ޚަބަރު

ޑައިވިންގ ހާދިސާތަކުގައި ބޭނުންކުރާ ޔުނިޓެއް އެމްއެންޑީއެފްއަށް ހަދިޔާކޮށްފި


  • މިޔުނިޓު ހަދިޔާކުރީ، ހައިޕަބެރިކްސް ޔޫރަޕްއިން

  • މިއީ ކުއްލި ހާދިސާތަކުގައި އަނިޔާވާ މީހުންނަށް ބޭނުންކުރާ ވަސީލަތެއް

ޑައިވިންގ ހާދިސާތަކުގައި ބޭނުންކުރުމަށް މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސްއަށް "ޕޯޓަބަލް ހައިޕަރބެރިކްސް ޓްރާންސްޕޯޓް ޔުނިޓެއް" ހަދިޔާކޮށްފިއެވެ.

މި ޔުނިޓު އެމްއެންޑީއެފްއަށް ހަދިޔާކޮށްފައިވަނީ، "ހައިޕަބެރިކްސް ޔޫރަޕް" އިންނެވެ. އެ ކުންފުނިން ވެދިން ދީލަތި އެހީތެރިކަމަށްޓަކައި އެމްއެންޑީއެފްއިން ވަނީ އެ ކުންފުންޏަށް ޝުކުރު އަދާކުރައްވާފައެވެ.

މި އިންޓަގްރޭޓެޑް ހެޑްކުއާޓާޒުގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައި އެމްއެންޑީއެފްގެ ފަރާތުން މި ޔުނިޓާ ރަސްމީކޮށް ހަވާލުވެވަޑައިގަތީ، ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އިބްރާހީމް ޙިލްމީއެވެ.

ޕޯޓަބަލް ހައިޕަބެރިކް ޓްރާންސްޕޯޓް ޔުނިޓަކީ ޑައިވިންގ ކުއްލި ހާދިސާތަކާއި، އެ ނޫންވެސް ސިއްޙީ ކުއްލި ނުރައްކަލުގެ ހާލަތްތަކުގައި އަނިޔާވާ މީހުންނާއި، ބަލި މީހުން އެއްތަނުން އަނެއްތަނަށް ގެންދިއުމުގައި ޕްރެޝަރ ޗެމްބަރެއްގެ ގޮތުގައި ފުރާނަ ސަލާމަތްކުރުމަށް ބޭނުންކުރެވޭ މުހިންމު ވަސީލަތެކެވެ.

މިއީ، ރާއްޖެ ފަދަ ކަނޑުގެ ސަރަޙައްދު ބޮޑު ޤައުމެއްގައި ސިފައިން ހިންގާ ސަލާމަތީ އަދި އިމަޖެންސީ އޮޕަރޭޝަންތަކަށް ލިބިގެންދިޔަ ބޮޑު ކުރިއެރުމެކެވެ.