ފަހަކަށް އައިސް ރާއްޖޭގައި ސްކޭމް މައްސަލަތައް ދަނީ އިތުރުވަމުންނެވެ. މިފަދަ ސްކޭމްތަކުން ރައްކާތެރިވުމަށް އާންމު ރައްޔިތުން އިތުރަށް ސަމާލުކަން ދިނުމަކީ ވަރަށް މުހިންމުކަމެކެވެ.
ޝައްކު އުފެދޭނަމަ، އެކަމެއް ޔަޤީންކުރުމަށްފަހު ނޫނީ ފައިސާގެ އެއްވެސް މުއާމަލާތެއް ނުކުމަށާއި، މިފަދަ މައްސަލައެއް ފާހަގަވެއްޖެނަމަ ވަގުތުން އެ މައްސަލަ ރިޕޯޓުކުރުމަށް ކަމާ ބެހޭ ފަރާތްތަކުން އެދެއެވެ.
ސްކޭމް ލިންކެއް މެދުވެރިކޮށް ގޫގުލް އެކައުންޓްތައް ހެކް ކުރުމުގެ މައްސަލަތައް އިތުރުވާތީ އެކަމަށް ސަމާލުވުމަށް ފުލުހުންގެ ސައިބަރ ކްރައިމް ސެންޓަރުން ވަނީ އެދިވަޑައިގެންފައެވެ.
ފުލުހުންގެ ސައިބަރ ކްރައިމް ސެންޓަރުން ވިދާޅުވީ، ގެދޮރުވެރިޔާ ޕޯޓަލަށް ލޮގިން ކުރުމަށްކަމަށް ބުނެ ފޮނުވާ މިސްކޭމް ލިންކަށް ފިތުމުން ގޫގުލް އެކައުންޓަށް ލޮގިންވާން ބުނާކަމަށެވެ. އަދި މި ލިންކުން ގޫގޫލް އެކައުންޓަށް ލޮގިންވެއްޖެނަމަ، ލޮގިންވާ މީހާގެ ޕާސްވޯޑް ސްކޭމް ކުރާ ފަރާތަށް ލިބޭނެކަމަށް އެ ސެންޓަރުން މައުލޫމާތުދެއެވެ.
ގެދޮރުވެރިޔާ ޕޯޓަލުން ލިންކެއް ނުފޮނުވާނެ ކަމަށާއި އެއީ އީފާސް މެދުވެރިކޮށް ލޮގިންވާ ގޮތަށް ފަރުމާކޮށްފައިވާ ޕޯޓަލެއްކަމަށް ސައިބަރ ސެންޓަރުން ވިދާޅުވިއެވެ. ވުމާއެކު، އެފަދަ ލިންކެއް ލިބިއްޖެނަމަ ސައިބަރ ކްރައިމް ސެންޓަރުގެ ނަންބަރު 911އަށް ގުޅައި އެ މައްސަލަ ރިޕޯޓުކުރުމަށް އެ ސެންޓަރުން ވަނީ އެދިފައެވެ. އަދި މިފަދަ ސްކޭމްތަކުގެ އަވާގައި ނުޖެހި ސަލާމަތްވެތިބުމަށް ގޫގުލް އެކައުންޓުގެ ޓީ ފެކްޓަރ އޮތެންޓިކޭޝަން ހެދުމަށްވެސް އެ ސެންޓަރުން ވަނީ އެދިފައެވެ.
ފޮޓޯތަކެއް ހުރިކަމަށް ބުނެ ޓެލެގްރާމުން ފޮނުވާ ފިޝިންގ ލިންކު މެދުވެރިކޮށް ޓެލެގްރާމް ހެކްކުރުމުގެ މައްސަލަތައްވެސް އިތުރުވަމުންދާކަން ފާހަގަވެފައިވާކަމަށްވެސް އެ ސެންޓަރުން ވިދާޅުވިއެވެ.
