ޚަބަރު

ހައިވޭގައި ހިނގި އެކްސިޑެންޓެއްގައި 2 މީހަކަށް އަނިޔާވެ ފަރުވާދެނީ


  • އެކްސިޑެންޓް ހިނގާފައިވަނީ ވޭނެއް އޯވަރޓޭކްކުރަން އުޅުމުގެތެރޭ ސައިކަލެއްގައި ޖެހިގެން

  • އަނިޔާވީ ސައިކަލުގައި ތިބި 2 މީހަކަށް

ސިނަމާލޭ ބްރިޖުގެ ހައިވޭގައި ވޭނަކާއި ސައިކަލެއް ޖެހި ހިނގި އެކްސިޑެންޓެއްގައި 2 މީހަކަށް އަނިޔާވެ، ފަރުވާ ދޭން ފަށައިފިއެވެ.

ފުލުހުން ވިދާޅުވީ، ހައިވޭގެ ހުޅުމާލެއިން މާލެއަށް ދަތުރުކުރާ ފަޅީގެ 4 ލޭން ހިމެނޭ ސަރަޙައްދުގައި ވޭނަކާއި ސައިކަލެއްޖެހި އެކްސިޑެންޓްވެފައިވާކަމުގެ ރިޕޯޓް ފުލުހުން ލިބިފައިވަނީ މިރޭ 22:49 ހާއިރުކަމަށެވެ.

މި އެކްސިޑެންޓު ހިނގާފައިވަނީ ވޭން އޯވަރޓޭކްކުރަނިކޮށް ސައިކަލުގައި ޖެހިގެންކަމަށް ފުލުހުން ވިދާޅުވިއެވެ. އަދި މި އެކްސިޑެންޓުގައި ސައިކަލުގައި ތިބި 2 މީހުންނަށް އަނިޔާވެގެން އައިޖީއެމްއެޗްއަށް ގެންގޮސް ފަރުވާ ދެމުންދާކަމަށްވެސް ފުލުހުން ވިދާޅުވިއެވެ.

ފުލުހުން އަންނަނީ މި ޙާދިސާ އިތުރަށް ތަޙުޤީޤުކުރަމުންނެވެ.