ޚަބަރު

މިނިވަންދުވަހުގެ ރަސްމީ ޖަލްސާގެ ދައުވަތު ކުރީގެ ހުރިހާ ރައީސުންނަށް!


  • ވަޒީރު ވިދާޅުވީ ސަރުކާރުގެ ސިޔާސަތަކީ ޤައުމީ ޚިދުމަތްތެރިންގެ އަގުވަޒަން ކުރެއްވުންކަމަށް

ރާއްޖޭގެ މިނިވަންކަމަށް 60 އަހަރު ފުރުމާއި ގުޅިގެން ބާއްވަވާ ރަސްމީ ޖަލްސާގައި ބައިވެރިވެވަޑައިގަތުމުގެ ދައުވަތު ރައީސުލްޖުމްހޫރިއްޔާގެ މަޤާމު އަދާކުރައްވާފައިވާ ހުރިހާ ބޭފުޅުންނަށް އެރުވުމަށް ނިންމަވާފައިވާކަމަށް ދިވެހި ބަހާއި ސަޤާފަތާއި ތަރިކައާ ބެހޭ ވަޒީރު ޢާދަމް ނަސީރު އިބްރާޙިމް ވިދާޅުވެއްޖެއެވެ.

ޕީއެސްއެމް ނިއުސްއަށް މައުލޫމާތު ދެއްވަމުން ދިވެހި ބަހާއި ސަޤާފަތާއި ތަރިކައާ ބެހޭ ވަޒީރު ޢާދަމް ނަސީރު އިބްރާޙިމް ވިދާޅުވީ މިނިވަންދުވަހުގެ ރަސްމީ ޖަލްސާގައި ބައިވެރިވެވަޑައިގަތުމުގެ ދައުވަތު ކުރީގެ ހުރިހާ ރައީސުންނާއި ނައިބު ރައީސުންނަށް އަރުވަން ނިންމަވާފައިވާކަމަށެވެ. އަދި ޤައުމަށް ޚިދުމަތްކުރައްވާފައިވާ ބޭފުޅުންގެ އަގު ވަޒަންކުރެއްވުމަކީ ސަރުކާރުގެ ސިޔާސަތުކަމަށާއި، ކުރީގެ ރައީސުންނާއި، ކުރީގެ ނައިބު ރައީސުންނަށް ޙައްޤު އިޙްތިރާމާއި ޤަދަރުކުރުމަކީ ރައީސް ޑރ.މުޙައްމަދު މުޢިއްޒު ޤައުމަށް ގެންނަވަން ބޭނުންފުޅުވާ އަޚްލާޤީ ބަދަލުގެ އެއް ނަމޫނާކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.

"މިނިވަން ދުވަހަކީ މުޅި ދިވެހި ޤައުމުގެ ދުވަހެއް. މި ސަރުކާރުގެ ސިޔާސަތަކީ ޤައުމީ ޚިދުމަތުގެ އަގުވަޒަންކުރުން. ޤައުމުގެ ޚިދުމަތްތެރީންގެ އަގުވަޒަންކުރުން. ވީމާ މި ޤައުމަށް ޚިދުމަތްކުރައްވާފައިވާ ކުރީގެ ރައީސުންނާއި، ކުރީގެ ނައިބު ރައީސުންނަށް ޙައްޤު އިޙްތިރާމާއި ޤަދަރުކުރުމަކީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު މި ޤައުމަށް ގެންނަވަން ބޭނުންފުޅުވާ އަޚްލާޤީ ބަދަލުގެ އެއް ނަމޫނާ" ވަޒީރު ވިދާޅުވިއެވެ.

މިިނިވަން ދުވަހުގެ ރަސްމީ ޖަލްސާގެ އިތުރުން، މިނިވަން ދުވަހު ބޭއްވެވުމަށް ހަމަޖެހިފައިވާ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އާ ޓާމިނަލް ހުޅުވުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމުގެ ދައުވަތުވެސް ކުރީގެ ހުރިހާ ރައީސުންނަށް އަރުވަން އެމްއޭސީއެލްއިން ވަނީ ނިންމަވާފައެވެ.