ރާއްޖޭގެ މިނިވަންކަމަށް 60 އަހަރު ފުރޭއިރު އަޅުގަނޑުމެން ޕީއެސްއެމް ނިއުސްގެ ޓީމުން އެންމެ ޚާއްސަ އިސްކަމެއްދިނީ ދިވެހިންގެ މިނިވަންކަމުގެ ވާހަކައާ ގުޅޭގޮތުން މީގެކުރިން ދިވެހިން ދެކެފައި ނުވާ މަންޒަރުތަކާއި، އަޑުތަކާއި، މައުލޫމާތުތައް މިއަދުގެ މިޖީލަށް ފޯރުކޮށް ދިނުމެވެ.
2025ވަނަ އަހަރު ފާހަގަކުރާ ޚާއްސަ ދުވަސްތައް ރާވައި ޕްލޭން ކުރުމަށް 2024ވަނަ އަހަރުގެ ފަހުކޮޅު ބޭއްވި ބައްދަލުވުމެއްގައި މިނިވަންކަމަށް 60 އަހަރު ފުރޭއިރު ތަފާތުގޮތަކަށް ބެލުންތެރިންނާއި ހަމައަށް ގެންނާނެ ގޮތަކާއި ގުޅޭގޮތުން އަޅުގަނޑުމެން މަޝްވަރާ ކުރީމެވެ.
އެ މަޝްވަރާތަކުގައި މިނިވަންކަމުގެ ތާރީޚީ އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތު އޮތް މާލަމާ ހަމައަށް އަލުން ގޮސް އެތަނުގެ މަންޒަރުތައް ރެކޯޑުކޮށް އެތަނުގައި ތިބެގެން އެ ތާރިޚީ ވާހަކަތައް ދެއްކުމަށް އަޅުގަނޑު ޚިޔާލެއް ދިނީމެވެ. މިޚިޔާލު ދިން އިރުވެސް މިއީ ކުރަން އެހާފަސޭހަ ކަމެއް ނޫންކަމާއި، މިކަން މިހާތަނަށްވެސް ވެފައި ނެތްކަން އަޅުގަނޑުމެންނަށް އެގެއެވެ. ނަމަވެސް މަސައްކަތްކޮށް އެހިސާބަށް ދެވޭނެ ގޮތްތަކެއް ހޯދުމަށް އެދުވަހުން ފެށިގެން އަޅުގަޑުމެން މަސައްކަތް ފެށީމެވެ.
ރާއްޖެ އިނގިރޭސީންގެ ޙިމާޔަތުގެ ދަށުގައި އޮތުމަށްފަހު ފުރިހަމަ މިނިވަން ޤައުމަކަށްވީ، އިނގިރޭސި ސަރުކާރާއި ދިވެހި ސަރުކާރާ ދެމެދު ސޮއިކުރި އެއްބަސްވުމަކާ ގުޅިގެންނެވެ. މި
އެއްބަސްވުމުގައި ސޮއިކުރީ 1965 ވަނަ އަހަރުގެ ޖުލައިމަހުގެ 26 ވަނަ ދުވަހުއެވެ. ދިވެހިންނަށް ފުރިހަމަ މިނިވަންކަން ލިބުނު އެއްބަސްވުމުގައި ސޮއިކުރުން އޮތީ ސްރީލަންކާގައި ހުންނަ އިނގިރޭސި އެމްބަސީގައެވެ. ރާއްޖޭގެ ފަރާތުން ސޮއިކުރެއްވީ ރާއްޖޭގެ ޢިއްޒަތްތެރި ބޮޑުވަޒީރު ސުމުއްވުލް އަމީރު އިބްރާހިމް ނާސިރު ރަންނަބަނޑޭރި ކިލެގެފާނެވެ. އެއީ ފަހުން ރާއްޖޭގެ ދެވަނަ ޖުމްހޫރިއްޔާގެ ފުރަތަމަ ރައީސެވެ. އަޅުގަނޑުމެން މަސައްކަތް ކުރީ މިނިވަންކަމަށް 60 އަހަރު ފުރޭއިރު، އެމަނިކުފާނު ސޮއިކުރެއްވި އެ ތާރީޚީ މާލަމުގެ މަންޒަރުތައް ގެނެސްދިނުމަށެވެ.
