ޚަބަރު

ދަށު ސަނަދުތަކަށް ކިޔަވައިދިނުމަށް ދުވާލުގެ ގަޑިތަކުގައި ކްލާސްތައް ބާއްވަން ޖެހޭ: ވަޒީރު ޑރ. ޙައިދަރު


  • ފުލް ޓައިމް އަދި ޕާޓް ޓައިމް ޕްރޮގްރާމުތަކުގައި އެއްވެސް ތަފާތެއް ނެތް

  • މިފަދަ މައްސަލަތަކަށް އަވަސް ހައްލެއް ނުހޯދިއްޖެނަމަ ސަނަދުތަކުގެ އިތުބާރު ގެއްލިގެންދާނެ

އަންޑަގްރެޖުއޭޓް ޑީގްރީ ސަނަދުން ފެށިގެން ދަށުގެ ސަނަދުތަކަށް ކިޔަވައިދިނުމަށް ދުވާލުގެ ގަޑިތަކުގައި ކްލާސްތައް ބާއްވާގޮތަށް ތާވަލުތައް ހެދުން މުހިންމުކަމަށް މަތީ ތަޢުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީކުރުމާ ބެހޭ ވަޒީރު ޑރ. ޢަލީ ޙައިދަރު އަޙްމަދު ވިދާޅުވެއްޖެއެވެ.

ވަޒީރު މިހެން ވިދާޅުވީ، ރާއްޖޭގެ ތަޢުލީމީ ނިޒާމަށް ދިމާވެފައިވާ މައްސަލަތަކާއި އެ މައްސަލަތަކަށް ހައްލު ހޯދައިދިނުމަށް ކުރެވިދާނެ ކަންތައްތަކާއި ބެހޭ ގޮތުން މަޝްވަރާކުރުމަށް ބޭއްވި މަސައްކަތު ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުންނެވެ.

ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގައި ޕާޓް ޓައިމްކޮށް ކިޔެވުމާއި ފުލް ޓައިމްކޮށް ކިޔެވުމުގެ ވަގުތުތައް ވަނީ ކަނޑައަޅާފައެވެ. އެގޮތުން ޕާޓް ޓައިމްކޮށް ކިޔަވާ ދަރިވަރެއްގެ ކޯހުގެ މުއްދަތުގެ ފުލް ޓައިމްކޮށް ކިޔަވާ ދަރިވަރެއްގެ ޕްރޮގްރާމެއްގެ ދެގުނައަށް ވާންޖެހޭނެކަމަށް ވަނީ ކަނޑައަޅާފައެވެ.

ނަމަވެސް އަމަލީ ގޮތުން ފުލް ޓައިމްކޮށް ކިޔަވާ ދަރިވަރުންނާއި ޕާޓް ޓައިމްކޮށް ކިޔަވާ ދަރިވަރުންގެ ޕްރޮގްރާމުތަކުގައި އެއްވެސް ތަފާތެއް ފެންނަން ނެތްކަން ފާހަގަކުރައްވާ، މަތީ ތަޢުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީކުރުމާއި ބެހޭ ވަޒީރު ޑރ. ޢަލީ ޙައިދަރު އަޙްމަދު ވިދާޅުވީ، މިއީ ކިޔަވާދިނުމުގައި ގެންގުޅޭ ވައްޓަފާޅި އެއްކޮށް ބަދަލުކޮށްލާފަދަ ކަމެއް ކަމަށެވެ. އަދި މިއީ ތަޢުލީމު ފެންވަރު ކަށަވަރުކުރުމާއި، މުޅި ނިޒާމުގެ ނަޒާހަތްތެރިކަމަށްވެސް އޮތް ނުރައްކާތެރި މައްސަލައެއްކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ.

"ރާއްޖޭގެ ތަޢުލީމީ ނިޒާމުގައި ހުރި މިފަދަ މައްސަލަތަކަށް އަވަސް ހައްލެއް ނުހޯދިއްޖެނަމަ ރާއްޖެއާއި، ރާއްޖެއިން ބޭރުގައިވެސް މި ސަނަދުތަކުގެ އިތުބާރު ގެއްލިގެންދާނެކަމުގެ ނުރައްކާއޮތްކަމަށް ފެނޭ. އެހެންކަމުން އަޅުގަނޑުމެންގެ ތަޢުލީމީ ނިޒާމަށް އޮންނަ އިތުބާރު ދެމެހެއްޓުމަށްޓަކައި މިއަދު އަޅުގަނޑުމެންނަށް ކުރެވިދާނެ ކަންތައްތަކަކީ ކޮބާތޯ ބަލައި މަޝްވަރާކޮށް އިސްލާހީ ފިޔަވަޅުތަކެއް އަޅަން ޖެހޭ." މަތީ ތަޢުލީމާއި ބެހޭ ވަޒީރު ޑރ. ޢަލީ ޙައިދަރު އަޙްމަދު ވިދާޅުވިއެވެ.

