ނ. ކެނދިކުޅުދޫގައި ކުރިއަށްގެންދާ ނޭޗަރ ޕާކު ތަރައްޤީކުރުމުގެ މަޝްރޫޢުގެ ދަށުން ހަދާ ވިޒިޓަރ ސެންޓަރުގެ ބިންގާ އަޅައިފިއެވެ.
މި ސެންޓަރުގެ ބިިންގާ އަޅާފައިވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ނ. އަތޮޅަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިން ކެނދިކުޅުދޫގައި މިއަދު ހަވީރު ބޭއްވި ރަސްމިއްޔާތެއްގައެވެ. މިރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ދައުލަތުގެ ބައެއް ވަޒީރުންނާއި ކުންފުނިތަކުގެ ވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.
މި ރަސްމިއްޔާތުގައި ކެނދިކުޅުދޫ ވިޒިޓަރ ސެންޓަރުގެ ބިންގާ އަޅުއްވައިދެއްވީ ފަތުރުވެރިކަމާއި ތިމާވެއްޓާބެހޭ ވަޒީރު ޠާރިޤު އިބްރާހީމެވެ. މި ސެންޓަރަށް ދީފައިވަނީ "ދި މެންގްރޫވް ސެންޓަރ" މިނަމެވެ.
ކެނދިކުޅުދޫގައި ތަރައްޤީކުރާ ނޭޗަރ ޕާކު މަޝްރޫޢަކީ ކެނދިކުޅުދޫ ކައުންސިލާއި ފަތުރުވެރިކަމާއި ތިމާވެއްޓާ ބެހޭ ވުޒާރާ ގުޅިގެން ކުރިއަށްގެންދާ މަޝްރޫޢެކެވެ. މިއީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވަޢުދުފުޅުގައި ހިމެނޭހެން ކޮންމެ އަތޮޅެއްގައި ނޭޗަރ ޕާކެއް ޤާއިމުކުރުމުގެ ސިޔާސަތާއި، އެރަށުގައި އީކޯ ޓޫރިޒަމް ފުޅާކުރުމަށް ކުރެވޭ މަސައްކަތަށް ބާރުއެޅުމަށް ހިންގޭ މަޝްރޫޢެކެވެ.
މި މަޝްރޫޢުގެ ތެރެއިން ނޭޗަރ ބޭސްޑް ރެކްރިއޭޝަނަލް ހަރަކާތްތަކަށް ބޭނުންވާ ކެނޯ، ލައިފް ބޯޓު، ޕެޑަލް ބޯޓު އަދި އެއްގަމު ދަތުރުފަތުރަށް ބޭނުންވާ ބެޓްރި ބައިސްކަލާއި ބަގީފަދަތަކެތި ފޯރުކޮށްދިނުމަށް ވަނީ ހަމަޖެހިފައެވެ. އަދި ވިޒިޓަރ ސެންޓަރާއި ނޭޗަރ ޕާކުގައި ހިމެނޭ ރޫޓުތައް ހެދުމުގެ މަސައްކަތްވެސް ކުރެވިގެންދާނެއެވެ.
މިއީ ކެނދިކުޅުދޫގައި ލޯކަލް ޓޫރިޒަމް ،ކުރިއެރުވުމަށް ވަކިން ޚާއްސަކޮށް ތިމާވެއްޓާ ރައްޓެހި ފަތުރުވެރިކަން ޕްރޮމޯޓްކޮށް ރަށުގެ ގުދުރަތީ މުއްސަނދިކަން އިޝްތިހާރުކުރުމަށް ކުރިއަށްގެންދެވޭ ވަރަށް މުހިންމު މަޝްރޫޢެއްގެ ގޮތުގައި ކެނދިކުޅުދޫ ކައުންސިލުން ވަނީ ފާހަގަކުރައްވަފާއެވެ.
ކައުންސިލުގެ މި މަސައްކަތަށް ފުރިހަމަ އެހީތެރިކަމާއި އެއްބާރުލުން ސަރުކާރުގެ ފަރާތުން ދެއްވާނެކަމުގެ ޔަޤީންކަން ކެނދިކުޅުދޫ ރައްޔިތުންނާއެކު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ބޭއްވެވި ބައްދަލުކުރެއްވުމުގައި އެމަނިކުފާނު ވަނީ ދެއްވާފައެވެ.