މި މަސައްކަތް ފެށިއިރު، އަޅުގަނޑުމެން މަޝްވަރާހޯދި ގިނަ ބޭފުޅުން މިއީ ކުރެވިދާނެ ކަމެއްތޯ ސުވާލު އުފެއްދެވިއެވެ. އެއީ މީގެ ކުރިންވެސް މިމަސައްކަތް ކުރަން ބޭނުންވެ އެކަން ނުކުރެވި އޮތުމުންނެވެ. ނަމަވެސް އަޅުގަނޑުމެންގެ ޓީމުން ބެލީ މިއީ ވާނެކަމެއްކަމަށް ބަލައިގެން މަސައްކަތްތަކެއް ފެށުމަށެވެ.
މި މަސައްކަތުގައި މިއަހަރު 2025ގެ ކުރީކޮޅު ރާއްޖޭގެ ޚާރިޖީ ވަޒީރު ޑރ. ޢަބްދުﷲ ޚަލީލާ ބައްދަލުކޮށް މިކަމަށް އަޅުގަނޑުމެން އެދުނީމެވެ. ވަޒީރު ވަނީ މިކަމުގައި ޚާރިޖީ ވުޒާރާއިން ވެދެވެން އޮތް އެންމެހައި އެހީތެރިކަމެއް ފޯރޮކޮށް ދެއްވާނެކަމުގެ ޔަގީންކަން ދެއްވާފައެވެ. އެއަށްފަހު އަޅުގަނޑުމެންނާ ޚާރިޖީ ވުޒާރާގެ އިސްބޭފުޅުންނާއެކު ކުރެވުނު މަޝްވަރާތަކަށްފަހު ރާއްޖޭގައި ހުންނަ އިނގިރޭސީ އެމްބަސީއާއި ސިޓީބިޓީ ބަދަލުކޮށް، އަލިމަގެއް ހޯދުމަށް ކެނޑިނޭޅި ދިޔައީ މަސައްކަތް ކުރަމުންނެވެ.
ޚާރިޖީ ވުޒާރާގެ އެހީތެރިކަމާއެކު މިކަމުުގައި އަލިމަގެއްފެނި، 2025 މެއި މަހުގެ ފަހުކޮޅު، ސްރީލަންކާގައި ހުންނަ އިނގިރޭސި އެމްބަސީއަށް ވަނުމުގެ ހުއްދަ އަޅުގަނޑުމެންނަށް ލިބުނެވެ. މި ޔަޤީންކަން ލިބުމާއެކު އަޅުގަނޑުމެން، ދިވެހި ބަހާއި ސަގާފަތާއި ތަރިކައާބެހޭ ވަޒީރު އާދަމް ނަޞީރު އިބްރާހީމާ މަޝްވަރާކޮށް، މި ޑޮކިއުމަންޓްރީގައި އަޅުގަނޑުމެންނާއެކު މަސައްކަތް ކޮށްދެއްވާނެ ތާރިޚީ ޢިލްމީ ބޭފުޅަކު ހަމަޖައްސަވައި ދެއްވުމަށް އެދުނީމެވެ. ވަޒީރުވަނީ މިކަމުގައި ރާއްޖޭގެ ތާރީޚު ދިރާސާކުރައްވާ ޒުވާން މުއައްރިޚު އަލާ ދީދީ ހަމަޖައްސަވައި ދެއްވާފައެވެ.
ސްރީލަންކާއަށް ފުރުމުގެ ކުރިން އަލާއާއެކު އަޅުގަނޑުމެންގެ ޓީމުން ކުރި މަޝްވަރާގައި ޑޮކިއުމަންޓްރީ އިތުރަށް ފުރިހަމަ ކުރުމަށް ބޭނުންވާ އެތައް މައުލޫމާތުތަކެއް ވަނީ ދެއްވާފައެވެ. އަދި މީގެ 60 އަހަރު ކުރިން ދިވެހިން ސްރީލަންކާއަށް ގޮސް ވިޔަފާރީގެ މުޢާމަލާތްތައް ކުރި މައި ބަނދަރާއި، އޭރުގެ ރާއްޖޭގެ އެތަކެއް ވެރިންނެއް ފަސްދާނުލެވިފައިވާ ގަބުރުސްތާނާއި، ރާއްޖޭގެ ފުރަތަމަ ބޮޑުވަޒީރު ސްރީލަންކާގައި ދިރިއުޅުއްވި ގެކޮޅާއި މިފަދަ އެތައް ތަނެއް މި ޑޮކިއުމަންޓްރީއަށް މުހިންމުވާނެކަމަށް ވިދާޅުވިއެވެ.
