ފަލަސްޠީނުގެ ޣައްޒާގެ މެދުތެރޭގެ ރަށެއްގައި ސާފު ބޯފެން ފޯރުކޮށްދެމުން ދިޔަ ސަރަޙައްދެއްގައި ތިބި ބަޔަކަށް ޔަހޫދީ ފައުޖުން ނިރުބަވެރި ޙަމަލާތަކެއްދީ، އޭގެ ތެރެއިން 10 މީހުން ޝަހީދު ކޮށްލައިފިއެވެ. ޣައްޒާގެ ރައްޔިތުންގެ ނަސްލުހޭދު ކުރުމަށް ހިންގަމުންދާ ޤަތުލުޢާންމުގެ ދަށުން ދީފައިވާ ޙަމަލާތަކުގައި ޝަހީދު ކޮށްލާފައިވާ މީހުންގެ ތެރޭގައި ހަ ކުޑަކުދިން ވެސް ހިމެނެއެވެ.
ފާއިތުވި 24 ވަރަކަށް ގަޑިއިރުގެ ތެރޭގައި ޔަހޫދީން ވަނީ ޣައްޒާގެ އެކި ކަންކޮޅުތަކަށް ދީފައިވާ ނިރުބަވެރި ޙަމަލާތަކުގައި 139 މީހުން ޝަހީދު ކޮށްލާފައެވެ. އޭގެ ތެރެއިން 52 މީހުން ޝަހީދު ކޮށްލާފައި ވަނީ ޣައްޒާގެ އުތުރުގައި އޮތް ޣައްޒާ ސިޓީގައެވެ. ޞިއްޙީ ޚިދުމަތްތެރިން ބުނީ، ޔަހޫދީންގެ ހުރިހާ ޙަމަލާތަކެއް ވެސް އަމާޒު ކޮށްފައި ވަނީ ޢާންމު ދިރިއުޅޭ ސަރަޙައްދުތަކަށް ކަމުގައެވެ.
ފެން ބަލައި ގޮސް ތިބި މީހުންނަށް ޔަހޫދީ ފައުޖުން ޙަމަލާ ދީފައި ވަނީ އަލް-ނުޞަޔިރާތު ރެފިއުޖީ ކޭމްޕުގައެވެ. އެ ޙަމަލާތަކުގައި އިތުރު 17 މީހުން ޝަހީދު ކޮށްލިއެވެ. މަސްރަޙު ދިރާސާ ކުރާ ފަރާތްތަކުން ބުނީ، ޣައްޒާގެ އުތުރާއި މެދުތެރޭގައި ދިރިއުޅޭ ހުރިހާ ރައްޔިތުން އެ ސަހަރުގެ ދެކުނުގައި އޮތް ރަފަޙަށް ދަތުރު ކުރުމަށް ޔަހޫދީ ފައުޖުން މަޖުބޫރު ކުރުވަމުންދާ ކަމުގައެވެ. ސާފު ބޯފެން ދޫކުރާ ސަރަޙައްދުތަކަށް ޔަހޫދީ ފައުޖުން ގަސްދުގައި ޙަމަލާތައް އަމާޒުކޮށް، ގިނަ އަދަދެއްގެ ބަޔަކު ޝަހީދު ކުރަމުން ދަނީ އެ ބޭނުމުގައި ކަމުގައި މަސްރަޙު ދިރާސާ ކުރާ ފަރާތްތަކުން ޤަބޫލު ކުރެއެވެ.
ޖުލައި 12ވަނަ ދުވަހު ވެސް ޔަހޫދީ ފައުޖުން ވަނީ ޣައްޒާގެ އެކި ކަންކޮޅުތަކަށް ނިރުބަވެރި ޙަމަލާތަކެއްދީ، 110 މީހުން ޝަހީދު ކޮށްލާފައެވެ. އޭގެ ތެރެއިން 34 މީހުން ޝަހީދު ކޮށްލާފައި ވަނީ ޣައްޒާ ހިޔުމެނިޓޭރިޔަން ފައުންޑޭޝަން (ޖީއެޗްއެފު)ން ކާބޯތަކެތި ބަހަމުން ދިޔަ މަރުކަޒެއް ކައިރީގައެވެ. ޖީއެޗްއެފްގެ މަރުކަޒުތައް ކައިރިއަށް ކާބޯތަކެތި ހޯދުމަށް ޖަމާވާ މީހުންނަށް އަމާޒުކޮށް ޔަހޫދީ ފައުޖުން ގަސްދުގައި ދެމުންދާ ޙަމަލާތަކުގައި މިހާތަނަށް 800އަށްވުރެ ގިނަ މީހުން ޝަހީދު ކޮށްލާފައިވާ ކަމުގައި އެކުވެރި ދައުލަތްތައް (އދ)ގެ އިދާރާތުން ހާމަކުރިއެވެ.
