ބާސެލޯނާ އަށް ބަދަލުވުމަށްޓަކައި އެތްލެޓިކޯ މެޑްރިޑާއެކު ސީދާ ވާހަކަތައް ދައްކައި އެ ކުލަބަށް ޕްރެޝަރު ކުރަން ފޯވަޑް ހޫލިއަން އަލްވަރޭޒް ނިންމައިފި އެވެ.
ސްޕޭނުގެ މީޑިޔާތަކުން ބުނާ ގޮތުގައި ވޯލްޑް ކަޕަށް ފަހު ފުރަތަމަ ފަހަރަށް މިއަދު އެތްލެޓިކޯގެ ޕްރެކްޓިހަށް އަލްވަރޭޒް ނުކުންނާނެ އެވެ. ނަމަވެސް މިއީ ކުރިއަށް އޮތް ސީޒަނުގައި އެ ކުލަބަށް ކުޅުމަށްވުރެ ބޮޑަށް ޕްރޮފެޝަނަލް ކޮށް ކުލަބަށް ޕްރެޝަރު ކުރުމުގެ ގޮތުން އޭނާ ފަށާ ހަރަކާތުގެ ފުރަތަމަ ބައެވެ.
ޕްރެކްޓިހަށް ނުކުތުމަށްފަހު އެ ކުލަބާއެކު މެޗުތައް ކުޅުމަކީ އަލްވަރޭޒް ބޭނުންވާ ގޮތެއް ނޫނެވެ. މިއަށްވުރެ ބޮޑަށް އޭނާ ބޭނުންވަނީ ކުލަބުގެ ކޯޝު ޑިއެގޯ ސިމިއޯނޭ އާއި ކުލަބުގެ މެނޭޖްމަންޓާއެކު އޭނާ ވާހަކަ ދެއްކުމެވެ. އަދި އޭނާގެ ކޮންޓްރެކްޓްގައި ބުނާ ގޮތުގެ މަތީން އޭނާ ވެސް އެދޭ ފަދަ ރަނގަޅު އޮފާއެއް ލިބިއްޖެނަމަ އެ ކުލަބަކަށް ދާން އެނާ ދޫކޮށްލުމަށް އަލްވަރޭޒް އެދޭނެ އެވެ.
އެތްލެޓިކޯއާއެކު އޭނާ ހަދާފައިވާ ކޮންޓްރެކްޓް ބުނާ ގޮތުން އަލްވަރޭޒް ބޭނުންވެއްޖެނަމަ އޭނާ ބޭނުން ކުލަބަކަށް ދާން ދޫކޮށްލަންވާނެ އެވެ. ނަމަވެސް މިކަމަށް އިސްނަގަން ޖެހޭނީ ސީދާ އޭނާ އެވެ. މިއަދު ޕްރެކްޓިހަށް ނުކުމެ މިކަން ކުލަބަށް އަންގަން އޭނާ ބޭނުންވަނީ ވެސް މިހެންވެ އެވެ.
އަލްވަރޭޒަ ގަތުމަށް ބާސެލޯނާއިން 100 މިލިއަން ޔޫރޯ ހުށަހެޅި އެވެ. ނަމަވެސް އެތްލެޓިކޯއިން މިހާތަނަށް ބުނަމުން އައީ އެއީ ވިއްކާ ކުޅުންތެރިއެއް ނޫން ކަމަށެވެ. ނުގަބޫލުގައި އަލްވަރޭޒް ބަހައްޓަން ވެސް އެތްލްޓިކޯ ވެސް ބޭނުމެއްނުވެ އެވެ. ނަމަވެސް ބާސެލޯނާ އަށް އޭނާ ވިއްކާލަން އެތްލެޓިކޯ ބޭނުންނުވަނީ ދެ ކުލަބުގެ ގުޅުން ރަނގަޅު ނުވުމާއި ވާދަވެރި ކުލަބަކަށް ވުމުންނެވެ. އެތްލެޓިކޯއިން ވަނީ ގަވާއިދާ ހިލާފަށް ބާސެލޯނާއިން އަލްވަރޭޒްއާ މަޝްވަރާ ކުރި މައްސަލަ ފީފާ އަށް ވެސް ފޮނުވައިފަ އެވެ.
އަލްވަރޭޒް ދާން ބޭނުންވާ ހަމައެކަނި ކުލަބަކީ ބާސެލޯނާ އެވެ. އޭނާގެ ނުގަބޫލުގައި އެހެން ކުލަބަކަށް އޭނާ ވިއްކާލުމުގެ ބާރެއް އެތްލެޓިކޯ އަށް ވެސް ލިބިފައިނުވެ އެވެ. މިހެންވެ މިއީ ކުރިއަށް އޮތް ތިން ހަފުތާގައި ހިނގާނެ އެންމެ ފޯރިގަދަ ޓްރާންސްފާ ހަރަކާތް ކަމަށް ގިނަ ބަޔަކު މިހާރު ދެކިގެންނެވެ.