ޚަބަރު

ކެނދިކުޅުދޫގައި އާރްޓީއެލް ބަހުގެ ޚިދުމަތް ފަށައިފި


  • ބަހުގެ ޚިދުމަތާއެކު އެރަށުގެ ސްކޫލު ކުދިންނަށް ބަހުގެ ޚިދުމަތް ދޭނެ

މިލަދުންމަޑުލު ދެކުނުބުރީ ކެނދިކުޅުދޫގައި އާރްޓީއެލް ބަހުގެ ޚިދުމަތް ފަށައިފިއެވެ.

ކެނދިކުޅުދޫގައި ބަހުގެ ޚިދުމަތް ފަށާފައިވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިހާރު ނ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިންނެވެ. އެރަށުގައި ބަހުގެ ޚިދުމަތް ރަސްމީކޮށް ފަށްޓަވައިދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއެވެ. ޚިދުމަތް ފަށްޓަވައި ދެއްވުމަށް ބަހުގެ ޚިދުމަތް އެމަނިކުފާނު ވަނީ ތަޖުރިބާ ކުރައްވާފައެވެ.

ބިމުގެ ގޮތުން ބޮޑު ކެނދިކުޅުދޫގައި ބަހުގެ ޚިދުމަތް އެ ރަށުގެ ދެ އަވަށުގެ ސްކޫލު ކުދިންނަށް ދިނުމަށް ވަނީ ހަމަޖެހިފައެވެ.

އާރްޓީއެލްގެ ބަހުގެ ޚިދުމަތް ކެނދިކުޅުދޫގައި ފަށާފައިވާއިރު، ރާއްޖޭގައި މީހުން ދިރިއުޅޭ އާބާދީގެ ގޮތުން، ބޮޑެތި ރަށްރަށާއި ސިޓީތަކުގައި ބަހުގެ ޚިދުމަތް ފޯރުކޮށްދެއެވެ.

އާރްޓީއެލްގެ ޚިދުމަތް ސަރުކާރުން ފޯރުކޮށްދެނީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ އެމްޓީސީސީއާ ހަވާލުކޮށްގެންނެވެ. މި މަޝްރޫޢު ކުރިއަށްގެންދަނީ ރާއްޖެ 6 ޒޯނަކަށް ބަހާލައިގެންނެވެ. އެގޮތުން ބަހާއި ފެރީ ޚިދުމަތް ދޭއިރު، މުޅި ރާއްޖެ ފެރީގެ ނިޒާމުން ގުޅުވާލުމަކީ ސަރުކާރުގެ އަމާޒަކެވެ.

އެންމެ ފަހުން އާރްޓީއެލްގެ ފެރީ ޚިދުމަތް ފަށާފައިވަނީ ރ. އަތޮޅުގެ ރަށްރަށަށެވެ. މި ޚިދުމަތަކީ އަތްފޯރާ އަގެއްގައި ރާއްޖޭގެ ރަށްތަށް ހައި ސްޕީޑް ފެރީ ނިޒާމުން ގުޅާލުމަށް ސަރުކާރުން ކުރިއަށްގެންދާ މަޝްރޫޢެކެވެ.