ޚަބަރު

ޔޫރޮޕާ ލީގުން ފުރުސަތު ނުލިބުމުން ކްރިސްޓަލް ޕެލަސް އިން ކޯޓަށް!


ނިމިގެންދިޔަ ސީޒަނުގައި އިނގިރޭސި އެފްއޭ ކަޕްގެ ޗެމްޕިއަންކަން ހޯދި ކްރިސްޓަލް ޕެލަސް އަށް ޔޫރޮޕާ ލީގުގެ ފުރުސަތު ނުދިނުމުން އެ ކްލަބުން ކޯޓަށް ދާން ނިންމައިފި އެވެ.

މެންޗެސްޓަރ ސިޓީ ބަލިކޮށް އެފްއޭ ކަޕްގެ ޗެމްޕިއަންކަން ކްރިސްޓަލް ޕެލަސް އިން ހޯދުމާއިއެކު އެ ޓީމަށް ކުރިއަށް އޮތް ސީޒަނުގައި ޔޫރޮޕާ ލީގުން ފުރުސަތު ލިބޭނެކަމަށް އޮތީ ބެލެވިފަ އެވެ. ނަމަވެސް ޔޫރަޕްގެ ފުޓްބޯޅައިގެ މައި އިދާރާ އިން ވަނީ ކްރިސްޓަލް ޕެލަސް ޔޫރޮޕާ ލީގުން ބޭރުކޮށް ކޮންފަރެންސް ލީގަށް އެ ޓީމު ބަދަލުކޮށްފަ އެވެ.

ޔޫއެފާ އިން މި ބަދަލު ގެނެސްފައިވަނީ އެ އިދާރާގެ މަލްޓި ކްލަބް އޯނާޝިޕަށް ހަދާފައިވާ ގަވާއިދުގެ ދަށުން އެ ގަވާއިދަށް ކްރިސްޓަލް ޕެލަސް ނުފެތޭތީ އެވެ.

ޔޫއެފާގެ ގަވާއިދުގައިވާ ގޮތުން އެއް ކުންފުނިން ހިންގާ ދެ ކްލަބަކަށް ޔޫއެފާގެ އެއް މުބާރާތެއްގައި ވާދަ ނުކުރެވޭނެ އެވެ. މި ގަވާއިދުގެ ދަށުން ޕެލަސް ބޭރުކޮށްފައިވަނީ އެ ކްލަބް ހިންގާ ކުންފުނީގެ އިތުރުން ފްރާންސްގެ ލިއޯން ހިންގާ ކުންފުނީގެވެސް ހިއްސާދާރެއްގެ ގޮތުގައި ޖޯން ޓެކްސްޓާ ހުރުމުންނެވެ.

ނަމަވެސް ޓެކްސްޓާ ބުނެފައިވަނި އޭނާ އެ ކުންފުނީގެ ހިއްސާ ދާރެއްގެ ގޮތުގައި ހުރި ނަމަވެސް އޭނާއަކީ އެއްވެސް ކަމެއް ނިންމުމުގެ ބާރު އޮތް ފަރާތެއް ނޫން ކަމަށެވެ.

ފްރާންސްގެ ފުޓްބޯޅަ ފެޑަރޭޝަނުން މީގެ ކުރިން ލިއޯން ރެލިގޭޓް ކުރަން ނިންމި ނަމަވެސް އެ މައްސަލަ އެޕީލްކުރުމުން ލިއޯން އާއި އެއްކޮޅަށް ނިމިފައިވާތީ ލިއޯން ކުރިއަށް އޮތް ސީޒަނުގައިވެސް ފްރެންޗް ލީގު ވަންގައި ވާދަކުރާނެ އެވެ.

ކްރިސްޓަލް ޕެލަސް އިން މި މައްސަލަ ކޯޓު އޮފް އާބިޓްރޭޝަން ފޯ ސްޕޯޓްސް (ކާސް) ގައި އިސްތިއުނާފު ކުރަން ނިންމާފައިވަނީ މިއީ ފުޓްބޯޅައިގައި ފެނިގެންދިޔަ އެންމެ ނާއިންސާފު އެއް ނިންމުން ކަމަށް ސިފަ ކުރަމުންނެވެ.

ޔޫއެފާ ކޮންފަރެންސް ލީގަށް ޕެލަސް ބަދަލުކޮށްފައިވާއިރު އެ ލީގަކީ ޔޫއެފާގެ ތިންވަނަ ދަރަޖައިގެ މުބާރާތެކެވެ. އެހެންކަމުން އެ މުބާރާތުން އެ ކްލަބަށް މާލީ ގޮތުން ވާ ފައިދާއަށްވުރެ ބޮޑު ތަނުން އިތުރު އަދަދެއް ޔޫރޮޕާ ލީގުގައި ވާދަކުރެވޭ ގޮތް ވެއްޖެނަމަ ޕެލަސް އަށް ލިބިގެންދާނެ އެވެ.