓެލެގްރާމުން ފޮނުވާ ފިޝިންގ ލިންކު މެދުވެރިކޮށް ޓެލެގްރާމް ހެކްކުރުމުގެ މައްސަލަތައް އިތުރުވަމުންދާކަން ފާހަގަކުރެވިފައިވާ ކަމަށެވެ. މި ލިންކުތައް ފޮނުވަނީ ކޮންމެވެސް ގޮތަކުން ދަންނަ އަދި އިތުބާރުކުރެވޭ ފަރާތަކުން ފޮނުވާ މެސެޖަކާއެކު ކަމަށްވެސް ވިދާޅުވިއެވެ.

މި މެސެޖުގައިވާ ލިންކަށް ވަނުމުން ފޯން ނަންބަރު ޖަހަން އަރާ ކަމަށާއި ފޯނު ނަންބަރު ޖެހުމުން އަންނަ އޯޓީޕީވެސް ހިއްސާ ކުރުމަށް އަރާ ކަމަށް ފުލުހުން ވިދާޅުވިއެވެ. އެގޮތަށް އަމަލުކުރުމުން އެ މީހެއްގެ ޓެލެގްރާމް އެކައުންޓުގެ ކޮންޓްރޯލް، ސްކޭމްކުރާ ފަރާތަށް ލިބިގެންދާނެ ކަމަށްވެސް ވިދާޅުވިއެވެ.

މިގޮތަށް ޓެލެގްރާމް އެކައުންޓުތައް ހެކް ކުރުމަށްފަހު ޓެލެގްރާމް އެކައުންޓުގެ ވެރިފަރާތުގެ ނަމުގައި އެހެން މީހުންނަށް ސްކޭމް ފިޝިންގ ލިންކު ފޮނުވަމުންދާކަން ފާހަގަކުރެވިފައިވާ ކަމަށްވެސް ފުލުހުން ވިދާޅުވިއެވެ.

ފިޝިން ލިންކެއް މެދުވެރިކޮށް ޓެލެގްރާމް ހެކް ކޮށްފިނަމަ ޓެލެގްރާމް އެޕްލިކޭޝަން އަންއިންސްޓޯލްކުރުމަށް ފަހު އަލުން އިންސްޓޯލްކުރުމަށް ފުލުހުން އިލްތިމާސްކުރައްވައެވެ. އަދި ޓެލެގްރާމް އަލުން އެކްޓިވޭޓްކޮށް، ޓޫ-ސްޓެޕް ވެރިފިކޭޝަން އެކްޓިވޭޓް ކުރުމަށްވެސް އިލްތިމާސްކުރައްވައެވެ.

ޓެލެގްރާމް އެކައުންޓު ރައްކާތެރިކުރުމަށްޓަކައި، ޓެލެގްރާމްގައި ޓޫ-ސްޓެޕް ވެރިފިކޭޝަން އެކްޓިވޭޓްކުރުމަކީ ރައްކާތެރިވުމަށް އެޅޭނެ އެންމެ މުހިންމު އެއް ފިޔަވަޅުކަމަށް ފުލުހުން ވިދާޅުވެއެވެ.

ފުލުހުން ވަނީ އިތުބާރުކުރެވޭ ނުވަތަ ގާތް މީހެއްގެ ނަމުގައި ލިންކެއް ފޮނުވިކަމުގައިވިޔަސް އެއަށް ސަމާލުކަންނުދިނުމަށް އިލްތިމާސްކުރައްވާފައެވެ. އެއީ ޓެލެގްރާމް އެކައުންޓް ސްކޭމަރުންގެ އަތްދަށުލުމަށް ފަރުމާކޮށްފައިވާ ފިޝިންގ ލިންކެއް ކަމަށާއި އެފަދަ ލިންކުތަކަށް ނުފިތުމަށް އިލްތިމާސްކުރައްވައެވެ.

ސޯޝަލް މީޑިއާގެ އެކި ޕްލެޓްފޯމްތަކާއި އެކި އެޕްލިކޭޝަން މެދުވެރިކޮށް ޕިޝިން ލިންކުތައް ފޮނުވައިގެން ފޯނު ހެކްކުރުމަކީ މިފަހަކަށް އައިސް އިތުރުވެފައިވާ މައްސަލައެކެވެ. މިގޮތަށް ހެކް ކުރާ ފަރާތްތަކުން ފޯނުގެ ވެރިފަރާތުގެ ނަމުގައި އެ މީހެއްގެ ގާތް މީހުންނަށް މެެސެޖުކޮށްގެން ބޮޑެތި އަދަދުތަކުން ފައިސާ ހޯދައެވެ.