ކުޅިވަރުގެ ދާއިރާއިން ރާއްޖެ އާއި ސައުދީ އަރަބިއްޔާއާ ދެމެދު ގުޅުން ބަދަހިކުރުމަށް މަޝްވަރާކޮށްފިއެވެ. ކުޅިވަރުގެ ދާއިރާގެ ތަރައްގީއާ ގުޅޭ ގޮތުން ދެ ގައުމުން މަޝްވަރާކޮށްފައިވަނީ ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު ޢަބްދުالله ރާފިޢު އާއި ސައުދީ އަރަބިއްޔާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޔަޙްޔާ ހަސަން އަލްޤަޙްޠާނީ އާއެކު ބޭއްވެވި ބައްދަލުކުރެއްވުމެއްގައެވެ.
އިއްޔެ ކުޅިވަރު ވުޒާރާގައި ބޭއްވި މި ބައްދަލުކުރެއްވުމުގައި ކުޅިވަރު ވަޒީރުގެ އިތުރުން ކޮމިޝަނަރ އޮފް ސްޕޯޓްސް މުޙައްމަދު ޠަލާލް އާއި ވުޒާރާގެ ޕާމަނަންޓް ސެކްރެޓަރީ ބައިވެރިވެވަޑައިގެންނެވިއެވެ.
ސައުދީ އަރަބިއްޔާގެ ސަފީރާއި ބައްދަލުކުރައްވާ ދެބޭފުޅުން ވަނީ ކުޅިވަރުގެ ދާއިރާއިން ރާއްޖެ އާއި ސައުދީ އަރަބިއްޔާއާ ދެމެދު ދިގުމުއްދަތުގައި އެއްބާރުލުންދިނުން މިހާރަށްވުރެ ހަރުދަނާކުރެއްވުމާއި ގުޅޭގޮތުން މަޝްވަރާ ކުރައްވާފައެވެ.
ސައުދީ އަރަބިއްޔާއަކީ ރާއްޖެއަށް އެކި ގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދެމުންދާ ގައުމެކެވެ. އެގޮތުން 2024 ވަނަ އަހަރު ވަނީ ކުޅިވަރުގެ ދާއިރާއިން އެއްބާރުލުންދިނުން އިތުރުކުރުމަށް ރާއްޖެއާއި ސައުދީ އަރަބިއްޔާއާއި ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފަ އެވެ.
މިދިޔަ އަހަރު ކުޅިވަރު ވަޒީރު ސައުދީއަރަބިއްޔާއަށް ކުރެއްވި ދަތުރުފުޅެއްގެ ތެރެއިން ސައުދީގެ މިނިސްޓަރު އޮފް ސްޕޯޓްސް އަބްދުލްއަޒީޒް ބިން ތުރުކީ އަލް ސައުދު އާއެކު ސޮއި ކުރެއްވި މިއެއްބަސްވުމުގެ މަގުސަދަކީ ދެ ގައުމުގެ މެދުގައި ކުޅިވަރު ދާއިރާއިން އެހީތެރިކަން ފޯރުކޮށްދިނުމާއި، ފިޓްނަސް އަދި މުނިފޫހިފިލުވުމުގެ ދާއިރާއިން އެކިއެކި އިސްނެގުމެއްގެ ތެރެއިން ދެގައުމުގެ ދެމެދުގައި ގުޅުން ބަދަހިކުރުމެވެ.
އެގޮތުން ދެ ގައުމުގެ އެތުލީޓުންނާއި ކުޅިވަރު ޖަމިއްޔާތަކަށް ފުރުސަތުތައް ފަހިކޮށްދީ، ދެ ފަރާތަށް ވެސް ފައިދާހުރި ޖޮއިންޓް ޕްރޮގްރާމްތަކާއި އިވެންޓްތަކަށް މަގުފަހިކޮށްދިނުމަށް ދެ ވަޒީރުން ވެސް ވަނީ އެއްބަސްވެވަޑައިގެންފައެވެ.