ޚަބަރު

އަލަށް އެޅުވި ސުޕަރމޭން ފިލްމުގައި، ނުސީދާކޮށް ފާޑުކީ ޔަހޫދީންގެ އަނިޔާވެރިކަމަށް


އަލަށް ނެރެފައިވާ ސުޕަރމޭން ފިލްމުން ފަލަސްޠީނުގެ ޣައްޒާގެ ރައްޔިތުން ނަސްލުހޭދު ކުރުމަށް ޔަހޫދީން ދެމުންދާ ލާއިންސާނީ ހަމަލާތައް ސިފަވާ ކަމަށް ފިލްމު ބެލި ގިނަ ބަޔަކު ބުނެފިއެވެ.

ޖޭމްސް ގަން ލިޔެ، ޑައިރެކްޓުކޮށް އުފައްދާފައިވާ މި ފިލްމު އަޅުވާފައި ވަނީ ޖުލައި މަހުގެ 11ވަނަ ދުވަހުއެވެ. އެ ފިލްމުގެ މަންޒަރެއްގައިި ހަތިޔާރުއެޅި ބިޔަ ފައުޖަކުން ސަރަޙައްދީ ރޮނގެއް ހުރަސްކޮށް، ކުޑަކުދިން ހިމެނޭ ގޮތަށް އާންމުންނަށް ޙަމަލާދޭ މަންޒަރު ދައްކުވައިދެއެވެ. އެ މަންޒަރާ، ޔަހޫދީން ޣައްޒާއަށް ދެމުންދާ ޙަމަލާތަކާ އެއްގޮތް ކަމެއް ހުރި ކަމަށް ގިނަ ބަޔަކު ޤަބޫލުކުރެއެވެ.

ގަން އަދި ސުޕަރމޭން ފިލްމުގެ ކާސްޓުން ވެސް މިހާތަނަށް ފިލްމުގެ އެ މަންޒަރުތަކާ ފަލަސްޠީނާ ގުޅުމެއްވާ ކަމަށް ބުނެފައެއް ނުވެއެވެ. ނަމަވެސް ބެލުންތެރިން ދެކެނީ، ފިލްމުގެ އެ މަންޒަރުތަކަކީ ފިލްމުގައި ހިމަނާފައިވާ ނުސީދާ ސިޔާސީ މެސެޖެއް ކަމަށެވެ. ފިލްމުގައި ހިމަނާފައިވާ އެ މަންޒަރުތަކުގެ ސަބަބުން ފިލްމަށް ގިނަ ބައެއްގެ ތަރުހީބު ދަނީ ލިބެމުންނެވެ.

ފިލްމުގައި ވަކި ޤައުމެއްގެ ނަން ފާހަގަކޮށްފައި ނުވި ނަމަވެސް ގަން މީގެ ކުރިން ދިން ބަސްދީގަތުމެއްގައި ބުނީ އެ ފިލްމުގައި ސިޔާސީ އަދި ހެވާ ނުަބަޔާ ވަކިކުރުމާ ގުޅޭ އަޚުލާޤިއްޔާތާ ބެހޭ މައުޟޫތަކަށް އަލިއަޅުވާލާފައިވާނެ ކަމަށެވެ. އެ ފިލްމުގައި ސުޕަރމޭން ނުވަތަ ކްލާކް ކެންޓު ވެސް ދައްކުވައިދީފައި ވަނީ ޙިޖުރަވެރިއެއްގެ ގޮތުގައެވެ.