ޚަބަރު

އޭސީސީގެ އެސޯސިއޭޓް ޑިރެކްޓަރަކަށް ފައިސަލް


  • މިއީ އެމަގާމަށް ފައިސަލް އިންތިހާބުކުރި ދެވަނަ ދައުރު

  • އޭނާއަކީ އައިސީސީގެ އޭޝިއާ ތަމްސީލުކުރައްވާ ނޮން ވޯޓިން ރެޕްރެޒެންޓޭޓިވް

އޭޝިއަން ކުރިކެޓް ކައުންސިލް (އޭސީސީ) ގެ އެސޯސިއޭޓް ޑިރެކްޓަރަކަށް ކްރިކެޓް ބޯޑް އޮފް މޯލްޑިވްސް (ސީބީއެމް) ގެ ރައީސް މުހައްމަދު ފައިސަލް ދެވަނަ ދައުރަކަށް އިންތިހާބުކޮށްފިއެވެ.

އޭސީސީގެ އެސޯސިއޭޓް ޑިރެކްޓަރަކަށް ދެވަނަ ދައުރަކަށް ސީބީއެމްގެ ރައީސް މުހައްމަދު ފައިސަލް އިންތިހާބުކޮށްފައިވަނީ ދާދިފަހުން ބެންކޮކްގައި ބޭއްވި އޭސީސީގެ އަހަރީ އާންމު ޖަލްސާ (އޭޖީއެމް)ގައެވެ.

ސީބީއެމްއިން ބުނީ، ފައިސަލް އަލުން އެ މަގާމަށް. އިންތިހާބުވުމަކީ، އޭޝިއާގެ ކްރިކެޓުގެ ތަރައްގީއާއި ކުރިއެރުވުމުގައި ފައިދަލްގެ ހޮއްސާ އޮތް މިންވަރާއި މުޅި ސަރަޙައްދުގައި ކުޅިވަރު ތަރައްޤީކުރުމުގައި އޭނާ ބައިވެރިވުން ހިމެނޭ މިންވަރު ހާމަވެގެންދާ ކަމެއް ކަމަށެވެ.

ފައިސަލް މިހާރު އޭނާ ގެންދަވަނީ އިންޓަނޭޝަނަލް ކްރިކެޓް ކައުންސިލް (އައިސީސީ)ގެ ނޮން ވޯޓިން ރެޕްރެޒެންޓޭޓިވް ފޯ އޭޝިއާގެ މަގާމުވެސް ފުރުއްވަމުންނެވެ. މިއީ އެމަގާމު ފުރުއްވަމުން ގެންދަވާތާ ތިން ވަނަ ދައުރެވެ.

މިއާއެކު ސަރަހައްދީ އަދި ބައިނަލްއަގްވާމީ ކްރިކެޓް އިދާރާތަކުގައި ރާއްޖޭގެ ކުރިކެޓް ބޯޑު ތަމްސީލުވާ މިންވަރު އަންނަންނީ އިތުރުވަމުން ކަމަށް ސީބީއެމްއިން ބުނެއެވެ.

ފައިސަލް ގެންދަވަނީ ރާއްޖޭގެ ކުރިކެޓް އަތޮޅުތެރެއަށް ފުޅާކޮށް ބައިނަލްއަގްވާމީ މުބާރާތްތަކުގެ މުޅި ރާއްޖެ ޝާމިލުކުރުމަށް ފެންވަރު ރަނގަޅު ކުޅުންތެރިން އުފެއްދުމަށް މަސައްކަތް ކުރައްވަމުންނެވެ.

އަދި އޭސީސީއާއި އައިސީސީގެ އެހީތެރިކަން ރާއްޖޭގެ ކުރިކެޓް ތަރައްގީކުރުމަށް ހުރި ފުރުސަތުތައް ހޯދައިދިނުމުގައި ފައިސަލްގެ ދައުރު ފާހަގަކޮށްލެވެއެވެ.