ޚަބަރު

ޣައްޒާ ޢުދުވާން ފުޅާކޮށް ހަތަރު އަހަރުގެ ކުއްޖަކު ޝަހީދުކޮށްލައިފި


ޔަހޫދީ އިސްތިޢުމާރީ ފައުޖުން ފަލަސްޠީނުގެ ޣައްޒާއަށް ނިރުބަވެރި ދެ ހަމަލާއެއްދީ، ހަތަރު އަހަރުގެ ކުއްޖަކު ހިމެނޭ ގޮތުގައި ދެ މީހުން ޝަހީދު ކޮށްލައި، އިތުރު ހަތަރު މީހުން ޒަޚަމު ކޮށްލައިފިއެވެ. މިއީ، ޣައްޒާގެ ރައްޔިތުން ވައިގެ ތެރެއަށް ފުއްޕާހަން ދޫކޮށް، ކުޑަކުދިން ގުޑިއަރުވާތީ ދީފައިވާ ހަމަލާތަކެއް ކަމުގައި ނިރުބަވެރި ޔަހޫދީ ފައުޖުން ބުނެއެވެ. މީގެ ތެރެއިން އަލް-ޒަވަޔިދާގައި ހުންނަ ޢާންމުން ދިރިއުޅޭ އިމާރާތަކަށް ދިން ވައިގެ ހަމަލާގައި ޝަހީދުކޮށްލާފައިވާ މީހުންގެ ތެރޭގައި ހަތަރު އަހަރުގެ މުޙައްމަދު ޢަބްދުލް ސަލާމް ޠާހާ ހިމެނެއެވެ. އޭނާ ޝަހީދުވީ، ހަމަލާގައި ލިބުނު ޒަޚަމުތަކަށް ހަސްފަތާލުގައި ފަރުވާދެމުން ދަނިކޮށް ކަމުގައި ޣައްޒާގެ ޞިއްޙަތާ ބެހޭ އޮފިޝަލުން ބުނެއެވެ.

ޔަހޫދީންގެ ދެވަނަ ހަމަލާ އަމާޒުކޮށްފައި ވަނީ ނުޞަޔިރާތު ރެފިއުޖީ ކޭމްޕަށެވެ. އެ ސަރަޙައްދުގައި ދިރިއުޅޭ އަބޫ އަޙްމަދު ބުނީ، ޔަހޫދީންގެ ޢުދުވާނީ ހަމަލާތަކަށް އެއްވެސް ނިމުމެއް ނެތް ކަމުގައެވެ. އަދި، ބޭނުމީ ވީއެންމެ އަވަހަކަށް ޞުލްޙަ ޤާއިމުކޮށްދިނުމަށް ކަމުގައެވެ. މީގެ އިތުރުން، ދަޔިރް އަލް-ބަލަޙަށް ވެސް ޔަހޫދީ ފައުޖުގެ ނިރުބަވެރި ހަމަލާތައް އަމާޒުކުރިއެވެ. އެ ހަމަލާގައި، ފަލަސްޠީނުގެ މިނިވަންކަމަށް ޖިހާދުކުރާ ޙަމާސް ޖަމާޢަތުގެ އިސް އޮފިޝަލެއް ކަމުގައިވާ ޝަރީފް އަލް-ޙަސަނާތު ޝަހީދު ކޮށްލާފައިވާނެ ކަމުގައި ޔަހޫދީ ސިފައިން ބުނި ނަމަވެސް، ޙަމާސުން އެ ކަން ކަށަވަރު ކޮށްދީފައެއް ނެތެވެ.

ދެހާސް ތޭވީސް ވަނަ އަހަރުގެ އޮކްޓޫބަރުގައި ޣައްޒާގެ ރައްޔިތުންގެ ނަސްލުހޭދުކުރުމަށް ޔަހޫދީ ފައުޖުން ފެށި ޤަތުލުޢާންމު ހުއްޓައިލުމަށް 2025 ވަނަ އަހަރުގެ އޮކްޓޫބަރުގައި ޔަހޫދީން އެއްބަސްވިއެވެ. ނަމަވެސް، އެ އެއްބަސްވުމާ ޚިލާފަށް ހިންގާފައިވާ ލާއިންސާނީ ޖަރީމާތަކުގައި މިހާތަނަށް 1,280 މީހުން ވަނީ ޝަހީދު ކޮށްލާފައެވެ. ޢުދުވާންތައް ފުޅާކޮށް ވަރުގަދަ ކުރާނެ ކަމަށް ޞަހްޔޫނީ ދައުލަތުގެ ހައްދުފަހަނައެޅި ބޮޑުވަޒީރު ބެންޔަމިން ނަތަންޔާހޫގެ އޮފީހުން ދެމުންދާ އިންޒާރުތަކަށް ރައްދުދެއްވައި ޙަމާސްގެ އިސް އޮފިޝަލެއް ކަމުގައިވާ ބާސިމް ނަޢީމް ވިދާޅުވީ، ކުޑަކުދިންނަކީ ގުޑިއެރުވުން ފަދަ ކުޅިވަރުތައް ކުޅޭނެ ބަޔެއް ކަން އެންމެން ވެސް ދަންނާނެ ކަމުގައެވެ. އަދި، ޣައްޒާ ޤަތުލުޢާންމު ހުއްޓުވުމުގެ ގޮތުން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އިސްވެ އެކުލަވައިލެއްވި ޣައްޒާ ޞުލްޙައިގެ މަގުޗާޓަށް ޔަހޫދީން ހުރަސް އަޅަމުންދާ ކަން އޭނާ ފާހަގަކުރެއްވިއެވެ.

ޔަހޫދީން އިސްތިޢުމާރު ކޮށްފައިވާ ހުޅަނގު އައްސޭރީގެ ނާބުލުސް ކައިރީގައި އޮންނަ ޢަސްކަރު ކޭމްޕުގައި ވެސް ޔަހޫދީ ސިފައިން ވަނީ ލާއިންސާނީ ޖަރީމާތަކެއް ހިންގާފައެވެ. އެ ޢުދުވާންތަކުގެ ތެރޭގައި ޝަހީދު ކޮށްލާފައިވާ މީހުންގެ ތެރޭގައި 14 އަހަރުގެ އިސްލާމް ޢަޖޫރީ ހިމެނެއެވެ. ތިން މިލިޔަން މީހުންގެ އާބާދީއެއް ދިރިއުޅޭ ހުޅަނގު އައްސޭރީގެ ބިންތަކުގައި މިހާރު ވެސް 500,000 އަށްވުރެ ގިނަ ޔަހޫދީން ވަނީ ވަޒަންވެރި ކުރުވާފައެވެ. އަދި، އިތުރު ބިންތައް ފޭރިގަނެ، އިތުރު ޔަހޫދީން ވަޒަންވެރި ކުރުވުމަށް ޔަހޫދީ ދައުލަތުން މަސައްކަތް ކުރަމުންދާއިރު، މިއީ ބައިނަލްއަޤުވާމީ ޤާނޫނުތަކާ ޚިލާފު ޖަރީމާއެއްގެ ގޮތުގައި އެކުވެރި ދައުލަތްތަކާއި (އދ) ގިނަ ޤައުމުތަކުން ދެކެއެވެ.