ދެމެހެއްޓެނިވި ތަރައްޤީ ކުރިއަރުވައި، ލަނޑުދަނޑިތައް ހާސިލްކުރުމަށް އދގެ ޖަމިއްޔާތަކުގެ އެހީތެރިކަން ހޯދުމާ ގުޅޭ ޔުނައިޓެޑް ނޭޝަންސް ސަސްޓެއިނަބަލް ޑިވެލޮޕްމަންޓް ކޯޕަރޭޝަން ފްރޭމްވަރކް އެއްބަސްވުމުގައި ސޮއިކޮށްފިއެވެ. މިއެއްބަސްވުމުގެ ދަށުން ރާއްޖޭގެ ތަރައްޤީގެ އަމާޒުތައް ހާސިލްކުރުމުގައި އދ. 16 އިދާރާގެ އެހީތެރިކަން ލިބޭނެއެވެ.
ޚާރިޖީ ވުޒާރާގައި ބޭއްވި ބައްދަލުވުމެއްގައި، މި އެއްބަސްވުމުގައި ދިވެހި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ޚާރިޖީ ވަޒީރު އިރުތިޝާމް އާދަމްއެވެ. އަދި އދ. ގެ ފަރާތުން ސޮއިކުރެއްވީ އދ. އިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ މަންދޫބު ހާއޯ ޖަންގްއެވެ. މިއީ 2027 އިން 2031 އަށް އދ. ގެ ތަރައްޤީގެ ނިޒާމުގެ ތެރެއިން އެކުލަވާލާ އެންމެ މަތީ ފަންތީގެ އިސްތިރާޖީ އަދި ތަންފީޒީ އޮނިގަނޑު ހިމެނޭ އެއްބަސްވުމެއް ކަމަށް ސަރުކާރުން ވިދާޅުވިއެވެ.
މި އޮނިގަނޑުގައި ކުރިއަށް އޮތް ފަސް އަހަރު ދުވަހުގެ ތެރޭގައި ޤައުމީ ތަރައްޤީގެ އިސްކަންދޭ ދާއިރާތަކަށް އެއްބާރުލުންދީ، ދެމެހެއްޓެނިވި ތަރައްޤީގެ ލަނޑުދަނޑިތައް ހާސިލްލުކުރުން އަވަސްކުރުމަށް ދެފަރާތުން ގުޅިގެން ކުރާނެ މަސައްކަތްތަކާއި އިސްކަންދޭ މައިގަނޑު ކަންކަން ބަޔާންކޮށްފައިވެއެވެ. އައު ގުޅިގެން މަސައްކަތް ކުރުމުގެ އޮނިގަނޑު އެކުލަވާލާފައިވަނީ ސަރުކާރުގެ މުއައްސަސާތަކާއި، އދ. ގެ އޭޖެންސީތަކާއި، ތަރައްޤީގެ ބައިވެރިންނާއި، މަދަނިއެއްޖެމިއްޔާތަކާއި، އެކަޑެމިކް ދާއިރާއާއި، އަމިއްލަ ވިޔަފާރިތަކާއި އަދި އެހެނިހެން ކަމާބެހޭ ފަރާތްތައް ޝާމިލުވާގޮތަށް ކުރެވުނު ފުޅާ މަޝްވަރާތަކަށްފަހުއެވެ.
މި އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ޚާރިޖީ ވަޒީރު އިރުތިޝާމް އާދަމް ވަނީ، ސަރުކާރުން ދެމެހެއްޓެނި ތަރައްޤީ ހާސިލްކުރުމަށް ކަނޑައަޅާފައި ހުރި ލަނޑުދަނޑިތަކަށް އަލިއަޅުވާލައްވާފައެވެ. ވަޒީރު ވަނީ މިކަންކަން ހާސިލްކުރުމަށް ގިނަ ގޮންޖެހުންތަކެއް ހުރިކަން ފާހަގަކުރައްވާފައެވެ. ވަޒީރު އިރުތިޝާމް ވަނީ ދިވެހިރާއްޖެއަކީ ނާޒުކު ވެއްޓެ އޮތް ތަނަކަށްވީނަމަވެސް އިންސާނީ ވަސީލަތާއި ޢުމްރާނީ ތަރައްޤީއަށް ކުރެވޭ މަސައްކަތުގެ ތެރެއިން، ރާއްޖެއަށް ނަތީޖާ ނެރެވޭނެ ކަމަށެވެ.
ވަޒީރު އިރުތިޝާމް ވަނީ މިއެއްބަސްވުމުގެ ތެރެއިން ކުރެވޭ މަސައްކަތުގެ ދިވެހިންގެ ދިރިއުޅުމަށް ހެޔޮ ބަދަލުތަކެއް އަންނާނެ ކަމަށެވެ.
