އިނގިރޭސިވިލާތައް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށް ފަހު ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ރާއްޖެ ވަޑައިގަންނަވައިފިއެވެ. އެމަނިކުފާނުގެ މިދަތުރުފުޅަކީ މިމަހުގެ 15 އިން 19 އަށް ކުރެއްވި ދަތުރުފުޅެކެވެ.
އެމަނިކުފާނުގެ މި ދަތުރުފުޅުގައި އަރިހުގައި ރާއްޖޭގެ މަތީ ފަންތީގެ ވަފުދެއް ބައިވެރިވެވަޑައިގެންނެވިއެވެ. އެމަނިކުފާނު ލަންޑަނަށް ވަޑައިގެންނެވުމުން އެ ޤައުމުގެ ރަސްގެފާނުގެ ޚާއްސަ މަންދޫބާއި ދައުލަތުގެ ބައެއް އިސް ފަރާތްތަކުން ވަނީ އެމަނިކުފާނަށް ހޫނު މަރުޙަބާއެއް ވިދާޅުވެފައެވެ.
މި ދަތުރުފުޅުގައި އެމަނިކުފާނުގެ އަރިހަށް އެންމެ ފުރަތަމަ އިހްތިރާމުގެ ޒިޔާރަތެއް ކުރެއްވީ އިނގިރޭސިވިލާތުގެ ސްޕީކަރ އޮފް ދަ ހައުސް އޮފް ކޮމަންސް، ރައިޓް އޮނަރަބަލް ސަރ ލިންޑްޒޭ ހޮޔިލް އެވެ. މި ބައްދަލުކުރެއްވުމުގައި ދިވެހިރާއްޖެއާއި އިނގިރޭސިވިލާތާ ދެމެދުގައި ދެމެހެއްޓެނިވި ގޮތެއްގައި ގުޅުން ބަދަހިވެފައި އޮތްކަން ފާހަގަކުރައްވައި، ޚާއްޞަކޮށް ތިމާވެށި ޙިމާޔަތްކުރުމާއި، ދެމެހެއްޓެނިވި ފަތުރުވެރިކަމާއި، މަސްވެރިކަމާއި، ޑިމޮކްރެޓިކް ވެރިކަން ކުރިއެރުވުން ފަދަ ދާއިރާތަކުން، ދޭދޭ ގުޅުން ބަދަހިކުރުމާ ބެހޭގޮތުން، ދެ ބޭފުޅުން މަޝްވަރާ ކުރެއްވިއެވެ.
މި ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ އިނގިރޭސިވިލާތާއި ދިވެހިރާއްޖޭގެ ޤާނޫނު ހަދާ މަޖިލިހުގެ މެންބަރުންގެ މައްޗަށް އެކުލަވާލާފައިވާ އޯލް ޕާޓީ ޕާލިމެންޓަރީ ގްރޫޕް (އޭޕީޕީޖީ)ގެ ބައްދަލުކުރެއްވުމެއްގައިވެސް ބައިވެރިވެވަޑައިގެންފައެވެ. މި ބައްދަލުކުރެއްވުމުގައި، އޭޕީޕީޖީގެ ކޯ-ޗެއަރ، ޔާސްމީން ޤުރެއިޝީ އެމް.ޕީ، ބައްދަލުވުން ފައްޓަވައިދެއްވަމުން ދެއްކެވި ވާހަކަފުޅުގައި، ތަރައްޤީވަމުން އަންނަ ކުދި ޖަޒީރާ ޤައުމުތަކަށް ކުރިމަތިވެފައިވާ ގޮންޖެހުންތައް ޙައްލުކުރުމަށް ބައިނަލްއަޤްވާމީ ފަރާތްތަކަށް އޮތް ޒިންމާގެ މައްޗަށާއި، އެފަދަ ޤައުމުތަކަށް ފޯރުކޮށްދޭންވާ މާލީ އަދި ފަންނީ އެހީތެރިކަމާއި، ބައިނަލްއަޤްވާމީ އެއްބާރުލުމުގެ މައްޗަށް އަލިއަޅުއްވާލެއްވިއެވެ. ރައީސުލްޖުމްހޫރިއްޔާ ވަނީ ދެޤައުމުގެ މެދުގައި އޮތް ބަދަހި ގުޅުމަކީ އިޙްތިރާމާއި، އުޞޫލުތަކެއްގެ މައްޗަށް ބިނާވެފައިވާ ގުޅުމެއްކަމަށާއި، މިގުޅުންތައް އިތުރަށް ހަރުދަނާކުރުމަށް ދިވެހިރާއްޖެއިން އިސްކަންދެއްވާނޭކަމަށް ވިދާޅުވެފައެވެ.
ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅުގެ ތެރެއިން، އިނގިރޭސިވިލާތުގެ ފޮރިން، ކޮމަންވެލްތް އެންޑް ޑިވެލޮޕްމަންޓް އެފެއާޒްގެ ސެކްރެޓަރީ އޮފް ސްޓޭޓް، ރައިޓް އޮނަރަބަލް ޑޭވިޑް ލެމީ ވަނީ ރައީސުލްޖުމްހޫރިއްޔާގެ އަރިހަށް އިޙްތިރާމްގެ ޒިޔާރަތެއް ކުރައްވާފައެވެ. މި ބައްދަލުކުރެއްވުމުގައި، މަސްވެރިކަމުގެ ދާއިރާއާއި، މޫސުމަށް އަންނަ ބަދަލުތަކަށް އެކަށީގެންވާ ގޮތެއްގައި ހޭނުމުގެ މަސައްކަތްތަކުގައާއި، އިއާދަކުރަނިވި ހަކަތަ އިތުރުކުރުމުގައާއި، ތަޢުލީމާއި ސްކޮލަރޝިޕްގެ ފުރުޞަތުތައް އިތުރުކޮށްދިނުމުގައި، އެއްބާރުލުން އިތުރުކުރުމާ ބެހޭގޮތުންވެސް މަޝްވަރާ ކުރެއްވިއެވެ.