އަލާގެ މުއްސަނދި މައުލޫމާތުތަކާއެކު އަޅުގަނޑުމެން ސްރީލަންކާއަށް ގޮސް ވީޑިއޯ ކުރެވޭނެ ހުއްދަތައް އެޤައުމުގައި ހުންނަ ދިވެހި އެމްބަސީ މެދުވެރިކޮށް ހޯދީމެވެ. މިކަމުގައި ސްރީލަންކާގައި ހުންނަ ދިވެހި ސަފީރު މަސްއޫދު އިމާދާއި، އެމްބަސީގެ މުވައްޒަފުންނާއި އަދި ވަކިން ޚާއްސަކޮށް، ވަރުދާ، މިދުހަތު އަދި ސިމްގެ އެއްބާރުލުން އިންތިހާއަށް ލިބުނެވެ.
އަޅުގަނޑުމެން ސްރީލަންކާއަށް ދުތުރު ފެށީ މެއިމަހުގެ 28 ވަނަ ދުވެހުއެވެ. މި މަސައްކަތް ކުރުމަށް އަޅުގަނޑުމެން ފުރީ 5 ދުވަހުގެ ދަތުރެއްގައެވެ. ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުން ދަތުރު ފެށި ހިސާބުން އަލާގެ ތާރީޚީ މައުލޫމާތުގެ ފޮތް ހުޅުވާލައި ރާއްޖޭގެ ތާރީޚީ އެތައް ވާހަތަކެއް އަޅުގަނޑުމެންނާއި ހިއްސާކުރަމުން ގެންދެވިއެވެ. ލަންކާ އެއަރޕޯޓަށް އަޅުގަނޑުމެން ފޭބި ވަގުތުން ފެށިގެން ދަތުރު ނިންމައި މާލެ އައުމާ ހަމައަށްވެސް ލަންކާގައި ހުންނަ ދިވެހި އެމްބަސީން ވަނީ ވަރަށް ފުރިހަމަ އިންތިޒާމު ތަކެއް އަޅުގަނޑުމެންގެ ޓީމަށް ހަމަޖައްސަވައި ދެއްވާފައެވެ.
ލަންކާއަށް އަޅުގަނޑުމެން ދިޔައީ 28 ވަނަ ދުވަހު ހަވީރުގެ ފްލައިޓުންނެވެ. އަޅުގަނޑުމެން ޓީމުގެ ޕްލޭނަކަށްވީ 29 ވަނަ ދުވަހު ވީހާވެސް ހެނދުނާ މަސައްކަތް ފެށުމެވެ. ނަމަވެސް ލަންކާގައި ފޮޓޯ އަދި ވީޑިއޯ ނެގުމަށް ބޭނުންވާ ބައެއް ހުއްދަތައް ހަމަނުޖެހި އޮތުމުން އެންމެ ހެނދުނާ މަސައްކަތް ނުފެށުނެވެ.
ނަމަވެސް އެދުވަހު ހަވީރުން ފެށިގެން އަޅުގަނޑުމެންގެ ޓީމުން އަލާގެ އިރުޝާދާއެކު ޑޮކިއުމަންޓްރީއަށް ބޭނުންވާ ވަރަށް ގިނަ ފުޓޭޖްތައް ނަގައި އެއްކުރުމުގެ މަސައްކަތް ފެށީމެވެ. މި މަސައްކަތް ދިޔައީ ވަރަށް ބުރަކޮށް އަދި އެހާމެ މަޖަލާއި ސަކަރާތުގައެވެ.
ޖެހިގެން އޮތް 30 ވަނަ ދުވަހަކީ މިނިވަންކަމުގެ ސޮއިކުރި މޭޒާހަމައަށް އަޅުގަނޑުމެންނަށް ދާން ވަގުތުދީފައި އޮތް ދުވަހެވެ. ނަމަވެސް 29 ވަނަ ދުވަހު ޝޫޓިންގައި ތިއްބާ އައި ކޯލަކީ އަޅުގަނޑުމެންނަށް އެތަނަށް ވަންނަން ރިކުއެސްޓް ކުރެވިފައި އޮތީ ޖޫން 30ގައި ކަމަށެވެ. މި ޚަބަރާއިއެކު ޓީމުގެ މެމްބަރުންނަށް މާޔޫސްކަމެއް ލިބުނެވެ.
