ތަޢުލީމު ހާސިލްކުރުމަށް ކުރާ ހޭދަ އަދި އެކަމަށްޓަކައި ހޭދަކުރާ ވަގުތަކީ މި ދުނިޔޭގައި އިންސާނަކަށް ކުރެވޭނެ އެންމެ ރަނގަޅު އިންވެސްޓްމެންޓުކަމަށް ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާންމު މަސައްކަތާއި ބެހޭ ވަޒީރު އާދަމް ޝަރީފު ޢުމަރު ވިދާޅުވެއްޖެއެވެ.
ވަޒީރު މިހެން ވިދާޅުވީ، މެޕްސް ކޮލެޖުގެ 2025ވަނަ އަހަރުގެ ދަސްވެނިވުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅުދައްކަވަމުންނެވެ.
މެޕްސް ކޮލެޖުގެ ދަސްވެނިވުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅުދައްކަވަމުން ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާންމު މަސައްކަތާއި ބެހޭ ވަޒީރު އާދަމް ޝަރީފު ޢުމަރު ވިދާޅުވީ، ކޮލެޖެއްގައި ތަޢުލީމު ހާސިލްކޮށް ނިންމާލުމަކީ ފަސޭހަކަމެއް ނޫންކަމަށެވެ. އަދި ދަސްވެނިންނަށް މި ހާސިލްވި ކާމިޔާބީއަކީ، އެތައް ދުވަސްތަކެއްގެ ބުރަ މަސައްކަތާއި، ގިނަ ޤުރުބާނީތަކެއްގެ އިތުރުން، މުދައްރިސުންގެ ހީވާގި މަސައްކަތާއި، އެދުރުންގެ ނަސޭހަތުގެ ސަބަބުން ހާސިލްވި ކާމިޔާބީއެއްކަމަށް ވަޒީރު ވިދާޅުވިއެވެ.
މީގެ އިތުރުން، މިއީ ކޮންމެ ކޮންމެ ކުއްޖަކަށް ކުރެވޭނެ ކަމެއްނޫންކަމަށާއި، މިފަދަ ކާމިޔާބީއެއް ހާސިލްކުރެވޭނީ ވަރުގަދަ އަޒުމަކާއި ހިތްވަރެއް ހުރެގެންކަމަށް ވަޒީރު ވިދާޅުވިއެވެ. ހަމަމިއާއެކު، އުނގެނުމަކީ ބުރަ މަސައްކަތެއްކަން އެންމެ ރަނގަޅަށް އިޙުސާސް ކުރެވޭނެ އެއްބަޔަށް ދަސްވެނިން ވާނެކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ.
އުނގެނުމަކީ ދުނިޔެވީ އެހެނިހެން ހުރިހާ މަސައްކަތަކަށްވުރެ ބުރަ މަސައްކަތެއްކަން ފާހަގަކުރައްވާ ވަޒީރު ވިދާޅުވީ، ދެދުނިޔޭގެ ބާއްޖަވެރިކަން ލިބިގަތުމަށާއި، މުސްތަޤުބަލު ފާގަތި ގޮތެއްގައި ބިނާކުރުމުގެ އިތުރުން، ދިރިއުޅުން އާރާސްތު ކުރުމަށްޓަކައި އެންމެ އެކަށީގެންވާ، އެންމެ މަތިވެރި އަދި އެންމެ ފައިދާހުރި މަސައްކަތަކީ އުނގެނުންކަމަށެވެ.
ވަޒީރު ވިދާޅުވީ، އުނގެނުމަށް ކުރެވޭ ހޭދައާއި، އަދި އެކަމަށް ދެވޭ ވަގުތަކީ އިންސާނަކަށް ދުނިޔޭގައި ކުރެވޭނެ އެންމެ ފައިދާހުރި އިންވެސްޓްމެންޓްކަމަށެވެ. އެއީ، ޢިލްމުގެ ސަބަބުން ލިބިގެންދާ ފައިދާތައް އިންސާނާގެ ދިރިއުޅުމުގެ ކޮންމެ މަރުޙަލާއަކުންވެސް ފެނިގެންދާތީކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ.
ވަޒީރުގެ ވާހަކަފުޅުގައި، ޢިލްމު ހޯދުމަކީ، އަބަދުވެސް އައުކަންތައްތަކެއް ދަސްވެ، އައު އުފެއްދުންތަކެއް އީޖާދުކުރެވޭނެ މަގެއް ކަމަށާއި، އެއީ އިންސާނާގެ ޛާތީ ކުރިއެރުމަށް އެންމެ ބޮޑު އެހީތެރިކަމެއް ފޯރުކޮށްދޭނެކަމެއްކަން ވަނީ ފާހަގަކުރައްވާފައެވެ.
އެހެންކަމުން މިހިސާބުން މަސައްކަތް ހުއްޓާނުލައި، ދިރިއުޅުމުގެ ކޮންމެ ދުވަހަކުވެސް ޢިލްމު ހޯދުމުގައި ދެމިތިބުމުގެ ޢަޒުމް ކަނޑައެޅުމަށް ވަޒީރު އިލްތިމާސްކުރެއްވިއެވެ. އަދި މިކަމުގެ ސަބަބުން ދިރިއުޅުމުގެ ކޮންމެ ހާލަތެއްގައިވެސް ކާމިޔާބީއާއި ކުރިމަތިލުމަށް ބާރުލިބިގެންދިއުމާއެކު، އަމިއްލަ ދިރިއުޅުމަށްވެސް ހެޔޮ ބަދަލުތަކެއް ލިބިގެންދާނެކަމަށް ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާންމު މަސައްކަތާއި ބެހޭ ވަޒީރު އާދަމް ޝަރީފު ޢުމަރު ވިދާޅުވިއެވެ.