ރައީސުލްޖުމްހޫރިއްޔާވަނީ މި ދަތުރުފުޅުގައި އިނގިރޭސިވިލާތުގެ ރަސްގެފާނު، ޗާލްސް ތިން ވަނައާވެސް ބައްދަލުކުރައްވާފައެވެ. ވިންޑްސަރ ކާސްލްގައި ބޭއްވި މި ބައްދަލުކުރެއްވުމުގައި ދެ ބޭފުޅުން ވަނީ ދިވެހިރާއްޖެއާއި އިނގިރޭސިވިލާތާ ދެމެދުގައިވާ ޒަމާންވީ ގުޅުމުގެ މައްޗަށް އަލިއަޅުއްވާލައްވައި، ގުޅުން އިތުރަށް ބަދަހިކުރެއްވުމާ ގުޅޭގޮތުން މަޝްވަރާ ކުރައްވާފައެވެ.
އިނިގިރޭސިވިލާތައް ރައީސުލްޖުމްހޫރިއްޔާ ކުރެއްވި ދަތުރުފުޅުގައި އެ ޤައުމުގެ އިންވެސްޓަރުންނަށް ރާއްޖޭގައި ހުރި ފުރުސަތުތަކާ ގުޅޭގޮތުން ކުރިއަށްގެންދިޔަ ބިޒްނަސް ފޯރަމުގައިވެސް ބައިވެރިވެވަޑައިގެންނެވިއެވެ. މި ފޯރަމުގައި ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ ދިވެހިރާއްޖޭގައި ވުނަކުރުމުގެ މާޙައުލު އިތުރަށް ހަރުދަނާކުރެއްވުމަށް ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅުތަކުގެ ތެރޭގައި، ފޮރިން އިންވެސްޓްމަންޓްގެ އާ ޤާނޫނެއް ތަންފީޒުކުރެއްވުމާއި، ޚާއްޞަ އިޤްތިޞާދީ ސަރަޙައްދުތަކުގެ ހަރަކާތްތައް އަލުން ހިންގަވަން ފެއްޓެވުން ހިމެނޭކަން އެ މަނިކުފާނު ފާހަގަކުރެއްވާފައެވެ. އަދި ވިލުންތެރި އިޤްތިޞާދަކަށް ރާއްޖެއިން ކުރާ ދަތުރުގައި އިނގިރޭސި ވިޔަފާރިތަކަށް މުހިއްމު ދައުރެއް އަދާކުރެވޭނެކަން އެމަނިކުފާނު ވަނީ ފާހަގަކުރައްވާފައެވެ.
މި ފޯރަމްގައި އެ މަނިކުފާނު ވަނީ، ދިވެހިރާއްޖޭގެ މަސްވެރިކަން ޕްރޮމޯޓްކުރުމަށް ބޭނުންކުރާ ބްރޭންޑް "ފްރޮމް މޯލްޑިވްސް" އިފްތިތާޙްކޮށްދެއްވާފައެވެ.
މިދަތުރުފުޅު ނިންމަވާލެއްވުމުގެ ކުރިން އެމަނިކުފާނު ވަނީ، ކޮމަންވެލްތުގެ ސެކްރެޓަރީ ޖެނެރަލް ޝާލީ އަޔޯކޯ ބޮޗްވޭއާއިވެސް ބައްދަލުކުރައްވާފައެވެ. މި ބައްދަލުކުރެއްވުމުގައި، ބައިނަލްއަޤްވާމީ މަސްރަޙުގައި، ތަރައްޤީވަމުން އަންނަ ކުދި ޖަޒީރާ ޤައުމުތަކުގެ މެދުގައި އިސްކަންދޭ ކަންކަމަށް ވަކާލާތުކުރުމުގައި ދިވެހިރާއްޖެއިން އަދާކުރަމުންދާ އިސް ދައުރު ރައީސުލްޖުމްހޫރިއްޔާ ވަނީ ފާހަގަކުރައްވާފައެވެ. އަދި 2040 ވަނަ އަހަރާ ހަމައަށް ތަރައްޤީވެފައިވާ ޤައުމެއްގެ ދަރަޖައަށް ދިވެހިރާއްޖެ ގެންދިއުމުގެ ޤައުމީ ތަޞައްވުރު ކުރިއަށް ގެންދިއުމުގައި، ކޮމަންވެލްތުން ދެއްވާ އެއްބާރުލުމުގެ މުހިންމުކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ.
އިނގިރޭސި ވިލާތައް ރައީސުލްޖުމްހޫރިއްޔާ ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށް ފަހު މާލެ ވަޑައިގަތުމުން ވެލާނާ އެއަރޕޯޓުން އެމަނިކުފާނަށް މަރުހަބާ ދެންނެވުމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަދި ވަޒީރު ވަނީ ވަޑައިގަންނަވާފައެވެ.