" 2031 ވަނަ އަހަރު މާޒީއަށް ބަލާ ދިވެހިންނަށް ކުރިއެރުން ލިބިފައިވާކަން ފެންނަން އޮތްނަމަ އެއީ މިއަދު ފެށޭ މަސައްކަތުގެ ތެރެއިން ކުރެވުނު ކަމެއްކަން ފެންނަން އޮންނާނެ. އެހެންވުމުން ބައިބަޔަށް މިކަން ނުކުރެވޭނެ. އެންމެން އެއް އަމާޒަކަށް މަސައްކަތް ކުރަން ޖެހޭ. އެއީ ރައީސްގެ ޚާރިޖީ ސިޔާސަތަކީވެސް" ވަޒީރު އިރުތިޝާމް އާދަމް ވިދާޅުވިއެވެ.
މިރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން، އދ. އިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ މަންދޫބު ހާއޯ ޖަންގް ވިދާޅުވީ، މިފަދަ އެއްބަސްވުމެއް އެކުލަވާލެވި މަސައްކަތް ފެށިގެން މިދަނީ ރާއްޖެއާއި އދ. ގުޅުމަށް 60 އަހަރު ފުރޭ އަހަރު ކަމަށާއި މި ގުޅުމުގެ ތެރެއިން ޚިދުމަތް ފޯރުކޮށްދޭ ރައްޔިތުން ބޭނުންވާ ގޮތަށް ކަންކަން ބައްޓަން ކުރުމުގެ މުހިންމުކަން ފާހަގަކުރެވޭ ކަމަށެވެ.
އޭނާ ވިދާޅުވީ އައު އޮނިގަނޑެއް އެކުލަވާލުމަށް ކުރެވުނު މަސައްކަތުގެ ތެރެއިން ގިނަ ޚިޔާލުތަކެއް ލިބި ރާއްޖޭގެ ތަރައްޤީ ބައްޓަން ކުރުމަށް ހުރިހާ ފަރާތެއް ބޭނުންވާ ގޮތެއް އެންގިގެން ދިޔަ ކަމަށެވެ.
"އަޅުގަނޑުމެންގެ އައު އޮނިގަނޑު 3 ކަމަކަށް އިސްކަން ދޭ. އެއީ އިންސާނީ ވަސީލަތް، ދެމެހެއްޓެނިވިކަމާއި ވިލުންތެރިކަން އަދި ހިންގުންތެރިކަން. މި ކަންކަން ފާހަގަކުރެވުނީ ރާއްޖޭގެ ކަންކަޅުތަކުން ކުރެވުނު މަޝްވަރާތަކާއި ބޭއްވުނު ބައްދަލުވުންތަކުގެ އަލީގައި. މިކަންކަން ޤައުމީ ތަރައްޤީ ދައްކުވައިދޭއިރު ތަރައްޤީވަމުން އަންނަ ކުދި ޖަޒީރާ ޤައުމުތަކަށް ދިމާވާ ގޮންޖެހުންތައް ދައްކުވައިދޭ. " އދ. އިން ރާއްޖެއަށް ކަނޑައަޅުއްވާފަހި ހުންނަވާ މަންދޫބު ވިދާޅުވިއެވެ.
މި އައު އޮނިގަނޑުގެ ދަށުން އދ. ގެ 16 އިދާރާއަކުން ގުޅިގެން މަސައްކަތްކުރާއިރު، ކުރިއަށް އޮތް ފަސް އަހަރު ތެރޭގައި ރާއްޖެއަށް އިންތިޒާމުވެގެންވާ، ނަތީޖާ ނެރެވޭފަދަ އެހީތެރިކަމެއް ފޯރުކޮށްދެވޭނެ ކަމަށް އދ. އިން ވިދާޅުވިއެވެ. މި އެއްބަސްވުމުގެ ތެރެއިން އެކި އދ.ގެ ޖަމީއްޔާތަކާއެކު އިންސާނީ ޙައްޤުތަކާއި، މިންތީގެ ހަމަހަމަކަމާއި، ދެމެހެއްޓެނިވިކަމާއި، ވިލުންވެރިކަމާއި އަދި ޒިންމާދާރުކަމުގެ އުޞޫލުތަކުގެ މައްޗަށް ދެމެހެއްޓެނިވި ތަރައްޤީގެ 2030 އެޖެންޑާ ޙާޞިލުކުރުމަށްޓަކައި ގުޅިގެން މަސައްކަތްކުރުމަށް އެކުލާލެވުނު މަގުޗާޓެއް ކަމަށް ސަރުކާރުން ވިދާޅުވިއެވެ.