ފީފާއިން މުޅިން އައު ފޯމެޓަކަށް ކުރިއަށްގެންދިޔަ ފީފާ ކުލަބު ވޯލްޑް ކަޕުގެ ޗެމްޕިއަންކަން ޗެލްސީން ހޯދައިފިއެވެ. ޗެލްސީން މި މުބާރާތުގެ ޗެމްޕިއަންކަން ހޯދާފައިވަނީ ޔޫރަޕްގެ ޗެމްޕިއަން ފްރާންސްގެ ޕީއެސްޖީ އާއި ދެކޮޅަށް ކުޅުނު މެޗު 3-0 ގެ ނަތީޖާއަކުން ކާމިޔާބުކޮށްގެންނެވެ.
ނިއު ޖާޒީގެ މެޓްލައިފް ސްޓޭޑިއަމްގައި އަށްޑިހަ އެއް ހާހަށްވުރެ ގިނަ މީހުންގެ ކުރިމަތީގައި ކުޅުނު މި މެޗުގެ ފުރަތަމަ ހާފުގައި ޗެލްސީ އިން ވަނީ ތިން ލަނޑު ޖަހާފަ އެވެ. އެގޮތުން މެޗުގެ 22 ވަނަ މިނިޓުގައި ކޯޗު ޕާމާ ވަނީ ލަނޑެއް ޖަހާ އެ ޓީމަށް ކުރި ހޯދަދީފަ އެވެ.
ސްޕެއިންގެ ރެއާލް މެޑްރިޑް ބަލިކޮށް މުބާރާތުގެ ފައިނަލުން ޖާގަ ހޯދި ޕީއެސްޖީ އަށް މެޗު ފަށައިގެން ރަގަޅަށް ނުކުޅެވެނީސް ޗެލްސީ އިން ވަނީ މެޗު ކޮންޓްރޯލް ކޮށް އެ ޓީމުގެ ގޯލަށް ނުރައްކާތެރި ހަމަލަތަކެއް ފޮނުވާލާފަ އެވެ.
ނަމަވެސް ޗެލްސީ އިން ލީޑު ނެގުމުގެ ކުރިން ޕީއެސްޖީ އިން ފޮނުވާލި ނުރައްކާތެރި ހަމަލައެއް ޗެލްސީގެ ކީޕަރު ސަންޗޭޒް ވަނީ ދިފާއުކޮށްފަ އެވެ.
ޗެލްސީ އިން މި މެޗުގައި ޖެހި ދެވަނަ ލަނޑު މެޗުގެ 30 ވަނަ މިނިޓުގައި ގޯލުގެ ތިރި ކަނަށް ފޮނުވާލައިގެން ކޯލް ޕާމާ ވަނީ ލަނޑެއް ޖަހާ ދެ ޓީމުގެ ދެމެދުގައިވާ ފަރަގު ބޮޑުކޮށްފަ އެވެ.
މި މެޗުގައި ޗެލްސީ އިން ޖެހި ތިންވަނަ ލަނޑު މެޗުގެ ފުރަތަމަ ހާފުގެ ކުޅުން ނިމެން ދެ މިނިޓަށް ވެފައިވަނިކޮށް ޕާމާ ދިން ޕާހަކުން އެ ޓީމަށް ކާމިޔާބު ކޮށްދީފައިވަނީ ޖޮއާއޯ ޕެޑްރޯ އެވެ. މިއީ މި މުބާރާތުގެ މެދު ތެރެއިން ޗެލްސީ އާއި ގުޅުނު ޖޮއާއޯ ޕެޑްރޯ އެ ޓީމަށް ކާމިޔާބުކޮށްދިން ތިންވަނަ ލަނޑެވެ.
މެޗުގެ ދެވަނަ ހާފުގައި ޕީއެސްޖީ އަށް ބަދަލުތަކެއް ގެނެސް އެ ޓީމުން ލަނޑެއް ޖަހަން ކުރި މަސައްކަތް ވަނީ ކާމިޔާބުވާ ގޮތް ނުވެފަ އެވެ.
އަދި މެޗުގެ ފަހު ވަގުތުގައި ޗެލްސީގެ އެންޒޯ މަރެސްކާ ވަނީ ޖޮއައޯ ޕެޑްރޯގެ ބަދަލުގައި ލިއާމް ޑެލަޕް ކުޅެން އަރުވާފަ އެވެ. އަދި އޭނާ އަށް ލަނޑު ޖަހަން ލިބުނު ރަނުގެ ދެ ފުރުސަތުވެސް ޕީއެސްޖީގެ ކީޕަރު ޑޮންނަރޫމާ ވަނީ މަތަކޮށްފަ އެވެ.
ފައިނަލް މެޗުގައި ދެ ލަނޑު ޖެހި ކޯލް ޕާމާއަށް މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު ލިބުނު އިރު އެންމެ މޮޅު ކީޕަރަކަށް ހޮވިފައިވަނީ ޗެލްސީގެ ކީޕަރު ސަންޗޭޒް އެވެ. އަދި މުބާރާތުގެ އެންމެ މޮޅު ޒުވާން ކުޅުންތެރިއަކަށް ހޮވިފައިވަނީ ޕިއެސްޖީގެ ޑެޒިރޭ ޑުއޭ އެވެ.