މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމަށް ރައްޔިތުން ހޭލުންތެރިކުރުވުމުގެ ގޮތުން ހާއްސަ ހަރަކާތްތަކެއް ހުޅުމާލޭގައި ފުލުހުން ފަށައިފިއެވެ.
ސިލްސިލާކޮށް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މި ހަރަކާތް، މި މަހު 16 ވަނަ ދުވަހު ފަށާފައިވަނީ ހުޅުމާލެ ފޭސް 1 ގައެވެ. މި ހަރަކާތް ހުޅުމާލެ ފޭސް 2 ގައި މިއަދު ކުރިއަށް ގެންގޮސްފައިވެއެވެ.
ހުޅުމާލެ އަވައްޓެރި ފުލުހުން ކުރިއަށް ގެންދާ މި ހަރަކާތުގައި، ހެނދުނު އޮފީސްތަކަށާއި ސްކޫލުތަކަށް ދަތުރުކުރާއިރު އަދި އެކި ވަގުތު ތަކުގައި އެކި މަގުތަކަށް ފުލުހުން ނުކުމެ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމާ ގުޅޭ މެސެޖުތައް ފޯރުކޮށްދެމުންދާނެއެވެ. އަދި އެކްސިޑެންޓް ހިނގައިގެން އުޅޭ މަންޒަރު ސިފަކޮށްދީ ތިމާއާއި އަނެކުންގެ ސަލާމަތަށް ބަލައިގެން އުޅަނދު ދުއްވުމަށް ބާރުއަޅައި އެހެން ހުރިހާ އެއްޗަކަށް ވުރެ ފުރާނައިގެ އަގުބޮޑުކަން ހަނދާންކޮށްދެމުންދާނެއެވެ.
މީގެ އިތުރުން، ދުވެލި މަޑުކުރުމަށާއި ފުރާނައިގެ އަގުބޮޑުކަން ހަނދާންކޮށްދިނުމަށް ލައުޑް ސްޕީކަރު ބޭނުންކޮށްގެން ވެސް މައުލޫމާތު ހިއްސާކުރަމުންދާނެއެވެ. މި ހަރަކާތަށް ރައްޔިތުންގެ ވަރަށް ބޮޑު އެއްބާރުލުމަކާއި ސަމާލުކަމެއް ލިބެމުންދާކަން ފުލުހުން ފާހަގަ ކުރައްވައެވެ.
މީގެ ކުރިން ފުލުހުން މިފަދަ ޑެމޯ އެކްސިޑެންޓްތައް ދައްކާލަމުން ދިޔައީ އެކިއެކި ރޯޑްޝޯތަކާއި އިވެންޓްތަކުގައެވެ. ނަމަވެސް އެންމެ ފަހުން މިވަނީ މަގުތަކަށް ނުކުމެފައެވެ. މަގުތަކަށް ނުނިކުންނަންވީ ސަބަބެއް ނެތެވެ.
އެކްސިޑެންޓްތައް ދުވަހަކަށް ވުރެން ދުވަހެއް ދަނީ އިތުރުވަމުންނެވެ. އެންމެ ފަހުން މިދިޔަ އާދިއްތަ ދުވަހު މާލޭގައި ހިނގި ނުރައްކާތެރި އެކްސިޑެންޓުންވެސް އެކަން ހާމަވެއެވެ.
މީގެ އިތުރުން ފުލުހުންގެ ތަފާސްހިސާބުތަކުންވެސް އެކްސިޑެންތައް ހިނގާ މިންވަރު ސާފުކޮށްދެއެވެ. މިއަހަރުގެ ޖޫންމަހުގެ ނިޔަކަށް 1000އަށް ވުރެ ގިނަ އެކްސިޑެންތައް ހިނގާފައިވާއިރު މި އެކްސިޑެންޓްތަކުގައި ސީރިއަސް އަނިޔާތަކެއް ލިބި ބައެއް މީހުން ދުނިޔެ ދޫކޮށްފައިވެއެވެ. އަދި ދުއްވާ އުޅަނދުތަކައްވެސް ގެއްލުން ލިބެއެބެ.
އެކްސިޑެންޓްތައް މަދު ކުރުމަށް ހުޅުމާލޭގެ މަގުތަކަށް މި ފަހުން ވަނީ ގިނަ ބަދަލުތަކެއް ވެސް ގެނެސްފައެވެ. އޭގެ ތެރޭގައި ދުނިޔޭގެ ގިނަ ގައުމުތަކެއްގައި ތަޖުރިބާކޮށް އެކަމުގެ ރަނގަޅު ނަތީޖާ ފެނިފައިވާ, ރައުންޑްއެބައުޓްތައް ހެދުން ހިމެނެއެވެ. އަދި ފުލުހުން މަގުތަކުގައި ފޯރިމަރާވަރު ވަނީ އިތުރު ކޮށްފައެވެ.
ފަހަކަށްއައިސް ރާއްޖޭގައި ނުރައްކާތެރި އެކްސިޑެންޓްތައް ހިނގާ މިންވަރު އިތުރުވެފައިވާއިރު، މީގެ ތެރެއިން ބައެއް އެކްސިޑެންޓަކުގައި މީހުންގެ ފުރާނަވެސް ގެއްލިފައިވެއެވެ. އެހެންކަމުން ޓްރެފިކް ގަވާއިދުތަކަށް ހުރުމަތްތެރިކޮށް ހިތައި، އެކުގައި މަސައްކަތްކޮށްގެން މަގުތައް ރައްކާތެރިކުރުމަށް މަސައްކަތް ކުރުމަށް ފުލުހުން ވަނީ އިލްތިމާސްކުރައްވާފައެވެ.
ވަކިން ޚާއްސަކޮށް ދުވެލި މަޑުކުރުމަށާއި، މަގުމަތީގެ ޤަވާއިދުތަކަށް ވެހިކަލް ދުއްވާ ފަރާތްތަކާއި ހިނގާބިނގާވެއުޅޭ މީހުންވެސް މިހާރަށްވުރެ ބޮޑަށް ސަމާލުވެ ހޭލުންތެރިވާންޖެހެއެވެ.