ނޯތު ހާބަރުން ފަސޭހަކަމާއެކު ޚިދުމަތް ލިބި އެ ސަރަހައްދު އިތުރައް ތަރައްޤީކުރުމުގެ މަސައްކަތް ކުރަމުންދާކަމަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް، އެންޕީއެލުން ވިދާޅުވެއްޖެއެވެ.
މާލޭ ނޯތު ހާބަރަކީ ކޮންމެ ދުވަހަކު އެތައް އުޅަނދު ފަހަރެއް މުދާ އަރުވާ ބާލާ، މާލޭގެ އެންމެ ބާރު ބޮޑު އެއް ސަރަހައްދެވެ. އެމްޕީއެލްއިން މަސައްކަތް ކުރަމުންދަނީ ނޯތު ހާބަރުން ފަަސޭހަކަމާއެކު ޚިދުމަތްތައް ލިބޭނެ ގޮތް ހެދުމަށެވެ.
ޕީއެސްއެމް ނިއުސްގެ ރާއްޖެ މިއަދު ޕްރޮގްރާމްގައި ވާހަކަދައްކަމުން އެމްޕީއެލްގެ މެނޭޖަރ އޮފް ބިޒްނަސް ޑިވްލޮޕްމަންޓު މުހައްމަދު އައިމަން އަލީ ވިދާޅުވީ މާލޭގެ ވިޔަފާރި ބަނދަރުން އާންމުންނާއި ވިޔަފާރިވެރިންނަށް ފަސޭހަކަމާއެކު ލިބެންޖެހޭ ޚިދުމަތްތައް ޤާއިމުކުރުމުގެ މަސައްކަތް ކުރަމުންދާކަމަށެވެ. އެގޮތުން ފެނާއި ތެޔޮ ލިބޭނެ ގޮތް ހެދުމާއި އިތުރު ސްޓޯރޭޖް ފަސިލިޓީތައް ނޯތު ހާބަރުގައި ތަރައްޤީކުރުމުގެ މަސައްކަތް ކުރަމުންދާކަމަށެވެ.
ނޯތު ހާބަރު ސަރަހައްދަކީ ތޮއް ޖެހުން ބޮޑު ސަރަހައްދެއްކަން ފާހަގަކުރައްވާ އައިމަން ވިދާޅުވީ އިތުރު މަސައްކަތެއް ކުރުމަށް އެތަން ހުސްކުރުމަކީވެސް ފަސޭހަކަމެއް ނޫންކަމަށެވެ. އެހެންނަމަވެސް މަސައްކަތް ކުރުމަށް ރާވަމުން ދަނީ ޚިދުމަތައް އުދަގޫ ނުވާނެ ގޮތަކަށްކަމަށެވެ.
އައިމަން ވިދާޅުވީ ނޯތު ހާބަރުން ދޭ ބައެއްް ހިދުމަތްތައް ތިލަފުއްޓަށް ބަދަލުކުރުމުގެ މަސައްކަތް ކުރަމުންދާކަމަށެވެ. އެގޮތުން ބައެއް ކާގޯ އަކީ ކޮންޓެއިނަރުން މުދާ ނަގައިގެން، ދޯނި ފަހަރަށް ބަރުކޮށްގެން ރަށްރަށައް ގެންދާ މުދާކަމަށެވެ. މިފަދަ އުޅަނދު ފަހަރުތައް ތިލަފުއްޓަށް ބަދަލުކުރެވިއްޖެނަމަ ނޯތު ހާބަރުން ވަރަށް ބޮޑަށް ޖާގައިގެ ދަތިކަން ހައްލުވެގެން ދާނެކަމަށް އައިމަން ވިދާޅުވިއެވެ.