ނަމަވެސް އަޅުގަނޑުމެން އެވަގުތުން ފެށިގެން މަސައްކަތް ކުރީ އިނގިރޭސި އެމްބަސީއާއި ރާއްޖޭގެ ޚާރިޖީ ވުޒާރާ މެދުވެރިކޮށް ވާހަކަ ދައްކައިގެން އެތަނަށް ވަނުމުގެ ހުއްދަ އަވަހަށް ލިބޭތޯއެވެ. މިކަމުގައި ވަޒީރު ޑރ.ޚަލީލާއި، ލަންކާގައި ހުންނަވާ ދިވެހި ސަފީރު މަސްއޫދު ޢިމާދު ވަނީ ވަރަށް ބޮޑު އެއްބާރުލުމެއް ދެއްވައި މިކަން ކުރެވޭނެ މަގު އަޅުގަނޑުމެންނަށް ތަނަވަސް ކޮށްދެއްވާފައެވެ.
މިހާސްކަމުގައި ތިން ގަޑިއެއްހާއިރު ދިވެހި އެމްބަސީގައި ތިބުމަށްފަހު އެނބުރި ގެޔަށް އައިސް އަޅުގަނޑުމެން ތައްޔާރުވީ މިނިވަންކަމުގެ ސޮއިކުރި މާލަމަށް އަނެއް ދުވަހު ގޮސް ޝޫޓުކުރާއިރު ދައްކާނެ ވާހަކަތަކާއި، މަންޒަރުތައް ގެންނާނެ ގޮތާ ގުޅޭ މަޝްވަރާކުރުމުގައެވެ.
އަޅުގަނޑުމެންނަށް އިނގިރޭސީ އެމްބަސީން ދީފައި އޮތީ 30ވަނަ ދުވަހުގެ ހެނދުނު 9:00 އަށް ޝޫޓު ކުރުމަށެވެ. އެތަނުގައި އެދުވަހު އެހެން ކަމެއްވެސް އޮތުމުން އަޅުގަނޑުމެންނަށް ޝޫޓު ކުރަން ދިނީ 1 ގަޑިއިރުގެ ވަގުތެކެވެ. އެދުވަހަކީ ލަންކާއަށް މޫސުން ގޯސްވެ އޮރެންޖު އެލާޓްވެސް ނެރެފައި އޮތް ދުވަހެކެވެ. އެމްބަސީއާއި ހަމައަށް ދެވުނީވެސް ޓްރެފިކާއިއެކު، 10 ވަރަކަށް މިނިޓް ލަހުންނެވެ. ނަމަވެސް އިނގިރޭސި އެމްބަސީން އަޅުގަނޑުމެން ބޭނުންވި ހުރިހާ އިންތިޒާމެއް ހަމަޖައްސަވައިދެއްވިއެވެ.
އެތަނުން އަޅުގަނޑުމެންނަށްވެސް އަދި މުއައްރިޚް އަލާއަށްވެސް ފާހަގަވި އެންމެ ހައިރާން ކުރަނިވި ކަންމަކަކީ މީގެ 60 އަހަރު ކުރިންވެސް އެތަން ހުރި ގޮތަށް މިއަދުވެސް ހުރުމެވެ. އެތާގައި ހުރި ގޮޑިތަކާއި، ބަހައްޓާފައި ހުރި ބައެއް ފޮޓޯތަކާއި، ޗާންދަލިޔާތަކަކީ މީގެ 60 އަހަރު ކުރިންވެސް ބޮޑުވަޒީރު ނާސިރު ދިވެހިންގެ މިނިވަންކަމުގެ ސޮއިކުރެއްވި ދުވަހުވެސް އެތަނުގައި ހުރި އަދި ބޭނުންކުރި ތަކެއްޗެވެ. ޝޫޓިން ފެށިގެން ނިމެންދެން އަޅުގަނޑުމެންނާއެކު އިނގިރޭސި އެމްބަސީގެ މުވައްޒަފެއްވެސް ހުއްޓެވެ. އޭނާ ބުނީ މިހާރު އެތަން ބޭނުން ކުރަނީ އިނގިރޭސި ސަފީރުގެ އެކި އިވެންޓްތަކަށް ކަމުގައެވެ.
އިނިގިރޭސި އެމްބަސީގައި އަޅުގަނޑުމެން ދޮޅުގަޑިއިރު ހޭދަކުރީމެވެ. އެ ދޮޅު ގަޑިއިރަކީ މީގެ 60 އަހަރު ކުރިން މަރުހޫމް ސުމުއްވުލް އަމީރު އިބްރާހިމް ނާސިރު ރަންނަބަނޑޭރި ކިލެގެފާނު މިނިވަންކަމުގެ ސޮއިކުރެއްވި މާލަމުން އެއިހުސާސްތައް ގެނެސްދިނުމަށް ހޭދަކުރި ކުޑަވަގުތުކޮޅެކެވެ.
