ޚަބަރު

ނަޑެއްލާ އައު ބަނދަރު ހެދުމުގެ މަސައްކަތް ބަޔަކާ ހަވާލުކޮށްފި


  • ހެވީ ފޯސް ޕްރައިވެޓް ލިމިޓެޑްއާއި ހަވާލުކޮށްފައިވަނީ 450 ދުވަސްތެރޭގައި މަސައްކަތް ނިންމުމަށް

ގދ. ނަޑެއްލާގެ އައު ބަނދަރު ހެދުމުގެ މަސައްކަތް ބަޔަކާ ހަވާލުކޮށްފިއެވެ. އިމާރާތްކުރުމާއި ގެދޮރުވެރިކަމާ ބިނާރާ ބެހޭ ވުޒާރާއިން މި މަސައްކަތް ހަވާލުކޮށްފައިވަނީ ހެޕީ ފޯސް ޕްރައިވެޓް ލިމިޓެޑާއެވެ.

މި މަޝްރޫޢު ދަށުން ކުރުމަށް ހަމަޖެހިފައިވާ މައިގަނޑު މަސައްކަތްތަކަކީ 82،080 ކޮޑި މީޓަރު ވެލި އައު ބަނދަރު ފަޅުން ކޮނުމާއި 19،600 ކޮޑި މީޓަރު ވެލި އައު ނެރުން ކޮނުމާއި 3،900 ކޮޑި މީޓަރު ވެލި މިހާރުގެ ބަނދަރު ފަޅުން ކޮނުމާއި 16،000 ކޮޑި މީޓަރު ވެލި މިހާރުގެ ނެރުން ކޮނުމުގެ އިތުރުން 48،850 ކޮޑި މީޓަރު ވެލި ބިން ހިއްކުމަށް ކޮނުމަށް ވަނީ ހަމަޖެހިފައެވެ.

ހަމައެހެންމެ 277.7 މީޓަރުގެ ރިވެޓްމަންޓް ޖެހުމާއި 105 މީޓަރުގެ ނެރުފައިކަށި ޖެހުމާއި 17 މީޓަރުގެ ބޭރުތޮށި ތިރިކޮށް ޖެހުން އަދި ޖުމްލަ 188 މީޓަރުގެ ގްރޮއިން ޖެހުން ހިމެނެއެވެ. މީގެ އިތުރުން 534 މީޓަރުގެ އެއްގަމު ތޮށި ޖެހުމާއި 534 މީޓަރުގެ ސްކަވަރިންގ އޭޕްރަން ޖެހުމާއި 10 މޫރިންގ ބޮއި ހަރުކުރުން، 11 މީޓަރު 11 މީޓަރުގެ ރޭމްޕްއެއް ހެދުން، 6 ނެރު ބައްތި ޖެހުން އަދި 18 ބަނދަރު ބައްތި ޖެހުން، 2660 އަކަ މީޓަރުގެ ޕޭވްމަންޓް އެޅުން ހިމެނެއެވެ.

މި މަސައްކަތް ހެވީ ފޯސް ޕްރައިވެޓް ލިމިޓެޑްއާއި ޙަވާލުކޮށްފައިވަނީ 450 ދުވަހުގެ ތެރޭގައި މަސައްކަތް ނިންމުމަށެވެ. މިއީ 78.65 މިލިޔަން ރުފިޔާގެ މަޝްރޫއެކެވެ.

މި އެއްބަސްވުމުގައި އިމާރާތްކުރުމާއި ގެދޮރުވެރިކަމާ ބިނާރާ ބެހޭ ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބެވެ. އަދި ހެވީ ފޯސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިންގ ޑިރެކްޓަރ އިބްރާހީމް ޒަމީރެވެ.