ފިޝިންގ ލިންކުތައް އަންނަނީ އިތުބާރުކުރެވޭ ފަރާތަކުން ފޮނުވާ މެސެޖަކާއެކުއެވެ. މެސެޖުގައިވާ ލިންކަށް ފިތައިލުމުން ފޯނު ނަންބަރު ޖެހުމަށް ބުނެއެވެ. އަދި ފޯނަށް އަންނަ އޯޓީޕީއެއް ހިއްސާކުރުމަށް ބުނެއެވެ. އޯޓީޕީ ހިއްސާކޮށްފިނަމަ ޓެލެގްރާމް އެކައުންޓުގެ ކޮންޓްރޯލް، ސްކޭމްކުރާ ފަރާތަށް ލިބިގެންދާނެއެވެ. އަދި ޓެލެގްރާމް އެކައުންޓުން ތިމާގެ ނަމުގައި އެހެން މީހުންނަށް ސްކޭމް ފިޝިންގގ ލިންކު ފޮނުވަމުންދެއެވެ.
ވުމާއެކު، އިތުބާރުކުރެވޭ ނުވަތަ ގާތް މީހެއްގެ ނަމުގައި މިފަދަ ލިންކު ފޮނުވިކަމުގައިވިޔަސް އެފަދަ ލިންކުތަކަށް ނުފިއްތުމަށް އެ ސެންޓަރުން ވަނީ އެދިފައެވެ.
ސްކޭމް މައްސަލަތައް ރިޕޯޓްކުރުމަށް ޚާއްސަ ކޯލް ސެންޓަރެއްވެސް ދިވެހި ފުލުހުންގެ ޚިދުމަތުން ވަނީ ޤާއިމްކޮށްފައެވެ.
އެގޮތުން ރާއްޖޭގެ ހުރިހާ ސަރަހައްދެއްގައި ހިނގާ ސްކޭމް މައްސަލަތަކާ ގުޅިގެން އަޅަންޖެހޭ ހުރިހާ ފިޔަވަޅުތައް އެޅުމާއި އެހެން އިދާރާތާކާއެކު ކުރަންޖެހޭ މުޢާމަލާތްތައް މަރުކަޒީ ގޮތެއްގައި ބަލަހައްޓާނީ އެންޓި ސްކޭމް ސެންޓަރުންނެވެ. އެ ކޯލް ސެންޓަރަށް މައްސަލައެއް ރިޕޯޓްކުރާ ހިސާބުން ފެށިގެން މާލީ އިދާރާތަކާ ގުޅިގެން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމާއި އެއިދާރާތަކުން ލިބެންޖެހޭ މަޢުލޫމާތު ހޯދުމުގެ މަސައްކަތް ކުރިއަށް ގެންދާނީ އެންޓި ސްކޭމް ސެންޓަރުންނެވެ.
ނޭޝަނަލް އިމަރޖެންސީ ނަމްބަރު 911 އާއި އެންޓި ސްކޭމް ހޮޓްލައިން 125 (އެކްސްޓެންޝަން 2020 އަދި އެންޓި ސްކޭމް ސެންޓަރުގެ އީމެއިލް މެދުވެރިކޮށް ރާއްޖެއާއި ރާއްޖެއިން ބޭރުންވެސް ސްކޭމްއާ ގުޅުންހުރި މައްސަލަތައް ރިޕޯޓްކުރުމުގެ އިންތިޒާމް ހަމަޖެހިފައިވާ ކަމަށް ފުލުހުންގެ ޚިދުމަތުން ބުނެއެވެ. އަދި މިހާރެކޭވެސް އެއްގޮތަށް މާލެއާއި އަތޮޅުތަކުގައި ގާއިމްކޮށްފައިވާ ސެންޓަރުތަކަށްވެސް މިފަދަ މައްސަލަތައް ހުށަހެޅޭނެކަމަށް ފުލުހުން ބުނެއެވެ.
މިގޮތަށް ހިންގާ ސްކޭމެއްގެ ޝިކާރައަކަށްވެއްޖެނަމަ އެންމެހައި މުއާމަލާތުގެ ތަފްސީލާއެކު ކަމާބެހޭ އިދާރާތަކަށް ރިޕޯޓުކުރުމަށްވެސް ފުލުހުން ވަނީ ނަސޭހަތްތެރިވެފައެވެ.