މިދަތުރުގައި އަޅުގަނޑުމެން މަސައްކަތް އިނގިރޭސި އެމްބަސީއާ ހަމައިން ނިމުނީކީ ނޫނެވެ. ދެން އަޅުގަނޑުމެން މިސްރާބު ޖެހީ ގާލީ އާދެ، ގޯލްގެ ބަނދަރަށެވެ. މިތަނަށް ދެވެނީ ކޮލަމްބޯއިން 3 ގަޑިއިރުގެ ދަތުރަކަށްފަހުއެވެ. އެތަނަށް ގޮސް އަޅުގަނޑުމެން އެތާގައި ދިރިއުޅޭ 60 ނުވަތަ 70 އަހަރުގެ މީހުންނާ ވާހަކަ ދައްކާލުމުން ދިވެހީން އެޒަމާނުގައި އެތަނަށް ގޮސް ކުރި ވިޔަފާރިތަކާއި، ވިއްކަން ގެންދާ ތަކެއްޗާއި، ދިވެހީންގެ ހިތްހެޔޮކަމުގެ އެތައް ވާހަތަކެއް ހިއްސާކުރިއެވެ.
ގޯލަށް އަޅުގަނޑުމެން ކުރި ދަތުރަކީވެސް ތާރީޚީ އެތައްކަމެއް އޮޅުންފިލި، ދިވެހިންގެ މުއްސަދި ތާރިޚާއި، އަޚުވަންތަކަން އަދި އޭރުގެ ދިވެހި ވިޔަފާރިވެރިންގެ ކުޅަދާނަކަން ދޭހަވި ދަތުރެކެވެ. ގޯލްގެ މަގުތަކާއި، ގެތައް ސިފަވެގެންދިޔައީ ދިވެހިންގެ ދިރިއުޅުމުގެ ވައްޓަފާޅިއާއި ދާދި އެއްކަހަލަ ގޮތަކަށެވެ. މުސްލިމުން ގިނަ ގޯލަކީ ދިވެހިންގެ ތާރީޚުގެ އެތައްކަމެއް މިއަދުވެސް ފެންނަން އޮތް ތަނެކެވެ. އެކަން ޔަގީންވެގެން ދިޔައީ އެތާގެ ވަޒަން ވެރިން ދިވެހިންނާއިމެދު ދެއްކިވާހަކަ ތަކުންނެވެ.
ގޯލްގެ ދިގު ދަތުރު ނިންމާލުމަށްފަހު ޖެހިގެން އައި ދުވަހު އަޅުގަނޑުމެން ދިޔައީ ރާއްޖޭގެ އެތައް ބޭފުޅުންނެއް ވަޅުލާފައިވާ ގަބުރުސްތާނަކަށެވެ. މާލިގަވައްތާގެ ގަބުރުސްތާނުގައި ދިވެހިންގެ އެތައް ވެރިންނެއް ވަޅުލާފައިވެއެވެ. ރާއްޖޭގެ ފުރަތަމަ ނައިބް ރައީސްގެ މަހާނަވެސް އޮތީ ހަމަ އެގަބުރުސްތާނުގައެވެ. މިނޫންވެސް ދިވެހިންނާ ގުޅުންއޮތް އެތައް ތަނެއްގެ މަންޒަރާއި ފޮޓޯ އަޅުގަނޑުމެންވާނީ އެއްކޮށްފައެވެ.
މިނިވަންކަމުގެ ސޮއިކުރި މާލަމާ ހަމައަށް އަޅުގަނޑުމެން ކުރި ދަތުރަކީ ފަސޭހަ ދަތުރެއް ނޫނެވެ. އެތައް ހުރަހެއް ގިރާކޮށް، އެތައް ދުވަހެއްގެ މަސައްކަތުން މިނިވަންކަމުގެ 60 އަހަރު އަޅުގަނޑުމެންނާ ބައްދަލުކުރާ ދުވަހު ދިވެހި ރައްޔިތުންނަށް، އަދި މިޖީލަށް މިމަސައްކަތް ފޯރުކޮށްދެވޭކަމީ އަޅުގަނޑުމެންގެ މުޅި ޓީމު ނުހަނު ފަޚުރުވެރިވާކަމެކެވެ.