ވުމާއެކު، ކިޔަވައިދިނުމުގެ ޕްރޮގްރާމުތަކުގެ ތާވަލުތައް ރޭވިފައިވާ އޮންނަ ގޮތާމެދު އަލުން ވިސްނާވަޑައިގެން އެ ތާވަލުތަކަށް ބަދަލު ގެނައުން މުހިންމުކަމަށް ވަޒީރު ވިދާޅުވިއެވެ. އެގޮތުން ފުލް ޓައިމްކޮށް މަސައްކަތް ކުރާ ދަރިވަރުންނަށް ކިޔެވުމުގައި ލުއިފަސޭހަގޮތްތައް އިހްތިޔާރުކުރެވޭނެ ގޮތްތަކުގެ އިތުރުން، އެފަދަ ފަރާތްތަކަށް ޕާޓް ޓައިމްކޮށްވެސް ކިޔެވޭނެ މަގުވެސް ތަނަވަސްވާނެފަދަ ގޮތަކަށް ތަވާލުތަކަށް ބަދަލުގެންނަން ޖެހޭނެކަމަށް ވަޒީރު ވިދާޅުވިއެވެ.

"އަޅުގަނޑުމެންގެ ޒުވާނުންނަށް ހިތްވަރުދީ މަގުފަހިކޮށްދެންވަންވީ، ހެނދުނުވެސް ހިމެނޭހެން ދުވާލުގެ ދަނފަޅިތަކުގައި މަސައްކަތުން ވީއްލި ފުލްޓައިމްކޮށް ކިޔަވަން. އަޅުގަނޑުމެން އެންމެން މިއަދު އަޒުން ކަނޑައަޅަންވީ ކުރިއަށްއޮތް 3 އަހަރުތެރޭގައި އަންޑަގްރެޖުއޭޓް ޑީގްރީ ސަނަދުން ފެށިގެން ދަށުގެ ސަނަދުތަކަށް ކިޔަވައިދިނުމަށް ދުވާލުގެ ގަޑިތަކުގައި ކްލާސްތައް ބޭއްވުމަށް ވަގުތު ރޮނގެއް އެކުލަވާލުން." މަތީ ތަޢުލީމާއި ބެހޭ ވަޒީރު ޑރ. ޢަލީ ޙައިދަރު އަޙްމަދު ވިދާޅުވިއެވެ.

މީގެ އިތުރުން، މިފަދަ ސަނަދުތަކުގައި ކިޔަވާ ދަރިވަރުން ދުވާލުގެ ވަގުތުތަކުގައި ކެމްޕަސްތަކުގެ ވަސީލަތްތައް ފުރިހަމައަށް ބޭނުންކުރަން ބާރުއަޅުއްވާ އެދަފަ ނިޒާމުތަކެއް ޤާއިމްކުރުންވެސް މުހިންމުކަން ވަޒީރު ފާހަގަކުރެއްވިއެވެ. އަދި މިފަދަ ގޮތަކަށް ތަޢުލީމީ ނިޒާމު ބައްޓަންވެއްޖެނަމަ، ކިޔެވުމުގެ މާހައުލު ރަނގަޅުވެ، ދަރިވަރުންނަށް ހަގީގީ މާނައިގައި ތަޢުލީމު ހާސިލްކުރުމަށް، ވަގުތާއި، ނަފްސާއި، ޖާގަ ލިބިގެންދާނެކަމަށް ވަޒީރު ވިދާޅުވިއެވެ.

ރާއްޖޭގައި މިވަގުތު މަތީ ތަޢުލީމު ދޭ 2 ޔުނިވަރސިޓީއާއި، 12 ކޮލެޖަކާއި، ޕޮލިޓެކްނިކްއަކާއި، 90 ޕްރައިވެޓް އިންސްތީޓިއުޓާއި، 27 ޕަބްލިކް އިންސްޓިޓިއުޓް އެބަހުރިއެވެ. މީގެ އިތުރުން އިޓަލީގެ މަޝްހޫރު ޔުނިވަރސިޓީއެއްގެ އައުޓްޕޯސްޓަކާއި، އިސްލާމިކް ޔުނިވަރސިޓީގައި އަރަބި ބަސް ކިޔަވައިދޭ މަރުކަޒެއްވެސް ރާއްޖޭގައި ވަނީ ޤާއިމްކޮށްފައެވެ.

މި ތަންތަނުގައި ސެޓްފިކެޓް ކޯސްތަކުން ފެށިގެން ޑޮކްޓަރރޭޓް ޑިގްރީއާއި ހަމައަށް ކިޔަވައިދޭ 1800އަށްވުރެ ގިނަ ޕްރޮގްރާމަށް އެޕްރޫވަލް ދެވިފައިވާއިރު، 2022އިން ފެށިގެން 500 ޕްރޮގްރާމެއް ވަނީ އެމްކިއުއޭގައި އެކްރެޑިޓްކުރެވިފައެވެ. އަދި ރާއްޖޭގެ އިޤްތިޞާދުގެ މައި ސިނާއަތްތަކަށް ޚާއްސަކުރެވިގެން އެމްކިއުއޭއިން ތައްޔާރުކުރެވިފައިވާ 128 ނޭޝަނަލް ސްޓޭންޑަރޑް ނުވަތަ ޤައުމީ މިންގަނޑު އޮވެއެވެ.