ޝޫޓިން އެސޯސިއޭޝަން އޮފް މޯލްޑިވްސްއިން އިންތިޒާމުކުރާ ގައުމީ ޝޫޓިން ސްޕޯޓްސް ޗެމްޕިއަންޝިޕް 2025 ގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.
އާންމުންނަށްވެސް ބައިވެރިވެވޭނެހެން މިމުބާރާތް އިއުލާންކޮށްފަވާއިރު، މިއީ މިގޮތަށް މިމުބާރާތް ބާއްވާ ދެވަނަ އަހަރެވެ. ރާއްޖޭގައި ޝޫޓިންގ ކުރިއަރުވާ މިކުޅިވަރުން ޒުވާން އެތުލީޓުން އުފެއްދުމުގެ މަގްސަދުގައި މިމުބާރާތް ބާއްވާއިރު މިއަހަރުގެ މުބާރާތުގައި ހަތަރު ކެޓެގެރީއަކުން ވާދަކުރުގެ ފުރުސަތުވަނީ ހުޅުވާލާފައެވެ.
އެއީ ގައުމީ ޓީމުގައި ހިމެނޭ ޝޫޓަރުންނާ، ކުރިން ގައުމީ ޓީމުގައި ހިމެނި ބައިނަލްއަގްވާމީ މުބާރާތްތަކުގައި ވާދަކޮށްފައިވާ އެތުލީޓުންނަށް ޚާއްސަކޮށްގެން ކުރިއަށްގެންދާ ޕްރޮފެޝަނަލް ކެޓެގެރީއާއި 12 އަހަރުންމަތީގެ އެންމެހާ ފަރާތްތަކަށް އާންމުކޮށް ހުޅުވާލައިގެން ކުރިއަށްގެންދާ އޯޕަން ކެޓެގެރީއާއި 16 އަހަރާ 21 އަހަރާ ދެމެދަށް ޚާއްސަކޮށްގެން ކުރިއަށްގެންދާ ޖޫނިއާ ކެޓެގެރީގެ އިތުރުން 12 އަހަރާ 16 އަހަރާ ދެމެދުގެ ކުދިންނަށް ޚާއްސަ ޔޫތު ކެޓެގެރީއެވެ.
މިމުބާރާތުގައި ބައިވެރިވުމުގެ ސުންގަޑިއަކީ އޮގަސްޓުމަހުގެ ފަސްވަނަ ދުވަހާ ހަމައަށެވެ. އަދި މުބާރާތުގައި ބައިވެރިވާ އެތުލީޓުންނަށް ކޯޗުންގެ ޚިދުމަތާ ފަރިތަކުރުމުގެ އިންތިޒާމު ޝޫޓިންގ އެސޯސިއޭޝަން އޮފް މޯލްޑިވްސްއިން ހަމަޖައްސައިދިނުމަށްވަނީ ހަމަޖައްސާފައެވެ.
މިދިޔަ އަހަރުވެސް މިމުބާރާތް ބާއްވާފަވާއިރު އެމުބާރާތް ވެގެންގޮސްފައި ވަނީ ބޮޑު ތަރުހީބެއް ލިބުނު މުބާރާތަކަށެވެ. މިދިޔަ އަހަރުގެ މުބާރާތުގައި 400 ވަރަކަށް ޝޫޓަރުން ބައިވެރިވިނަމަވެސް ޖާގައިގެ ދަތިކަމާހުރެ މުބާރާތުން ފުރުސަތު ދެވިފައިވަނީ 370 އެތުލީޓުންނަށެވެ.