"ބައެއް ކާގޯ ހުންނާނެ ރަށްރަށައް ގެންދާ ކާގޯ. ދޯނި ފަހަރުގައި ގެންދާ ކާގޯ. ކޮންޓެނިރ ކަނޑާލާގެން ހުސްކޮށްގެން ނޯތު ހާބާއި އެބަގެންދޭ. މިފަދަ އުޅަނދު ފަހަރުތައް ބަދަލު ކުރެވިއްޖެ ނަމަ ވަރަށް ބޮޑަށް ޖާގަ ތަނަވަސް ވެގެން ދާނެ. ފުދޭވަރަކަށް ޖާގަ ލިބިގެން ދާނެ އާންމު ބޯޓު ފަހަރުތަކަށް މުދާ އަރުވާ ބޭލުމަށް" އައިމަން ވިދާޅުވިއެވެ.
އައިމަން ވިދާޅުވީ ނޯތު ހާބަރުގައި މިވަގުތު ދިމާވާ އެންމެ ބޮޑު ދަތިކަމަކީ ވެހިކަލްގައި ދޯނިތަކަށް މުދާ ބަރުކުރުމަށް މަޑު ކުރުމަށްފަހު ގިނަ ވަގުތު އެކަމަށް ހޭދަވުން ކަމަށެވެ. މިގޮތަށް ވެހިކަލްތައް މަޑުކޮށްގެން ތިބުމުން، މުޅި ސަރަހައްދު ބާރު ބޮޑުވާކަން އައިމަން ފާހަގަކުރެއްވިއެވެ.
އެގޮތުން އެކަން ހައްލު ކުރުމުގެގޮތުން މުދާ ބޭލުމަށް ހާއްސަ ސަރަހައްދުތަކެއް ޤާއިމުކުރުމުގެ މަސައްކަތް ކުރަމުންދާކަމަށެވެ. މި ސެންޓަރުތައް ޤާއިމުކުރުމުން ރަށްރަށައް ފޮނުވާލާ އަދި ރަށްރަށުން އަންނަ މުދާ އެއްތަނަކުން ފަސޭހަކަމާއެކު ލިބޭނެ ކަމަށް އައިމަން ވިދާޅުވިއެވެ. އައިމަން ވިދާޅުވީ މީގެ ސަބަބުން ނޯތު ހާބަރުގެ ޓްރެޕިކް ފްލޯއަށް ހެޔޮ ބަދަލެއް އަންނާނެކަމަށެވެ.
މާލޭ އުތުރުފަރާތުގައި ހަދާފައިވާ ބަނދަރު، އެމްޕީއެލް ސަރަޙައްދުން ފެށިގެން މަސްމާރުކޭޓް ކުރިމަތީގައިވާ ލޯކަލް މާރުކޭޓުގެ ހުރަސްތޮށްޓާ ހަމަޔަށް ހިންގުން އެމް.ޕީ.އެލްއާ މި މަހުގެ 4 އިން ފެށިގެން ވަނީ ހަވާލުކޮށްފައެވެ. އެމްޕީއެލްއާއި މިތަން ހަވާލުކޮށްފައިވަނީ އެމްޕީއެލްއާއި ދަތުރުފަތުރާއި މަދަނީ އުދުހުންތަކާ ބެހޭ ވުޒާރާއާ ދެމެދު ވެފައިވާ އެއްބަސްވުމެއްގެ ދަށުންނެވެ.
އެމްޕީއެލުން ވަނީ އެ ހާބަރުގައި ރަޖިސްޓްރީ ކޮށްފައިނުވާ އުޅަނދުތައް އަންނަ އޮގަސްޓްމަހުގެ 1 ގެ ކުރިން މާލޭ ނޯތު ހަބާރުގައި ރަޖިސްޓްރީ ކުރުމަށް އެދިފައެވެ. އަދި ސެޕްޓެމްބަރ 1 ވަނަ ދުވަހުން ފެށިގެން ހާބަރުން ޚިދުމަތް ހޯދާ ހުރިހާ ފަރާތްތަކަށް އެ ހާބަރު ހިންގުމުގެ އުސޫލުގައި ވާގޮތަށް އަމަލުކުރަންފަށާނެ ކަމަށްވެސް އެމްޕީއެލްއިން ވަނީ ވިދާޅުވެފައެވެ.