ޣައްޒާގެ ފުރަބަންދު ހަރުކަށިކޮށް، ކާބޯތަކެތި އެތެރެ ކުރުމަށް ހުރަސް އެޅުމުގެ ސަބަބުން 67 ކުޑަކުދިން ބަނޑުހައިހޫނު ކަމުގައި ޝަހީދުވެފައިވާ ކަމުގައި ޣައްޒާގެ މީޑިޔާ އޮފީހުން ބުންޏެވެ. ފަލަސްޠީނުގެ ރެފިއުޖީންނަށް އެހީތެރިކަން ފޯރުކޮށްދޭ އދގެ އިދާރާ (އުންރްވާ)ން ބުނީ، ފައިދާހުރި ކާނާ ނުލިބުމުގެ ސަބަބުން މެލްނިއުޓްރިޝަންގެ ޞިއްޙީ މައްސަލަ ކުރިމަތިވެފައިވާ ކުޑަކުދިންގެ އަދަދު ވެސް އެތަކެއް ގުނައަކަށް އިތުރުވަމުންދާ ކަމުގައެވެ.
ޣައްޒާގެ ރައްޔިތުންގެ ނަސްލުހޭދު ކުރުމަށް ހިންގަމުންދާ ޤަތުލުޢާންމު ޔަހޫދީ ފައުޖުން ފުޅާ ކުރަމުން މި ދަނީ، ޢުދުވާނީ ޙަމަލާތައް ހުއްޓުވުމަށް އެ ސަހަރުގައި ވެރިކަން ކުރާ ޙަމާސް ޖަމާޢަތާއި ޔަހޫދީންނާ ދެމެދު ނުރަސްމީ މަޝްވަރާތަކެއް ކުރިއަށްދާ ދަނޑިވަޅެއްގައެވެ. ޤަޠަރުގެ ވެރިރަށް ދަވްޙާގައި ބާއްވަމުންދާ މަޝްވަރާތަކުގައި ކުރިއެރުމެއް ނުލިބި މަޑުޖެހިފައި ވަނީ، ޣައްޒާއަށް އަރައިގަނެފައިވާ ޔަހޫދީ ސިފައިން އެ ސަހަރުން ބޭލުމަށް އިންކާރު ކުރަމުންދާތީއެވެ.
ޔަހޫދީންގެ އެންމެ ބޮޑު މަދަދުގާރު، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް މެދުއިރުމައްޗަށް ކަނޑައަޅާފައި ހުންނަވާ މަންދޫބު ސްޓީވް ވިޓްކޮފް ވިދާޅުވީ، ކުރިއަށް އޮތް ހަފުތާތަކުގެ ތެރޭގައި ޙަމާސާއި ޔަހޫދީންނާ ދެމެދު ސުލްޙައިގެ އެއްބަސްވުމެއް އެކުލަވައިލެވޭނެ ކަމުގެ އުންމީދު އޮތް ކަމުގައެވެ. އަދި، ކުރިއަށް އޮތް ދުވަސްތަކުގައި، މަޝްވަރާތަކުގައި މެދުވެރިއެއްގެ ދައުރު އަދާ ކުރާ ޤަޠަރުގެ އޮފިޝަލުންނާ ވާހަކަފުޅު ދައްކަވާނެ ކަމުގައި އޭނާ ވިދާޅުވިއެވެ.
ޣައްޒާ ޢުދުވާން ނިމުމަކަށް ގެނައުމަށް ބައިނަލްއަޤްވާމީ މުޖުތަމަޢުން ގޮވައިލަމުންދާ ގޮވައިލުމަށް ބީރު ކަންފަތެއް ދިނުމަށް ފަހު ހިންގަމުންދާ ޤަތުލުޢާންމުގައި ޝަހީދު ކޮށްލާފައިވާ މީހުންގެ އަދަދު 58,000އަށް އުފުލިފައިވާ ކަމުގައި ޣައްޒާގެ ޞިއްޙީ ދާއިރާގެ މަޞްދަރުތަކުން ހާމަކުރިއެވެ. ނަމަވެސް، ޣައްޒާގެ މީޑިޔާ އޮފީހުން ބުނީ، ޝަހީދު ކޮށްލާފައިވާ މީހުންގެ އަދަދު 61,700އަށްވުރެ އިތުރުވާނެ ކަމުގައެވެ. އޭގެ ތެރޭގައި ގިނައީ ކުށެއް ނެތް ޢާންމުންނާއި މައުސޫމު ކުޑަކުދިންނެވެ.